ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރަމުންއަންނަ ލުބްނާންގެ ޖަމާއަތް ހިޒްބުﷲގެ އަމީން އާއްމު ހަސަން ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ޖިހާދުކުރުންމަތީގައި ދެމިހުންނާނެކަމަށް އެ ޖަމާއަތުން މިއަދު ބުނެފިއެވެ.
ހިޒްބުﷲގެ އިސް ލީޑަރެއްގެ ގޮތުގައި 1992 އިން ފެށިގެން ހަރަކާތްތެރިވަމުންއަންނަ ނަސްރުﷲ އަވަހާރަކޮށްލީ ލުބްނާންގެ ވެރިރަށް ބައިރޫތަށް އިސްރާއީލުން އިއްޔެ ދިން ވައިގެ ހަމަލާއެއްގައި ކަމަށް ހިޒްބުﷲއިން ބުންޏެވެ.
"ފަލަސްތީނުގެ ޣައްޒާ އާއި ލުބްނާންގެ ކެތްތެރި އަދި ޝަރަފުވެރި ރައްޔިތުންގެ ދިފާއުގައި އަހަރެމެން ކުރަމުންއަންނަ ހަނގުރާމަ ކުރިއަށްގެންދާނަން،" ހިޒްބުﷲއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ބަޔާނުގައި ވަނީ ހިޒްބުﷲގެ އެއް ފައުންޑަރުގެ ގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ނަސްރުﷲ ކުރި މަސައްކަތަށް ޝުކުރުއަދާކޮށް ތައުރީފުކޮށްފައެވެ.
"ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވަންދެން ކާމިޔާބަކަށް ފަހު ކާމިޔާބަކަށް ނަސްރުﷲ އަހަރެމެން ގެންދިޔަ،" ބަޔާނުގައި ބުނެފައިވެއެވެ.
ހިޒްބުﷲއިން ބައިރޫތުގައި ހިންގާ ޓީވީ ޗެނަލް އަލް-މަނާރުގައި ވަނީ ކީރިތި ގުރުއާން ކިޔެވުން ބްރޯޑްކާސްޓްކުރަން ފަށައިފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ ހަމާސް ޖަމާއަތުން ވެސް ވަނީ ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ހިތާމައިގެ ބަޔާނެއް ނެރެފައެވެ.
ނަސްރުﷲ އަވަހާރަކޮށްލުމަކީ އިސްރާއީލާއި ލުބްނާނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް އިތުރުވާނެ ކަމެއްކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ. މިހާރު ވެސް އިސްރާއީލުގެ ހަމަލާތަކުން ވަނީ ލުބްނާންގެ 500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައެވެ.
އިރާންގެ އެހީގައި ހިޒްބުﷲ އުފެއްދުމަށް ފަހު ނަސްރުﷲ ވަނީ އެ ޖަމާއަތަކީ މެދުއިރުމަތީގެ އެންމެ ވަރުގަދަ އެއް އަސްކަރީ ޖަމާއަތަށް ހަދައިފައެވެ.
އޭނާ އަވަހާރަކޮށްލަން އިސްރާއީލުން ދިން ވައިގެ ހަމަލާ އަމާޒުކޮށްފައިވަނީ ބައިރޫތުގެ ބައިބޯ ސަރަހައްދަކަށެވެ. މި ހަމަލާގެ ސަބަބުން އިތުރު ހަ މީހުން ޝަހީދުވެ އަދި އެތައް ބަޔަކު ޒަހަމްވިކަމަށް ލުބްނާންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އިސްރާއީލުން ވަނީ ރޭގައި ވެސް ވައިގެ ހަމަލާތަކެއް ބައިރޫތަށް ފޮނުވައިލައިފައެވެ. އަމާޒަކީ ބައިރޫތުގައި ހިޒްބުﷲ ރައްކާކޮށްފައިވާ ހަތިޔާރުތަކެއް ނައްތައިލުން ކަމަށް އިސްރާއީލުން ބުންޏެވެ.
އިސްރާއީލާއި ލުބްނާނާ ދެމެދު ބަދަލުކުރަން ފެށި ހަމަލާތަކުގެ ސަބަބުން ލުބްނާންގެ ދެކުނުގައި ދިރިއުޅޭ ބައި މިލިއަނެއްހާ މީހުންގެ ގެދޮރު ވަނީ ނެތިގޮސްފައެވެ. އިސްރާއީލުން ހަމަލާތައް ދެމުންދިޔައިރު މަގުމަތީގައި ލުބްނާން މީހުން ނިދާ މަންޒަރު ވެސް ފެނިފައިވާ ކަމަށް ސީ.އެން.އެން.އިން ރިޕޯޓްކުރިއެވެ.



advertisment