ސްރީ ލަންކާގެ އާ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އެ ގައުމުގެ އާ ބޮޑު ވަޒީރަކަށް ހަރިނީ އަމަރަސޫރިޔާ އައްޔަން ކުރައްވައިފިއެވެ.
މިއީ 24 އަހަރަށް ފަހު ލަންކާގެ ބޮޑު ވަޒީރުކަމަށް އަންހެން ބޭފުޅަކު ވަޑައިގަތް ފުރަތަމަ ފަހަރެވެ. އަދި ގައުމުގެ ތާރީހަށް ބަލާއިރު އެ މަގާމަށް ވަޑައިގަތް ތިން ވަނަ އަންހެން ބޭފުޅާއެވެ.
އުމުރުން 54 އަހަރުގެ ހަރިނީއަކީ ޑިސަނަޔަކަގެ ނެޝަނަލް ޕީޕްލްސް ޕަވާ (އެން.ޕީ.ޕީ) ކޯލިޝަންގެ މެންބަރެކެވެ. އަދި އިޖުތިމާއީ އިލްމްގެ މުދައްރިސެކެވެ.
ލަންކާގެ ފުރަތަމަ އަންހެން ބޮޑު ވަޒީރަކީ ސިރިމާވޯ ބަންޑާރަނަޔަކައެވެ. އޭނާ 1960 ގައި ވެގެންދިޔައީ ދުނިޔޭގައި ސަރުކާރެއްގެ އެންމެ އިސްވެރިޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެންބޭފުޅާއަށެވެ. އޭނާގެ އަންހެން ދަރިފުޅު ޗަންދްރިކާ ކުމަރަތުންގަ ވަނީ ހަމަ އެ މަގާމަށް 1994 ގައި ވަޑައިގެންފައެވެ.
ހަރިނީއަށް ކުރިމަތިވެވަޑައިގެންފައިވާ ޒިންމާތަކަކީ އާދަޔާހިލާފު ބޮޑު ގޮންޖެހުންތަކެއް ކަމަށާއި ނަމަވެސް އޭނާއަކީ ހަމަ އެހާ އާދަޔާހިލާފު ގާބިލުކަން ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ.
ދިފާއީ، ހަކަތަ، އަދި ދަނޑުވެރިކަމުގެ ވުޒާރާއާ ޑިސަނަޔަކަ ހަވާލުވެވަޑައިގަތުމަށް ފަހު ހާރިޖީ އަދި އާއްމު ސަލާމަތާ ބެހޭ ވަޒީރަކަށް ވިޖިތަ ހެރަތު ހަމަޖެއްސެވުމާއެކު ހަރިނީއަށް ދެއްވީ ޝަރުއީ، ތައުލީމު، މަސައްކަތްތެރިކަން، ސައިންސް، ސިއްހަތު، އަދި އިންވެސްޓްކުރުމުގެ ވުޒާރާތަކެވެ.
ވާތުފިޔައިގެ ޑިސަނަކަ ރައީސްކަމުގެ ހުވާކުރެއްވީ ހޯމަ ދުވަހުއެވެ. އެއީ 2022 ގައި ލަންކާގައި ބޭއްވި މުޒާހަރާތަކުގެ ސަބަބުން ރައީސް ގޮތަބަޔަ ރާޖަޕަކްސަ އިސްތިއުފާދެއްވުމަށްފަހު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ރެކޯޑު އަދަދަކަށް ބައިވެރިވެވަޑައިގަތް 38 ކެންޑިޑޭޓުންގެ މައްޗަށްކުރި ހޯއްދަވައިގެންނެވެ.
ރައީސްކަމާ ހަވާލުވެވަޑައިގެން ޑިސަނަޔަކަ އިއްޔެ ވަނީ 225 މެންބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީސް އުވައިލައްވައި އާ އިންތިހާބެއް 14 ނޮވެމްބަރުގައި ބާއްވާނެކަން އިއުލާންކުރައްވައިފައެވެ. މިއީ ޕާލަމަންޓްގެ މި ދައުރު ނިމެން އަދި އެއް އަހަރު އޮއްވައެވެ.
ޕާލަމަންޓްގެ އާ އިންތިހާބެއް ބާއްވަވަނީ ޑިސަނަޔަކަގެ ނުފޫޒު ވަރުގަދަކުރެއްވުމަށް ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ. ސަބަބަކީ އޭނާގެ އެން.ޕީ.ޕީ.އަށް ޕާލަމަންޓްގައި ވަނީ އެންމެ ތިން ގޮނޑި ކަމަށްވާތީއެވެ.
ޕާލަމަންޓްގައި އަޣުލަބިއްޔަތެއް ނެތުމުން ފުރިހަމަ ކެބިނެޓެއް އެކުލަވައިލެއްވުމަށް ޑިސަޔަނަކައަށް ދަތިތަކެއް ކުރިމަތިވެވަޑައިގެންފައިވެއެވެ. މިހެންވެ ފަސް އަހަރު ދުވަހުގެ ދައުރެއްގެ އާ ޕާލަމަންޓެއް އަވަސް މުއްދަތެއްގައި ހޮވުމަކީ އޭނާގެ ރިޔާސީ އިންތިހާބުގެ ވައުދެކެވެ.



advertisment