އުމުރުން ދެ އަހަރާއި ބައިގެ ބުޅަލެއް ގެއްލުނީ އެމެރިކާގެ ޔެލޯސްޓޯން ނެޝަނަލް ޕާކަށެވެ. "ރެއިން ބޯ"ގެ ނަމުން ނަން ދީފައިވާ މި ބުޅާ، ގެއްލުނުތާ ދެ މަސް ފަހުން އެނބުރި އައީ އަމިއްލައަށެވެ. އެއީ 1،000 މޭލު އެކަނިމާއެކަނި ހިނގައިފައެވެ.
ރެއިން ބޯ ގެންގުޅޭ ސުސޭން އާއި ބެނީ އެންގުއިއާނޯ އެ ޕާކަށް ކުރި ޒިޔާރަތެއްގައި ރެއިން ބޯ ވަނީ އެ ސޮރު ތަންތަން ބަލަމުން ހިނގަމުން ގޮސް އެ ދެމަފިރިންނަށް ގެއްލިފައެވެ.
"ކޮންމެ ދުވަހަކު އަހަރެންގެ ފިރިމީހާ ބެނީ އެ ޕާކަށް ގޮސް އެތައް ގަޑިއިރެއް ހޭދަކުރި ރެއިން ބޯ ފެނޭތޯ. ނަމަވެސް އެ ކަން ކާމިޔާބެއް ނުވި. އެއީ ވަރަށް ހިތްދަތި ދުވަހެއް. އަހަރެމެން ދެމަފިރިންނަށް އިހުސާސްކުރެވުނީ އެ ސޮރު ދޫކޮށްލައިފައި އެނބުރި އަހަރެމެން އުޅޭ ސަހަރަށް ދެވުނުހެން،" ސުސޭން ބުންޏެވެ.
ރެއިން ބޯ ގެއްލުނުތާ އެއް މަސް ފަހުން ސުސޭންގެ އާއިލާއިން އާ ބުޅަލެއް ހޯދިއެވެ. އެއީ ރެއިން ބޯގެ އެއްމާބަނޑު ބުޅާ ކަމަށްވާ "ސްޓާ"ގެ އެކަނިވެރިކަން ފިލުވައިލުމަށެވެ.

ރެއިން ބޯ އާއި ސްޓާއާ ސުސޭންގެ ދެމަފިރިން ހަވާލުވީ އެ ދެ ސޮރުގެ އުމުރުން 11 ހަފުތާގައެވެ.
ގެއްލުނުތާ 61 ދުވަސް ފަހުން ރެއިން ބޯ ވަނީ ޖަނަވާރުން ހިމާޔަތްކުރާ މަރުކަޒެއް ހުންނަ ހިސާބަކަށް އެ ސޮރަށް އާދެވިފައެވެ. ދެން އެ ތަނުން ސުސޭންއާ ހަވާލުކުރީ ރެއިން ބޯގައި މައިކްރޮޗިޕެއް ހަރުކޮށްފައިވާތީއެވެ.
"ކޮންމެ މީހަކު ވެސް އެ މީހެއް ޕެޓުންގެ ގޮތުގައި ގެންގުޅޭ ޖަނަވާރުންގައި މައިކްރޮޗިޕް ހަރުކުރުމުގެ ބޭނުންތެރިކަން އެނގިގެންދާނެ ކަމަށް އަހަރެމެން އުއްމީދުކުރަން،" ޕްލޭސަރ ސޮސައިޓީ ފޮ ދަ ޕްރިވެންޝަން އޮފް ކްރުއެލްޓީ ޓު އެނިމަލްސްގެ ސީ.އީ.އޯ ލައިލަނި ފްރެޓިސް ސީ.އެން.އެން.އަށް ބުންޏެވެ.
ރެއިން ބޯ ފެނުނުއިރު ވަރަށް ހާލު ދެރަ ކަމަށް އެ ސޮރު ފެނިގެން ޖަނަވާރު ރައްކާތެރި ކުރާ ތަނަށް ގެންދިޔަ އަންހެން މީހާ ބުނި ކަމަށް، ކޭ.އެސް.ބީ.ޑަބްލިޔު.އިން ރިޕޯޓްކުރިއެވެ.
ވަޔޮމިން ސްޓޭޓުން ކެލިފޯނިއާ ސްޓޭޓަށް އެކަނިމާއެކަނި އައީ ކިހިނެތްކަން ބުނަން ނޭނގޭކަމަށް ސުސޭން ބުންޏެވެ.
"ރެއިން ބޯއަށް އަހަރެމެން އުޅޭ ހިސާބަށް އަންނަން އެނގުނީ ކިހިނެތް ކަމެއް ނޭނގެ. އެކަމަކު އާދެވުނީތީ އަހަރެމެން މި ތިބީ ވަރަށް އުފަލުން. ކޮންމެ ދުވަހަކު އަހަރެން އެ ސޮރާ ދިމާއަށް ބަލައިލަނީ ޝުކުރުވެރިކަމާއެކު. އަދި އެ ސޮރު ގާތުގައި ބުނަން 'ތިޔަ މޫނު އަނެއްކާ ދެކިލަން ކިތައް ހަފުތާގައި އަހަރެން ދުއާކުރިކަން އެނގޭ ހެއްޔެވެ؟'" ސުސޭން ސީ.އެން.އެން.އަށް ބުންޏެވެ.



advertisment