Support Us

އދ.ގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގެންފި

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ އިރާކޮޅު ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ ރައީސް މުޢިއްޒު އދގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރައްވާނީ އަންނަ އަންގާރަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން އެކި ދައުލަތްތަކާއި ޤައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދގެ މެންބަރު ޤައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެނބުރިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވާ އާދީއްތަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *