ހަރުފައިގެ ބޮޑު ބާވަތެއް ކަމަށްވާ ޕައިތަނެއް ތައިލެންޑްގައި އަންހެނެއްގެ ގައިގައި އޮޅައިލިތާ ދެ ގަޑިއިރު ފަހުން އޭނާ ސަލާމަތްކޮށްފިއެވެ.
އުމުރުން 64 އަހަރުގެ އަރޮމް އަރުންރޮޖް ބުނީ އޭނާއަށް ފުރަތަމަ އިހުސާސް ކުރެވުނީ އޭނާގެ ގައިގައި 13 ފޫޓު ދިގުމިނުގައި ހުރި މި ހަރުފަ ދަތްއެޅުމެވެ.
ހަރުފައިގެ ބޮލުގައި ހިފުމުން ވެސް އޭނާގެ ބަނޑުގައި އޮޅައިލައިގެން ދޫނުކޮށްލައި އޮތް ކަމަށް އަރޮމް ބުނިކަމަށް ތައިލެންޑްގެ މީޑިއާއިން ބުންޏެވެ.
އަރޮމްއަށް ހަރުފަ ހަމަލާ ދިނީ ރޭގަނޑު ކައިގެން ނިދުމުގެ ކުރިން ފެންވަރަންވެގެން އުޅެނިކޮށެވެ.
ހަރުފަ އޭނާގެ ގައިން ދޫކޮށްނުލުމުން އަރޮމް ފެށީ ހަޅޭއްލަވައިށެވެ. ދެން އަވަށްޓެރިއަކަށް އިވިގެން ރަސްމީ އިދާރާއަކަށް ގުޅައި އަރޮމްއަށް އެހީ ވުމަށް އެދުނެވެ.
އަރޮމްގެ ފިރިމީހާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަރުވުމާ ގުޅިގެން އޭނާ އުޅެނީ ކުއްޔަށް ހިފައިފައިވާ ގެއެއްގައި އެކަންޏެވެ.
"އޭނާގެ ހަންގަނޑު ވަނީ ހުދުވެފައި. ހަރުފަ އޮޅައިލުމުން ލޭ ދައުރުކުރުން މަޑުޖެހުނު ކަމަށް ބެލެވެނީ،" ފުލުހުންގެ ސާޖަންޓް މޭޖާ އަނުސޯން ވޮންގްމަލި އަނުސޯން ބުންޏެވެ.
އޭނާ ބުނީ 20 ކިލޯ ހުރި ކަމަށް ބެލެވޭ ހަރުފަ އަރޮމްގެ ފައިގައި ދަތްއަޅައިފައިވާ ކަމަށެވެ.
"އަދި ގައިގެ އެހެން ތަންތަނާގައި ދަތްއަޅައިފައިވުން ވެސް އެކަށީގެންވޭ،" އޭނާ ބުންޏެވެ.
އަރޮމް ސަލާމަތްކުރުމުގައި ފުލުހުންނަށް އެހީވީ މީހުން ސަލާމަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޝެ ޕޯ ޓެކް ޓުންގް ފައުންޑޭޝަނުންނެވެ.
އަރޮމްގެ ގައިން ހަރުފަ ނައްޓުވައިލެވުނީ ބައިގަޑިއެއްހާއިރުގެ މަސައްކަތުންނެވެ. ދެން އޭނާ ގެންދިޔައީ ފަރުވާ ދިނުމަށް ހޮސްޕިޓަލަކަށެވެ.
ހަރުފަ ނައްޓައިލެވުމާއެކު އެ ސޮރު ވަނީ ޖަންގަލި ތެރެއަށް ފިލައިގެން ގޮސްފައެވެ. ހަރުފަ ހިފުމުގެ ބަދަލުގައި އެންމެން ވެސް އިސްކަން ދިނީ އަރޮމްއަށް ފުރަތަމަ އެހީ ދިނުމަށާއި އޭނާ އަވަހަށް ހޮސްޕިޓަލަށް ގެންދިއުމަށެވެ.
"މި ފަދަ ހާދިސާއެއް އަހަރެންގެ މުޅި އުމުރުގައި ވެސް ތަޖުރިބާއެއްނުކުރަން،" ކައޮސޮޑް އިންގްލިޝްއަށް އަރޮމް ބުންޏެވެ.
ޕައިތަން ދަތް އެޅުމުން ވިހަ ނުވިއަސް އެ ގުނަވަނުގައި އިންފެކްޝަން އުފެދުމުގެ ފުރުސަތުވެއެވެ.
ޕައިތަން އެހެން މަހުލޫގުން މަރައިލަނީ އެ މަހުލޫގެއްގެ ގައިގައި އޮޅައިލައިގެން ނޭވާ ހާސްކޮށްލައިގެންނެވެ. މި ބާވަތުގެ ހަރުފަ 30 ފޫޓަށް ބޮޑުވެއެވެ.
ހަރުފަ ވިހަލުމާއި ޖަނަވާރުން ދަތްއަޅައިގެން ތައިލެންޑްގައި މިދިޔަ އަހަރު 12،000 މީހުންނަށް ފަރުވާ ދިނެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ހަރުފަ ވިހަލުމުން މިދިޔަ އަހަރު މަދުވެގެން 26 މީހުން މަރުވިއެވެ.



advertisment