Support Us

ޖަޕާންގެ ޓޮމިކޯ އިޓޫކާ އޭނާގެ 116 ވަނަ އުފަންދުވަސް މިދިޔަ މެއި މަހުގެ 23 ގައި ފާހަގަކުރަނީ

އުމުރުން 100 އަހަރުގެ އާބާދީ 95،000 އިން މައްޗަށް

ޖަޕާނުގައި އުމުރުން 100 އަހަރުގެ އާބާދީ 95،000 އިން މައްޗަށް އަރައިފި ކަމަށާއި އޭގެ ތެރެއިން 90 ޕަސެންޓަކީ އަންހެނުން ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ޖަޕާންގެ އާ ރެކޯޑެކެވެ.

ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގުތިސާދުގައި އުމުރުން 100 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ 95،119 މީހުން ތިބި އިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2،980 މީހުންގެ އިތުރުވުމެކެވެ.

ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މީގެ ތެރޭގައި އަންހެނުންގެ އަދަދު ހުރީ 83،958 ގައި ކަމަށާއި ފިރިހެނުންގެ އަދަދަކީ 11،161 ކަމަށެވެ.

ޖަޕާންގެ ވަޒީފާއިން މުސްކުޅިކުރާ އުމުރު ކަމަށްވާ 65 އަހަރުން މަތީގެ މީހުންގެ އަދަދު ވެސް ވަނީ ރެކޯޑެއް ގާއިމުކޮށްފައެވެ. އެ ގޮތުން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި މި އުމުރުގެ މީހުންގެ އާބާދީއަކީ މިހާރު 36.25 މިލިއަނެވެ. މިއީ ޖަޕާނުގެ މުޅި އާބާދީގެ 29.3 ޕަސެންޓެވެ.

ޖަޕާނުގެ މުޅި އާބާދީއަކީ 124 މިލިއަނެވެ.

ދުނިޔޭގެ މި ވަގުތު އެންމެ މުސްކުޅި މީހާއަކީ ވެސް ޖަޕާން މީހެކެވެ. އެއީ ޓޮމިކޯ އިޓޫކާ ނަމަކަށް ކިޔާ އަންހެނެކެވެ. އުމުރުން 116 އަހަރުގެ އިޓޫކާ ދިރިއުޅެނީ ފަރުވާ ދޭ ގެއެއް ނުވަތަ ނާސިން ހޯމްއެއްގައެވެ. އެ ތާނގެ މުވައްޒަފުންނަށް "ޝުކުރިއްޔާ" ގިނަގިނައިން ބުނެ، އަދި އޭނާގެ އުފަން ރަށް ކަމުދާ ކަމަށް ބުނާ ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

ޖަޕާނުގެ މިހާރުގެ އެންމެ މުސްކުޅި ފިރިހެންމީހާ ކަމަށްވާ އުމުރުން 110 އަހަރުގެ ކިޔޮޓަކާ މިޒުނޯ ބުނީ އޭނާ ކޮންމެ ދުވަހަކު ފަތިހު 6.30 ގައި ހޭލާ ކަމަށާއި ކާބޯތަކެއްޗާމެދު މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި ދުވާލަކު ތިން ފަހަރު ކާ ކަމަށެވެ.

"އަހަރެންގެ އުމުރު ދިގުވުމުގެ ސިއްރަކީ ކޮބައި ކަމެއް ނޭނގޭ،" ކިޔޮޓަކާ ބުނި ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

އޭނާގެ ހޮބީއަކީ ސޫމޯ ރެސްލިން މެޗުތަކުގެ ލައިވް ކޮމެންޓްރީ އަޑުއެހުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް