Support Us

ދިއްލީގެ އާ ޗީފް މިނިސްޓަރަކަށް އަތިޝީ

އިންޑިއާގެ ވެރިރަށް ދިއްލީގެ އާ ޗީފް މިނިސްޓަރަކަށް އަތިޝީ މާލޭނާ ސިންގް ހަމަޖައްސަން އާމް އާދްމީ ޕާޓީ (އޭ.އޭ.ޕީ)އިން މިއަދު ނިންމައިފިއެވެ.

މި ގޮތަށް ނިންމީ އެ މަގާމުން ޕާޓީގެ ވެރިޔާ އަރްވިންދް ކެޖްރިވަލް އިސްތިއުފާދެއްވުމުންނެވެ. އަތިޝީ އެ މަގާމަށް ހަމަޖައްސަވަން އުޅޭކަން އިއުލާން ކުރެއްވީ ކެޖްރިވަލްއެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޕާޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

އުމުރުން 43 އަހަރުގެ އަތިޝީއަކީ އޭ.އޭ.ޕީ.ގެ ފުންނާބުއުސް މެންބަރެކެވެ. އޭނާ ވަނީ ކުރިން ދިއްލީގެ ސަރަހައްދީ ސަރުކާރުގެ މާލީ އަދި ތައުލީމީ ވަޒީރުކަންކުރައްވައިފައެވެ.

އިންޑިއާގެ ދުވަސްވީ އިދިކޮޅު ޕާޓީތަކާ އަޅާބަލާއިރު އޭ.އޭ.ޕީ.ގެ ނުފޫޒު އެހާ ގަދަ ނޫން ނަމަވެސް ޕާޓީ އުފެއްދިތާ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެ ޕާޓީންވަނީ ސިޔާސީ ދާއިރާގައި ފައިހަރުކޮށްފައެވެ.

އުމުރުން 55 އަހަރުގެ ކެޖްރިވަލް އިއްޔެ ވިދާޅުވީ ޗީފް މިނިސްޓަރުކަމުން އިސްތިއުފާދެއްވަން ނިންމަވައިފައިވާ ކަމަށެވެ. އެއީ ކޮރަޕްޝަންގެ ތުހުމަތެއްގައި ހަ މަސް ދުވަހު ބަންދުގައި ހުންނެވުމަށް ފަހު ކަފާލާތުގެ ދަށުން މިދިޔަ ހުކުރު ދުވަހު މިނިވަންވެވަޑައިގަތްތާ އެއް ދުވަސް ފަހުންނެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ކެޖްރިވަލް ދިއްލީގެ ޗީފް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތީ 2015 ގައެވެ.

އަތިޝީ މިއަދު ވިދާޅުވީ އޭނާ ޗީފް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާނީ މަދު މަސްތަކެއްގައި، ދިއްލީގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އަންނަންދެންކަމަށެވެ.

"އަހަރެން މަސައްކަތްކުރާނީ ހަމައެކަނި އެންމެ އަމާޒަކަށް. އެއީ ދިއްލީގެ ޗީފް މިނިސްޓަރުކަމަށް ކެޖްރިވަލް އަލުން ގެނައުމަށް،" އަތިޝީ ވިދާޅުވިއެވެ.

"އަހަރެންނަކީ އާދައިގެ އާއިލާއަކުން އައިސްފައިވާ މީހެއް. އެހެން ޕާޓީއެއްގައި އަހަރެން ހުރި ނަމަ އިންތިހާބުގެ ޓިކެޓެއް ވެސް އަހަރެންނަކަށް ނުލިބުނީސް. ނަމަވެސް ކެޖްރިވަލް އަހަރެންނަށް އިތުބާރުކުރެއްވި. އަދި އަހަރެން މިނިސްޓަރަކަށް ހެއްދެވި. އެއަށް ފަހު ޗީފް މިނިސްޓަރުގެ ޒިންމާ ވެސް އަހަރެންނާ މިހާރު މި ވަނީ ހަވާލުކުރައްވައިފައި،" އަތިޝީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް