Support Us

އަލްހާން އަލް-ސަމާނީ ކެއްކުމުގެ މަސައްކަތުގައި

ހަނގުރާމައިން ސުންނާފަތިވެފައިވާ އިރާގުގައި ފުރަތަމަ ފަހަރަށް "ޓޭކް-އަވޭ" ބަދިގެއެއް

ގާޔިމް ސަހަރަކީ އިރާގާއި ސޫރިއާގެ ބޯޑަރުގައި އޮންނަ ޓައުނެކެވެ. ބިޔަބޮޑު ފުރާތު ކޯރު ކައިރީގައެވެ.

މައި މަރުކޭޓު ކައިރީގައި، ހަ ކޮޓަރި އާއި ބޮޑު މާލަމެއް އެކުލެވޭ އިމާރާތެއްގައި، އަލްހާން އަލް-ސަލްމާނީ "އަލް-އައިޒް"ގެ ނަމުގައި ބަދިގެއެއް ހިންގައެވެ.

އަލްހާންގެ ހަ ދަރިން ތިބެއެވެ. އޭނާއަކީ ހިތި ތާރީހެއް ތަޖުރިބާކޮށްފައިވާ އަންހެނެކެވެ. އޭނާގެ އަލް-އައިޒްއަކީ އިރާގުގައި ފުރަތަމަ ފަހަރަށް ފެށި ޓޭކް-އަވޭ ކާނާ ތައްޔާރުކުރާ ބަދިގެއެވެ.

އަލް-އައިޒްގައި މަސައްކަތްކުރަނީ މުޅިން ވެސް އަންހެނުންނެވެ. ބޯދާ ޒަމާނުގެ މަށިން ހަދައިފައިވާ އަވަން، ނުވަތަ އިރާގު ބަހުން "ތަނޫރު"ގެ ވަށައިގެން 12 އަންހެނުން ތިބެއެވެ. ބިންމަތީގައި އިށީނދެގެންނެވެ.

އަލްހާން (މ) އޭނާގެ ޓޭކް-އަވޭ ބަދިގޭގައި ކައްކާ އަންހެނުންނާއެކު

އެ މީހުންގެ އަތްޖެހޭ ހިސާބުގައި ހަނޑުލުން ފުރައިލައިފައިވާ ރުނބާތައް ހުއްޓެވެ. އަދި އެއްގަމު މަސް ދިޔައީ ފިހަމުންނެވެ.

އިރުގެ އަލި އެޅިފައިވާ ގޮތުން އެ މަންޒަރު ވަރަށް ހިތްގައިމެވެ.

ބަތާއި އެއްގަމު މަސް މަސްހުނިކޮށްގެން ތައްޔާރުކުރާ އިރާގުގެ ކެއުމެއް ކަމަށްވާ "ކުއްބާ"ގެ މީރު ވަސް މުޅި ހިސާބަށް ވަނީ ފެތުރިފައެވެ. އެއީ ކާހިތްޖައްސައި ވަހެކެވެ.

ކުއްބާ ތައްޔާރުކުރުމަށް އެތައް އިރެއް ނަގައެވެ. ކޮންމެ ދުވަހަކު 200 ތަށީގެ ކުއްބާ ހަދައި، އެކި ތަންތަނަށް "ޑެލިވަރީ"ކޮށްދެއެވެ.

ގާޔިމް ސަހަރު އޮންނަނީ އިރާގާއި ސޫރިއާގެ ބޯޑަރުގައި ފުރާތު ކޯރު ކައިރީގައި

އުމުރުން 50 އަހަރުގެ އަލްހާނަކީ މި ބަދިގޭގެ ބޮޑުކައްކާ އަދި މެނޭޖަރު ވެސް މެއެވެ. ކައްކާނެ ގޮތް އެހެން ކައްކާއިންނަށް އޭނާ މަޑުމައިތިރިކަމާއެކު ކިޔައިދެއެވެ.

އަލް-އައިޒުން ކާބޯތަކެތި ފޯރުކޮށްދޭ މީހުންގެ ތެރޭގައި ދަނޑުވެރިންނާއި އިރާގުގެ "ޕޮޕިއުލަރ މޮބިލައިޒޭޝަން ފޯސަސް" (ޕީ.އެމް.އެފް)ގެ ހަނގުރާމަވެރިންނާއި އެހެނިހެން ސިފައިންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ މުވައްޒަފުންނާއި 3،000 ގޭގައި ދިރިއުޅެމުންދާ އަންހެނުން ހިމެނެއެވެ. މި އަންހެނުންނަކީ އެ މީހުންގެ ގޭގެ "ވެރިން"ނެވެ. އޭގެ ތެރޭގައި ގިނައީ ހުވަފަތްވެފައިވާ އަންހެނުންނެވެ. އެ އެންމެން ވެސް އުޅެނީ ގާޔިމްގައެވެ.

އަލް-އައިޒުން ކާބޯތަކެތި ބޭނުންވާ މީހުން އެ ތަނަށް ފޯންކުރެއެވެ. އަމިއްލައަށް އައިސް އެ ތަކެތި ހިފައިގެން ދެއެވެ. ނުވަތަ ޓެކްސީ ޑްރައިވަރުންނާ ހަވާލުކޮށްގެން އެ ތަކެތި ގޭގެއަށް ގެންދެއެވެ.

ޚިތާމް ހައްމާދުއަކީ "އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ" (އައި.އާރް.ސީ)ގައި މަސައްކަތްކުރާ އަންހެނެކެވެ. އައި.އާރް.ސީ.އަކީ މަޝްހޫރު ސައިންސްވެރިޔާ އަލްބަޓް އައިންސްޓައިންގެ އެދުމަކަށް ރެފިއުޖީންނަށް އެހީވުމަށް 1933 ގައި އުފެއްދި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ޚިތާމްގެ މެންދުރު ކެއުން މުޅިން ވެސް ނަގަނީ އަލް-އައިޒުންނެވެ.

"އަލްހާންގެ ކާއެއްޗެހިން އަހަރެންގެ ހަނދާނަށް އަންނަނީ އަހަރެންގެ މާމަ ތައްޔާރުކުރާ ކެއުންތައް،" ޚިތާމް ބުންޏެވެ.

އަލް-އައިޒްގެ ކައްކާއިން މަސައްކަތް ފަށަނީ ހެދުނު ހަތެއް ޖަހާއިރުއެވެ. އެ މީހުން ތައްޔާރުކުރާ ކާނާގެ ތެރޭގައި "ތިމަން ގޫޒީ" ހިމެނެއެވެ. އެއީ ކަންބަޅިމަހާއި ބަތް އެއްކޮށްގެން ދަރު އުނދުނުގައި ކައްކާ ކެއުމެކެވެ. އެއަށް މޭބިސްކަދުރު ފަތުގެ އިތުރުން އެހެނިހެން ފަތްޕިލާވެލީގެ ބާވަތްތައް ވެސް އަޅައެވެ. ތަރުކާރީގެ ތެރޭގައި ބަށި، ތޮރާ، ފިޔާ، ޓޮމާޓޯ އަދި އަސޭމިރުސް ހިމެނެއެވެ.

އަލްހާން ކޮންމެ ދުވަހަކު 10 ވަރަކަށް ގަޑިއިރު މަސައްކަތްކުރެއެވެ.

"އަހަރެން ވަރުބައްޔެއް ނުވޭ،" އޭނާ ބުންޏެވެ.

އަލްހާންގެ އުމުރުން 15 އަހަރުގައި އޭނާގެ ބައްޕަ ގަދަކަމުން އޭނާ ސްކޫލުން ކަނޑައިލިއެވެ. އެއީ މީހަކާ ދެވުމަށެވެ.

"މަދަރުސާއަކީ އަހަރެން ވަރަށް ދާހިތްވި ތަނެއް. ފޮތް ކިޔުމާއި ކުރެހުމަށް އަހަރެން ޝައުގުވެރިވޭ. އަހަރެން އެއިރު ދުށް ހުވަފެނަކީ ކޮންމެވެސް ދުވަހަކުން ޓީޗަރަކަށްވުން،" އަލްހާން ބުންޏެވެ.

އޭގެ ބަދަލުގައި އޭނާއަށް ޖެހުނީ އެހެން އަންހެންކުދިން ސްކޫލްގައި ތައުލީމު ހޯދަމުން އަންނަ މަންޒަރު ބަލަން ހުންނާށެވެ. އަލްހާން ފެށީ ކައްކާށާއި ތަންތަން ސާފުކުރާށެވެ. އަދި މާ ގިނަ ދުވަހެއް ނުވެ، އޭނާ އޭނާގެ އަމިއްލަ ދަރިން ބަލަހައްޓަން ފެށިއެވެ.

އަލްހާން ހުވަފަތްވީ އޭނާގެ އުމުރުން 30 އަހަރުގައެވެ. އޭނާގެ ފިރިމީހާއަކީ ސިފައިންގެ މީހެކެވެ. އޭނާ މަރުވީ 2003 ގައި އިރާގު ހިފުމަށް އެމެރިކާ ސިފައިން ފަށައިގަތުމުގެ ގޮތުން ދިން ހަމަލާ ނުވަތަ "ބެޓްލް އޮފް ބަޣްދާދު" ("ބަޣްދާދުގެ ހަނގުރާމަ")ގައެވެ. އެހާ ހިސާބުން އަލްހާން ވަނީ އޭނާގެ ތިން ދަރިން ބަލަންޖެހުނު އެކަނިވެރި މަޔަކަށް ވެފައެވެ. އޭނާގެ ދަރިންނަކީ އަބްދުﷲ، މުހައްމަދު އަދި އެއިރު އުމުރުން އެންމެ ހަތަރު މަހުގެ އުމްނިޔާއެވެ.

"ހުވަފަތްވުމަކީ އަހަރެންގެ އާއިލާގެ ހިތުން މީހާގައި ލައްގަނޑެއް ޖެހޭ ކަމެއް. ހުވަފަތްވުމަކީ އަހަރެންގެ ކުށެއް ނޫން. އެކަމަކު އަހަރެންގެ ބޭބެ ބޭނުންވި އަހަރެން އަލުން ކައިވެންޏެއް ކުރަން. އެހެންވެ އަހަރެން ގައިގައި ތަޅައި އަނިޔާކުރި،" އަލްހާން ކިޔައިދިނެވެ.

އަލްހާން ބުނީ އޭނާ ދެވަނަ ކައިވެންޏެއް ކުރި ކަމަށެވެ. މީހެއްގެ ދެވަނަ އަނތްބެއްގެ ގޮތުގައެވެ.

މި ކަމުގެ ސަބަބުން އޭނާއަށް ނަފުސާނީ ބަލިތައް ތަހައްމަލުކުރަންޖެހުނެވެ. އޭގެ ތެރޭގައި އެންޒައިޓީ އާއި ޑިޕްރެޝަން ހިމެނެއެވެ. އެއީ އަދި އޭނާގެ އެކަނިވެރިކަމުގެ އިހުސާސްކުރެވުންތައް ނުލައެވެ. އެކަމަކު ވެސް އޭނާ ބުންޏެވެ: "މިއީ މާތްﷲގެ ނިންމެވުން. އަލްހަމްދުލިﷲ. އެ ކަލާނގެއަށް ޝުކުރުކުރަން."

އޭގެ 10 އަހަރު ފަހެވެ. އިރާގު ހިފަން އެހެން ބަޔަކު އަރައިގަތެވެ. މި ފަހަރު އައީ އިސްލާމިކް ސްޓޭޓް (އައި.އެސް)އިންނެވެ.

އެ ގޮތުން 2014 ގައި އައި.އެސް.އިން ގާޔިމަށް ހަމަލާ ދިންއިރު އަލްހާން އިނީ ބަލިވެއެވެ. އޭނާގެ އަތުގައި ހުރީ މަދު ކާބޯތަކެއްޗެވެ. އިރާގު ސިފައިންނާއި އައި.އެސް.އިން ހަނގުރާމަކުރަމުން ދިޔައިރު އޭނާ މަޑުކުރީ ގޭގައެވެ.

"އެއީ ބިރުވެރިކަމުން ފުރިގެންވާ ދިގު އަދި އަނދިރި ރޭތަކެއް. ދުވާލަކު އެއް ފަހަރު ކައިގެން ހުރީ. އެއީ ޕާނެއް. ހަ މަސް ވަންދެން އަހަރެން ދިރިއުޅުނީ އެ ގޮތަށް،" އަލްހާން ކިޔައިދިނެވެ.

އަލްހާންގެ އާއިލާއަށް އެންމެ ފަހުން ސަލާމަތްވެވުނެވެ. ރޭގަނޑު ބަޣްދާދަށް ދިޔައީއެވެ.

"އެއީ ހިތްދަތި ދުވަސްވަރެއް. ފިރިމީހާގެ އަނެއް އަނތްބާއެކު އަހަރެން އުޅުނީ ކުއްޔަށް ހިފައިގެން އާދައިގެ ގެއެއްގައި. އަހަރެންގެ ފިރިމީހާގެ އަތުގައި އެއްވެސް ފައިސާއެއް ނެތް،" އަލްހާން ބުންޏެވެ.

އަލްހާން ކައްކަން ދަސްކުރީ އޭނާގެ މަންމަގެ ގާތުންނެވެ. އިރާގުގެ އެހެން އަންހެނުން ފަދައިން އާއިލާއަށް ކާން ތައްޔާރުކޮށްދިނުމުގައި އޭނާ ބަދިގޭގައި އެތައް ގަޑިއިރެއް ހޭދަކުރެއެވެ. މިއީ އެހެން "ދަތުރަކަށް ބިންގާއެޅުނު" ކަމެކެވެ. ފިރިމީހާގެ އަނެއް އަނބިމީހާއަށް ވިސްނައިދީގެން އަލްހާންގެ ކެއްކުމުގައި ބައިވެރިކުރުވިއެވެ. އަދި ކައިރީގައި ހުންނަ ފިހާރަތަކާއި ސްކޫލްތަކަށް ގޭގައި ތައްޔާރުކުރާ ކާބޯތަކެތި ވިއްކަން ފެށިއެވެ.

ގާޔިމް އައި.އެސް.ގެ އަތްދަށުން މިނިވަންވީ 2017 ގައެވެ. އެ ޓައުން ވެގެންދިޔައީ އައި.އެސް.ގެ ކިބައިން އެންމެ ފަހުން ސަލާމަތްވި އެއް ސަހަރަށެވެ. އެ ކަމާ ގުޅިގެން އަލްހާންގެ ފިރިމީހާ ބުނީ އަމިއްލަ ގެދޮރަށް އެނބުރި ދިއުމުގެ ވަގުތުޖެހިއްޖެ ކަމަށެވެ.

ގާޔިމަށް އެނބުރި އައިސް ބެލިއިރު އެ މީހުންނަށް ފެނުނީ އާއިލާގެ ގެ ހަލާކުވެފައިވާ ތަނެވެ.

"ހަޔާތުގެ ގޮންޖެހުންތައް ވަރުގަދަ ވާ ވަރަކަށް ތިބާގެ ހިތްވަރު ވެސް ޖެހޭނީ ވަރުގަދަކުރަން. އަހަރެންގެ ގެ އަލުން އާރާސްތުކޮށް، އަހަރެންގެ މަޝްރޫއު ފެށިން. އެއީ އަލް-އައިޒު ބަދިގެ ބިނާކުރުމުގެ މަޝްރޫއު. އަހަރެން އަތްއުރައިލައި އެއްވެސް ކަމެއް ދޫކޮށެއްނުލަން،" އަލްހާން ބުންޏެވެ.

އަލް-އައިޒްގެ މާނައަކީ "ޝަރަފް"އެވެ. އެ ބަދިގެ ކާމިޔާބެވެ. ވަޒީފާ ނުލިބުމުގެ ކެކުޅުންތަކާ ކުރިމަތިލާންޖެހިދާނެ އަންހެނުންނަށް ކުރާނެ މަސައްކަތެއް ލިބުނެވެ.

މީގެ އިތުރުން އަލްހާން ވަނީ އަލް-ޣަރްބިއްޔާ ވިމެންސް ގްރޫޕްގެ ނަމުގައި ޖަމާއަތެއް އުފައްދައިފައެވެ. އެ ގްރޫޕްގެ އަމާޒަކީ ހައިރާތު އެއްކޮށް، ގާޔިމްގައި ދިރިއުޅޭ ހުވަފަތް އަންހެނުންނަށް ކާނާ ތައްޔާރުކޮށްދީ ފޯރުކޮށްދިނުމެވެ. މި އަހަރުގެ މާރިޗު މަހު އެ ގްރޫޕުން ގާޔިމްގެ 125 އާއިލާއަށް ކާބޯތަކެތި ފޯރުކޮށްދިނެވެ.

"ހުވަފަތްވުމުގެ ދަތިކަން އަހަރެންނަށް ފަހުމްވޭ. އަހަރެންނަށް ގަބޫލުކުރެވެނީ އަހަރެންގެ ހަޔާތުގެ ބޭނުމަކީ އަހަރެންގެ މުޖުތަމައުގައި އުޅޭ ހުވަފަތް އަންހެނުންނަށް އެހީވެދިނުންކަން. އެ ކަން އަހަރެން ކުރަނީ އަލް-އައިޒް ބަދިގެއިން އެ މީހުންނަށް ވަޒީފާ ދީގެން. ނުވަތަ ކާބޯތަކެއްޗާ ގުޅޭ ކެމްޕޭންތަކުގައި ވޮލަންޓިއަރުން ގޮތަށް އެ މީހުން ބައިވެރިކޮށްގެން،" އަލްހާން ބުންޏެވެ.

އަލްހާން މިހާރު ވަނީ އޭނާ ކުޑައިރު ދޫކޮށްލަން ޖެހުނު ކިޔެވުން އަލުން ފަށައިފައެވެ. އޭނާ ކިޔަވަމުން އަންނަނީ ކުރެހުމުގެ ސްޓައިލެއް ކަމަށްވާ "ފައިން އާޓް" ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހޯދުމަށެވެ. އަދި އޭނާގެ އެއް ހުވަފެނަކީ ކައިވެނިކުރާ މާލަމެއް ގާއިމުކުރުމެވެ.

"އަލް-އައިޒް މާލަން،" ހިނިތުންވެފައި އޭނާ ބުނެލިއެވެ.

އޭނާ ވާހަކަ ދައްކަމުން ދިޔައިރު ވެސް، ވަރުބަލިވުމެއް ނުވާ އަލްހާނަށް ދިޔައީ ކާބޯތަކެތީގެ އޯޑަރުތައް ލިބެމުންނެވެ. މިހެންވެ އޭނާގެ ޓީމުގެ ގާތަށް އަލުން އޭނާ ދިޔައެވެ. އެއީ ގާޔިމްގެ އެތައް ގެއަކަށް އަވަހަށް ލިބޭނެ ކާބޯތަކެތި ތައްޔާރުކުރުމަށެވެ.

ނޯޓު: މިއީ 30 އޮގަސްޓް 2024 ގައި އިނގިރޭސި ވިލާތުގެ "ދަ ގާޑިއަން" ނޫހަށް، އިރާގުގެ ގާޔިމްގައި ހުރެގެން ނޫރު އަލް-ޚަތީބު ލިޔުނު ރިޕޯޓެއްގެ، އުނިއިތުރެއް ގެނެސްފައިނުވާ ތަރުޖަމާއެކެވެ. (ފޮޓޯތައް: ބާސިމް އަހްމަދު އަލް-ދުލައިމީ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *