Support Us

އަނިޔާ ދިން 402 ކުއްޖަކު ސަލާމަތްކޮށްފި

ކުޑަކުދިންނާއި ފުރާއުމުރުގެ ކުދިން ހިމެނޭ ގޮތަށް އަނިޔާ ލިބެމުންދިޔަ 402 ކުދިން މެލޭޝިއާގެ ފުލުހުން ސަލާމަތްކޮށްފިއެވެ. މި ހުރިހާ ކުދިން ތިބީ އެ ކުދިން ބަލަހައްޓާ 20 "ކެއާ ހޯމް"ގައެވެ.

އުމުރުން އެއް އަހަރާއި 17 އަހަރާ ދެމެދުގެ މީގެ ތެރެއިން ބައެއް ކުދިން ލައްވައި ވަނީ އެހެން ކުދިންނަށް ޖިންސީ އަނިޔާކުރަން މަޖުބޫރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

"ފުލުހުން މިހާރު ވަނީ ތުހުމަތު ކުރެވޭ 171 މީހުން ހައްޔަރުކޮށްފައި. އޭގެ ތެރޭގައި ދީނީ މުދައްރިސުންނާއި ފަރުވާ ދޭ މުވައްޒަފުން ހިމެނޭ،" ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް ރަޒާރުއްދީން ހުސައިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޝައްކުގެ މައްޗަށް ހައްޔަރުކުރި އުމުރުން 17 އަހަރާއި 64 އަހަރާ ދެމެދުގެ މީހުން ވަނީ ކުޑަކުދިންގެ "ގައިގައި ބީހި"، އެ ބީހުމަކީ "ދީނީ ފަރުވާއެއް" ކަމަށް ބުނެފައިވާ ކަމަށެވެ.

ކުޑަކުދިން ބަލާ މި 20 ތަނަކީ މެލޭޝިއާގައި އިސްލާމް ދީނުގެ ކުލަ ޖައްސައިގެން ވިޔަފާރިކުރާ ގްރޫޕެއް ކަމަށްވާ އިސްލާމިކް ގްލޯބަލް އިޚްވާން ގްރޫޕް (ޖީ.އައި.އެސް.ބީ)އިން ހިންގައި ތަންތަން ކަމަށް ރަޒާރުއްދީން ވިދާޅުވިއެވެ. ނަމަވެސް ޖީ.އައި.އެސް.ބީ.އިން މި ކަން ވަނީ ދޮގުކޮށްފައެވެ.

މެލޭޝިއާގެ ދައުލަތުގެ މީޑިއާ ބާނަމާއިން ބުނީ ތަހުގީގުގެ ކުރީކޮޅު އެނގިގެން ދިޔައީ މީގެ ތެރެއިން ގިނަ ކުދިން މި ކެއާ ހޯމްތަކަށް ލީ، ދީނީ އިލްމް ކިޔަވައިދިނުމަށް އެ ކުދިންގެ މައިންބަފައިން އެދޭތީ ކަމަށެވެ.

ފުލުހުން ބުނީ މި ކުދިން ސަލާމަތްކުރީ މެލޭޝިއާގެ ދެ ސްޓޭޓް ކަމަށްވާ ސެލަންގޯ އާއި ނެގްރި ސެމްބިލާންގައި ހުރި ކުޑަކުދިން ބަލަހައްޓާ 20 ތަނުގައި ކުޑަކުދިން "އެބިއުސް" ނުވަތަ ތަފާތު އަނިޔާތައް ކުރަމުންދާކަމުގެ ރިޕޯޓެއް މި މަހު ކުރީކޮޅު ފުލުހުންނަށް ހުށަހެޅުމުން ކަމަށެވެ. އެ ގޮތުން ކުޑަކުދިން ލައްވައި އުމުރާ ނުގުޅޭ ކަންތައް ކުރުވުމާއި ޖިންސީ ފުރައްސާރަކުރުމާއި އަދި ޖިންސީ އަނިޔާކުރުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ރަޒާރުއްދީން ވިދާޅުވީ ދޮން ދަގަނޑު ޖައްސައިގެން ވެސް ބައެއް ކުދިންނަށް އަދަބު ދީފައިވާ ކަމަށާއި ބަލިވުމުން ސިއްހީ ފަރުވާ ދެނީ ހަމައެކަނި އެ ކުއްޖެއްގެ ހާލު ސީރިއަސްވުމުން ކަމަށެވެ.

"ސަލާމަތްކުރެވުނު ކުދިން ވަގުތީ ގޮތުން ބައިތިއްބައިފައި ތިބީ ވެރިރަށް ކުއަލަ ލަމްޕޫރުގެ ފުލުހުންގެ މަރުކަޒެއްގައި. އެ ކުދިންގެ މެޑިކަލް ޗެކަޕެއް ހަދާނަން،" އޭނާ ވިދާޅުވިއެވެ.

މި 20 ކެއާ ހޯމުން 420 ކުދިން ސަލާމަތްކުރީ މީގެ ކުރިން ޖީ.އައި.އެސް.ބީ.ގެ އިމާރާތްތަކަށް ފުލުހުން ރެއިޑް ޖެހުމަށް ފަހު ކަމަށް ރަޒާރުއްދީން ވިދާޅުވިއެވެ.

"މި ދެ މައްސަލައަކީ ގުޅިފައިވާ ކަމެއްކަން މިހާރު ވަނީ ކަށަވަރުވެފައި،" އޭނާ ވިދާޅުވިއެވެ.

ރަޒާރުއްދީންގެ ނައިބު އައްޔޫބު ޚާން މައިދިން ޕިޝޭ، ނިއު ސްޓްރެއިޓް ޓައިމްސް ނޫހަށް ވިދާޅުވީ ޖީ.އައި.އެސް.ބީ.އިން ކަންތައްތައް ކުރާ އުސޫލަކީ ހައިރާތު ބަލައިގަތުމަށް "ވެލްފެއާ ހޯމް" ނުވަތަ "އެހީ ދޭ ގެ" ގާއިމުކުރުން ކަމަށެވެ.

ޖީ.އައި.އެސް.ބީ.އިން ފޭސްބުކްގައި އާއްމުކުރި ބަޔާނެއްގައި މިކަން ވަނީ ދޮގުކޮށްފައެވެ.

"ގާނޫނާ ހިލާފު އެއްވެސް އަމަލެއްގައި މި ކުންފުނި ބައިވެރިއެއް ނުވާނެ. ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގާނެ އެއްވެސް ކަމެއް ވަކިން ހާއްސަކޮށް ނުކުރާނަން،" އެ ކުންފުނިން ބުންޏެވެ.

ޖީ.އައި.އެސް.ބީ.އަކީ 20 ގައުމެއްގައި ވިޔަފާރި ހިންގާ ކުންފުންޏެކެވެ. އެ ގްރޫޕުން ކުރާ ވިޔަފާރީގެ ތެރޭގައި ޓޫރިޒަމާއި ކާބޯތަކެއްޗާއި އަދި ތައުލީމީ ދާއިރާ ހިމެނެއެވެ.

މެލޭޝިއާގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަން ކަމަށްވާ ސުހަކަމްއިން ބުނީ ވެލްފެއާ މަރުކަޒުތަކުގައި "ހަރުކަށި ގަވައިދުތަކެއް" ހުންނަން ޖެހޭނެ ކަމަށެވެ.

"މައްސަލައަކީ މި ފަދަ ތަންތަން ރަނގަޅަށް ރެގިއުލޭޓްކޮށް އަދި ސުޕަވައިޒް ވެސް ނުކުރެވޭތީ. މޮނިޓަރިން އަދި ސުޕަވިޝަންގައި ސީރިއަސް މައްސަލަތަކެއް އެބަހުރި. މިހެންވެ މުޖުތަމައުން ތިބެންވާނީ އިތުރަށް ހުށިޔާރުވެގެން،" ސުހަކަމްގެ ކުޑަކުދިންނާ ގުޅޭ ކޮމިޝަނަރު ފަރަހް ނިނި ދުސުކި އޮންލައިން ނޫހެއް ކަމަށްވާ ފްރީ މެލޭޝިއާ ޓުޑޭއަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް