އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި ތިން ގަޑިއިރުގެ ތެރޭގައި 81 ޖަނަވާރު މަރައިލި މީހަކު ހައްޔަރުކޮށްފިއެވެ. ނަމަވެސް އުމުރުން 39 އަހަރުގެ ވިސެންޓި އަރޯޔޯ ވަނީ ހައިވާނުންނަށް އަނިޔާވެރިވިކަމުގެ ދައުވާއަށް އިންކާރުކޮށްފައެވެ.
ކަފާލާތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ދެއްކުމުން މިނިވަންކުރާ ގޮތަށް ހައްޔަރުކޮށްފައިވާ ވިސެންޓިގެ ނަފުސާނީ ޓެސްޓެއް ހެދުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަޑިޖަހައިގެން ވިސެންޓި މަރައިލި، ޕެޓްސްގެ ގޮތުގައި އޭނާގެ އަވަށްޓެރިން ގެންގުޅުނު ޖަނަވާރުންގެ ތެރޭގައި ހިމެނެނީ 14 ބަކައްޓާއި ނުވަ ކުކުޅާއި ހަތް އަސްދޫންޏާއި ފަސް މުސަޅާއި އެއް ގިނިޕިގް އާއި ތިން އަހާއި އަދި ޕެރަކީޓް އާއި ކޮކަޓީލް ހިމެނޭ ގޮތަށް 33 ގުރައެވެ.
ވިސެންޓި ބަޑިޖެހި ބައެއް ޖަނަވާރުންނަށް ލިބިފައިވާ ޒަހަމްތަކުގެ ބޮޑުކަމުން ސަލާމަތްނުވާނެތީ ވެޓުން ވަނީ އެ ސޮރުމެން "ޔޫތަނައިޒް"ކޮށްފައި ނުވަތަ ކެމިކަލް ދީގެން މަރައިލައިފައެވެ.
މަރައިލި ހުރިހާ މަހްލޫގުން ވެސް ތިބީ ވިސެންޓިގެ އަވަށްޓެރިންގެ ގޭގޭގައި ހުރި ކޮށިތަކުގައެވެ.
"މި މައްސަލައިގައި މިއިން އެއްވެސް އަވަށްޓެރިއަކު މީޑިއާއަށް އިންޓަވިޔު ދޭން ބޭނުމެއްނުވޭ. އަހަރެން އެ ގެތަކަށް ޒިޔާރަތްކުރިން. ވިސެންޓި މަރައިލީ އަވަށްޓެރިން ލޯބިން ގެންގުޅުނު ޕެޓްތައް. އެ މީހުން ތިބީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިފައި،" ފުލުހުންގެ ކޮމާންޑަރެއް ކަމަށްވާ އަންޑްރެސް ރޮސަސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވިސެންޓި ހައްޔަރުކުރުމުގައި ދަތިތަކެއް ކުރިމަތިނުވިކަމަށެވެ.
"ވިސެންޓި މި ހުރިހާ ޖަނަވާރުން މަރައިލި ސަބަބު އަދި ނޭނގޭ،" އަންޑްރެސް ވިދާޅުވިއެވެ.
ވިސެންޓިގެ ގާނޫނީ ވަކީލު ވިލިއަމް ޕާނިކް ވިދާޅުވީ ވިސެންޓިގެ ނަފުސާނީ މައްސަލައެއް ހުރިތޯ ބެލުމަށް ފަނޑިޔާރު ގާތުގައި އެދިވަޑައިގަތީ އާއިލާއާ ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.
"ވިސެންޓިއަކަށް ނޭނގޭ އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާގެ ބާވަތް ވެސް،" ޕާނިކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވިސެންޓި މި ހުރިހާ ޖަނަވާރުތައް މަރައިލުމުގެ މާ ކުރިން ވެސް އޭނާއަށް ނަފުސާނީ އެހީ ހޯދުމަށް ރަސްމީ އިދާރާތަކުގައި އާއިލާއިން އެދިފައިވާ ކަމަށެވެ.
"ނަމަވެސް ނަސީބު ދެރަކަމުން އެ އެހީއެއް ނުލިބުނު. ވިސެންޓިގެ ނަފުސާނީ ޓެސްޓްގެ ނަތީޖާ ދެ ހަފުތާގެ ތެރޭގައި ކޯޓަށް ލިބޭނެ،" ޕާނިކް ވިދާޅުވިއެވެ.



advertisment