ބްރެޒިލްގެ ކުރީގެ ރައީސް ޖެއާ ބޮލްސޮނާރޯއަށް އިންތިހާބު ކާމިޔާބު ނުކުރެއްވުމުން ރިޔާސީ ގަނޑުވަރުން ނުކުންނަވަމުން އެ ތާނގައި ހުރި އެނދު ގެންދެވިކަމުގެ ތުހުމަތު މިހާރުގެ ރައީސް ކުރެއްވުމުން ދައުލަތުން ބޮލްސޮނާރޯއަށް 2،600 ޑޮލަރު (39،908ރ.) ބަދަލުގެ ގޮތުގައި ދިނުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ މިހާރުގެ ރައީސް ލުއީޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އޭނާއަށް ކުރެއްވި ތުހުމަތާ ގުޅިގެން ބޮލްސޮނާރޯގެ ދެމަފިރިކަނބަލުންނަށް ލިބިލެއްވި ނަފުސާނީ ގެއްލުމަށް ދޭ ޖޫރިމަނާއެއް ކަމަށް ކޯޓުން ބުންޏެވެ.
ރައީސް ލުއީޒް ކުރެއްވި ތުހުމަތު އަނބުރާ ގެންދެވުމަށް ވެސް ކޯޓުން އިއްޔެ އަމަރުކޮށްފައިވެއެވެ. ދައުލަތުން މިހާރު ވަނީ ކޯޓުގެ އަމުރު އިސްތިއުނާފު ކުރަން ނިންމައިފައެވެ.
"އަހަރެން ރިޔާސީ ގަނޑުވަރަށް ބަދަލުވުމުން އެނގުނީ ބޮލްސޮނާރޯ 260 އަށްވުރެ ގިނަ އެއްޗެހި ގަނޑުވަރުން ގެންދެވިކަން. އޭގެ ތެރޭގައި އެނދު ވެސް ހިމެނޭ،" ރައީސް ލުއީޒް ވިދާޅުވިއެވެ.
ބްރެޒިލްގެ ރައީސްކަން 2003 އިން 2010 އަށް ކުރައްވައިފައިވާތީ ލުއީޒްއަށް ރިޔާސީ ގަނޑުވަރު ކަމަށްވާ އަލްވޮރާޑާ ގަނޑަވަރުގެ ހުރިހާ ތަކެތި ރަނގަޅަށް އެނގިވަޑައިގަންނަވައެވެ.



advertisment