އުމުރުން 20 މަހުގެ ތުއްތު ކުއްޖަކު ޖަހައިގަނެގެން ގެންދަން ބާޒެއް މަސައްކަތްކޮށްފިއެވެ.
އާދީއްތަ ދުވަހު ނޯވޭގައި ހިނގި މި ހާދިސާގައި "ގޯލްޑަން އީގަލް" ނަމަކަށް ކިޔާ ބާވަތެއްގެ މި ބާޒަކަށް އެ ކުއްޖާ އުފުއްލައިލައިގެން ނުގެންދެވުނީ ތިމާވެށި ރައްކާތެރިކުރާ ގޭމް ވޯޑަންއެއް އެ ބާޒަށް ބަޑިޖަހައި މަރައިލުމުންނެވެ.
އޭނާ އެ ތުއްތުކުއްޖާ ސަލާމަތްކުރުމަށް ބަޑީގެ ބޭނުންކުރީ ތުއްތުކުއްޖާގެ މަންމަ އާއި އެ މަންމަގެ އަވަށްޓެރިއަކު ދަނޑިބުރިއަކުން އެ ބާޒުގެ ގައިގައި އެތައް ފަހަރަކު ޖަހައި ހަމަލާ ދިނުމުން ވެސް އެނބުރި އައިސް ތުއްތުކުއްޖާ ޖަހައިގަނެގެން ދާން މަސައްކަތްކުރުމުންނެވެ.
ގޯލްޑަން އީގަލްގެ ދެ ފިޔަގަނޑު ދެ ފަރާތަށް ދަމައިލުމުން އޭގެ ފުޅާމިނުގައި ގާތްގަނޑަކަށް ހަތް ފޫޓު ހުރެއެވެ.
އާއިލާގެ ދަނޑެއްގައި ތުއްތުކުއްޖާ ކުޅެން އުޅެނިކޮށް ބާޒު ހަމަލާ ދިނުމުން އޭނާގެ ފުއްކިބައިގައި ސްޓިޗް ޖަހައި ފަހަންޖެހުނެވެ. އަދި ބާޒުގެ ވަކިތަކުން އޭނާގެ މޫނުމަތި ވަނީ ޒަހަމްވެފައެވެ.
"ބާޒު އައީ ކޮން ތަނަކުން ކަމެއް ނޭނގޭ. އައި ގޮތަށް އައިސް އަހަރެމެންގެ އެންމެ ހަގު އަންހެން ދަރިފުޅު ޖަހައިގަނެގެން ގެންދަން މަސައްކަތްކުރީ،" ތުއްތުކުއްޖާގެ ބައްޕަ ނޯވޭގެ ދައުލަތުގެ މީޑިއާ އެން.އާރް.ކޭ.އަށް ބުންޏެވެ. އެ ގައުމުގެ މީޑިއާއިން ބައްޕަގެ ނަން ހާމައެއް ނުކުރެއެވެ.
އޭނާ ބުނީ އޭނާގެ އަންހެނުން ފުއްމައިގެން އަރައި ބާޒު ހިފެހެއްޓީ ކަމަށާއި ދެން އަވަށްޓެރިއެއްގެ އެހީގައި އެ ބާޒުގައި ދަނޑިބުރިއަކުން ތަޅަން ފެށީ ކަމަށެވެ. ނަމަވެސް ބާޒު މަތަކުރަން ޖެހުނީ ގޭމް ވޯޑަން އެ ސޮރަށް ބަޑިޖަހައިގެންނެވެ.
ބާޒަށް ބަޑިޖެހި މީހާ ބުނީ އެ ބާޒަށް ތުއްތުކުއްޖާ ފެނުނީ ޝިކާރަކުރަން ރަނގަޅު "ކާއެއްޗެއް" ގޮތަށް ކަމަށް ވެދާނެ ކަމަށެވެ.
ގޯލްޑަން އީގަލްގެ ފިޔަގަނޑުގެ ފުޅާކަމުން އުދުހޭއިރު ވައިގެ ތެރެއިން ވެސް ކޮތަރު ފަދަ ދޫނިތައް މި ބާވަތުގެ ބާޒު ޝިކާރަކުރެއެވެ.



advertisment