މިދިޔަ ޖޫން މަހު ހަފުތާއަކަށް ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަނަށް ދިޔަ ބޮއިންގްގެ ސްޓާލައިނާ ޖައްވީ އުޅަނދު އޭގައި ދަތުރުކުރި ދެ އެސްޓްރޮނޯޓުން ބައިތިއްބައިފައި އެނބުރި ދުނިޔެއަށް އަތުވެއްޖެއެވެ.
ޓެކްނިކަލް މައްސަލަތައް ޖެހުމުން ތިން މަހު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް)ގައި މަޑުކޮށްފައި ބުޗް ވިލްމޯ އާއި ސުނީތާ ވިލިއަމްސް ބައިތިއްބައިފައި އިއްޔެ އެނބުރި އައިސް ވަނީ ކާމިޔާބުކަމާއެކު ޖައްސައިފައެވެ. ނަމަވެސް ނާސާއިން ބުނެފައިވަނީ އިންސާނެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވާން ފަހަރެއްގައި ވެސް ނޭދޭ ކަމަށާއި މިހެންވެ ބުޗް އާއި ސުނީތާ ގެންނާނީ ސްޕޭސް އެކްސްގެ އުޅަނދެއްގައި އަންނަ އަހަރުގެ ފެބުރުއަރީ މަހު ކަމަށެވެ.
"އެންމެ އަށް ދުވަހަށް ގޮސްފައި ނަމަވެސް އެނބުރި އާދެވޭނީ އަށް މަސް ފަހުން ކަމަށް އެނގުމުން ރޫހު ގެއްލޭނެ،" ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާގެ ތާންޔާ ހެރިސަން އަލްޖަޒީރާއަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބުޗް އާއި ސުނީތާއަކީ ވަރަށް ބޮޑަށް ތަމްރީންވެފައިވާ ދެ އެސްޓްރޮނޯޓުން ކަމަށްވާތީ މި ކަހަލަ ކަމެއް ދިމާވެދާނެތީ ހުންނާނީ ތައްޔާރީ ހާލަތެއްގައި ކަމަށެވެ.

ސްޓާލައިނާއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ބައެއް އިންޖީނު ފޭލިވުމާއި ހީލިއަމް ގޭސް ލީކުވުން ހިމެނެއެވެ.
މި ޓެކްނިކަލް މައްސަލަތަކުގެ ހަގީގަތް ދެނެގަތުމަށް ބޮއިންގްއިން ވަނީ ނާސާގެ އެހީ ހޯދައިފައެވެ. އަދި މި ކަމަށް 125 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) ހޭދަވިއެވެ.
ވައިގެ އުޅަނދުފަހަރާއި ވައިގެ ދަތުރުފަތުރުގެ ތަކެއްޗާއި ހިދުމަތް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ބޮއިންގްގެ އުޅަނދުފަހަރުގައި މައްސަލަ އުޅޭ ކަމަށް ފަހުގެ ތާރީހެއްގައި އެ ކުންފުނީގެ މުވައްޒަފުން ވަނީ ފަޅައިއަރުވައިލައިފައެވެ.
ސްޓާލައިނާއަށް ބެލި ނަމަވެސް 2019 ގެ ޓެސްޓް ފްލައިޓެއް ފޭލިވިއެވެ. އަދި 2022 ގައި ވެސް އޭގެ އިންޖީނުތަކުގައި މައްސަލަޖެހުނެވެ.
ބިލިއަނަޔަރު އީލޮން މަސްކްގެ ސްޕޭސް އެކްސްއަށް ވަނީ ބޮއިންގްއަށް ގެއްލުނު ޖާގަ ފޫބެއްދުމަށް ފުރުސަތު ލިބިފައެވެ. އެ ގޮތުން ސެޓެލައިޓާއި އެސްޓްރޮނޯޓުން ޖައްވަށް ފޮނުވައިލުމުގައި ހޯދި ކާމިޔާބީތަކުގެ ސަބަބުން ނާސާއިން އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްކުރާ ގޮތަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.
ސްޓާލައިނާ އިއްޔެ އެނބުރި އައުމުން ބޮއިންގްއިން މިހާރު ވަނީ އެ އުޅަނދުގެ ޓެކްނިކަލް މައްސަލަތައް އިތުރަށް ތަހުގީގުކުރަން ނިންމައިފައެވެ.



advertisment