މެކްސިކޯގައި 43 ދަރިވަރުން ގެއްލުވައިލި މައްސަލައިގައި ޑްރަގް ވިޔަފާރިވެރިޔަކު ދެވަނަ ފަހަރަށް ހައްޔަރުކޮށްފިއެވެ. ހިލްދާދޯ ލޯޕޭޒް އާސްޓުޑިޔޯއަށް ކުރަނީ "އޯގަނައިޒްޑް ކްރައިމް" ނުވަތަ ރާވައިގެން ހިންގާ ކުށުގެ ތުހުމަތެވެ.
އޭނާ ހައްޔަރު މި ކުރީ ދަރިވަރުން ގެއްލުވައިލިތާ 10 އަހަރު ފުރުން މައިންބަފައިން ފާހަގަކުރަން ތައްޔާރުވެފައިވަނިކޮށެވެ.
ތަހުގީގުކުރާ ފަރާތްތަކުން ބުނަނީ 2014 ގެ ސެޕްޓެމްބަރު މަހު ދަރިވަރުން ދިޔައީ މެކްސިކޯ ސިޓީގައި އޮތް ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވުމަށް ކަމަށެވެ.
"އެ ދަރިވަރުންތައް ކިޑްނެޕްކުރީ (ވަގަށްނެގީ) ކޮރަޕްޝަންގައި ބައިވެރިވެފައިވާ ފުލުހުންތަކެއްގެ އެހީއާއެކު،" ތަހުގީގުކުރާ އޮފިޝަލެއް ވިދާޅުވިއެވެ.
ދަރިވަރުން ގެއްލުވައިލި ގޮތެއް އަދިވެސް ސީދާ ނޭނގެއެވެ. ނަމަވެސް ސަރުކާރުން އުފެއްދި ކޮމިޝަނަކުން ބުނީ މިއީ "ދައުލަތުގެ ކުށެއް" ކަމަށާއި ސަބަބަކީ އަސްކަރިއްޔާގެ ބައިވެރިވުން ވެސް މި ކަމުގައި ހިމެނޭތީއެވެ. އެ ގޮތުން އެ ދަރިވަރުންނާމެދު އިހުމާލުވާ ކަމަށް ވެސް އަސްކަރިއްޔާއާ ދެކޮޅަށް ތުހުމަތުކުރެއެވެ.
މި މައްސަލައިގައި ޝައްކު ކުރެވޭ އެތައް ފަރާތެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި ހައްޔަރުކުރުމުގެ އަމުރު ވެސް ވަނީ ނެރެފައެވެ. އޭގެ ތެރޭގައި އަސްކަރިއްޔާގެ އޮފިޝަލުން ހިމެނެއެވެ. އަދި މީހުންގެ ފާޑުކިޔުން އަމާޒުވި ތަހުގީގެއް ހިންގި ކުރީގެ ބަންޑާރަ ނައިބެއް ހިމެނެއެވެ.
މަރުވެފައިވަނިކޮށް ފެނުނު ހަށިގަނޑުތަކުގެ ތެރެއިން ކާކުކަން އެނގޭވަރުވީ މަދު ދަރިވަރުންތަކެކެވެ.
ހިލްދާދޯ މިހާރު ހައްޔަރުކޮށްފައި ހުރީ ސަލާމަތީ ގޮތުން އެންމެ ވަރުގަދަ އެއް ޖަލުގައެވެ.
ދަރިވަރުން ގެއްލުވައިލި ހާދިސާއަކީ މުޅި މެކްސިކޯއަށް ޝޮކެއް ލިބުނު ހާދިސާއެކެވެ. އެ ކަމާ ދެކޮޅަށް މުޒާހަރާތައް އެތައް އަހަރެއްވަންދެން ކުރިއަށްގެންދިޔައެވެ.
މީގެ ކުރިން ހިލްދާދޯ ހައްޔަރުކުރީ 2015 ގައެވެ. އެއަށް ފަހު 2019 ގައި އޭނާ ދުކޮށްލިއެވެ. ސަބަބެއް ކަމަށް ފަނޑިޔާރު ވިދާޅުވީ އޭނާއާ ދެކޮޅަށް ހެކި ހޯދައިފައި ހުރީ ގާނޫނާ ހިލާފަށް ކަމަށެވެ.
އޭގެ ފަހުން ހިލްދާދޯ ގެންގުޅުނީ ހިމާޔަތް ދީފައިވާ ހެކިވެރިއެއްގެ ގޮތަށެވެ. އެއީ އޭނާގެ ގްރޫޕުން ދަރިވަރުން ގެއްލުވައިލި ގޮތުގެ މައުލޫމާތު ދޭ މަތިންނެވެ.



advertisment