އުތުރު ކޮރެއާއަށް މިދިޔަ ޖުލައި މަހު ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާގައި 4،000 މީހުންގެ މަރާމެދު އިހުމާލުވި ކަމަށް ތުހުމަތުކޮށް 30 އޮފިޝަލަކަށް މަރުގެ އަދަބު ދީފިއެވެ.
މި އޮފިޝަލުންނަށް މިދިޔަ މަހު މަރުގެ އަދަބު ދިނީ ކޮރަޕްޝަނާއި ވަޒީފާގެ ޒިންމާ ނުނެގުމުގެ ތުހުމަތުގައި ކަމަށް ދެކުނު ކޮރެއާގެ ޓީވީ ޗޮސުންއިން ރިޕޯޓްކުރި ކަމަށް އިނގިރޭސި ވިލާތުގެ ދި އިންޑިޕެންޑެންޓް ނޫހުން އިއްޔެ ބުންޏެވެ.
ޗަގަންގް ޕްރޮވިންސަށް ކުރިމަތިވި ކާރިސާގައި 15،000 މީހުންގެ ގެދޮރު ނެތުނެވެ. ސިނުއިޖޫ އާއި އުއިޖޫ ސިޓީގައި 4،100 ގެއާއި 7،410 އޭކަރުގެ ދަނޑުބިންތަކުގެ އިތުރުން ބައިވަރު މަގާއި އިމާރާތްތަކާއި ރޭލުދަގަނޑުތަކަށް އަސަރުކޮށްފައިވެއެވެ.
"އިހުމާލުވި އޮފިޝަލުންނަށް ހަރުކަށި އަދަބު ދިނުމަށް ރައީސް ކިމް ޖޮންގް-އުން އަމުރުކުރެއްވި،" އުތުރު ކޮރެއާގެ ސެންޓްރަލް ނިއުސް އެޖެންސީން ރިޕޯޓްކުރި ކަމަށް ދި އިންޑިޕެންޑެންޓުން ބުންޏެވެ.
ކާރިސާ ކުރިމަތިވުމާއެކުހެން ކިމް ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ އެހީ ބަލައިނުގަންނަވާނެ ކަމަށެވެ.
"އޭގެ ބަދަލުގައި ކާރިސާގައި އަސަރުކުރި އެތައް ހާސް ބަޔަކު ވެރިރަށް ޕިޔޮންގްޔެންގްއަށް ބަދަލުކޮށް ރަނގަޅު ފަރުވާ ދީ، އެ މީހުންގެ ހާލަތު ރަނގަޅުކޮށްދިނުމަށް ކިމް އަމުރުކުރެއްވި،" އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކުރިއެވެ.
ކާރިސާގެ އަސަރުކުރި ތަންތަން އަލުން އާރާސްތުކުރުމަށް ދެތިން މަސް ނަގާނެ ކަމަށް ސަރުކާރުން އަންދާޒާކުރިއެވެ. އަދި އެ ކަމަށް ހޭދަވާ ވަގުތުގައި ޕިޔޮންގްޔެންގްގައި 15،400 މީހުންގެ ބޭނުންތައް ފުއްދައިދޭނެކަމަށް ސަރުކާރުން ބުންޏެވެ.
ޗަގަންގް ޕްރޮވިންސްގެ އިސް އޮފިޝަލެއް ކަމަށްވާ ކެންގް ބޮންގް-ހޫން މަގާމުން ދުރުކުރެއްވިކަމަށް ވެސް ޓީވީ ޗޮސުންއިން ރިޕޯޓްކުރިއެވެ.
އުތުރު ކޮރެއާގެ އިންސާނީ ހައްގުތަކާ ބެހޭ ކަންތައްތައް ބަލަން އެމެރިކާ ސަރުކާރުން ކަނޑައަޅައިފައި ހުންނަވާ އޮފިޝަލެއް ކަމަށްވާ ޖޫލީ ޓާނާ ވިދާޅުވީ އުތުރު ކޮރެއާއިން މަރުގެ އަދަބު ދެނީ އާއްމު ރައްޔިތުންނަށް ފެންނާނެ ގޮތަށް ކަމަށާއި އެއީ މީހުންގެ ހިތުގައި ބިރުވެރިކަން އުފައްދައި އެ މީހުން ކޮންޓްރޯލްކުރަން ކަމަށެވެ.
"މި ފަދަ ކަންތައްތައް ހުއްޓުވައި، އުތުރު ކޮރެއާ ހަމަމަގަށްއަޅުވަން ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރަންޖެހޭ،" އޭނާ ވިދާޅުވިއެވެ.



advertisment