ފޭސްބުކް މެދުވެރިކޮށް އިންޑޮނޭޝިއާގައި ތުއްތުކުދިން ވިއްކާ ބަޔަކު ފުލުހުން އަތުލައިގެންފިއެވެ. ތުއްތުކުދިން ވިއްކަމުން ދިޔައީ ބާލީއަށް އަންނަ ޓޫރިސްޓުންނަށެވެ.
ފުލުހުން ބުނީ ވެރިރަށް ޖަކާޓާ ކައިރީގައި އޮންނަ ޑެޕޮކް ސިޓީގައި ތުއްތުކުދިން ޓްރެފިކްކުރާ މި ގްރޫޕުން މި ކުށްކުރަމުންގެންދިޔައީ ވަރަށް ބޮޑަށް ރާވައިގެންކަމަށެވެ.
އަލަށް ވިހާ ކުދިން އެ ކުދިންގެ މައިންބަފައިންގެ އަތުން ގަންނަނީ 1،054 ޑޮލަރު (16،189ރ.)އަށެވެ.
"ބާލީއަށް އަންނަ ބިދޭސީންނަށް ތުއްތުކުދިން ވިއްކަމުން ދިޔައީ އެ އަގުގެ ހަތަރު ގުނަ ބޮޑު އަގެއްގައި. ކުރިން އޯޑަރު ދެވޭ އިންތިޒާމު ވެސް ހަމަޖައްސައިފައިވޭ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ.
މި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ އަށް މީހުން ހައްޔަރުކޮށްފައެވެ. އެ މީހުންނާ ދެކޮޅަށް ތުހުމަތުކުރަނީ އިންސާނުން ޓްރެފިކްކުރުން ނުވަތަ ގަނެވިއްކުމާއި އަދި ކުޑަކުދިން ރައްކާތެރިކުރުމާ ބެހޭ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ދެމަފިރިންނާއި މި ވިޔަފާރީގައި މެދުވެރިންގެ ރޯލު ކުޅުނު މީހުން ހިމެނެއެވެ.
ފުލުހުންގެ ވެރިޔާ އަރްޔަ ޕަރްދަނަ ވިދާޅުވީ ތުއްތުކުދިން ވިއްކާ މި ގްރޫޕުން ފޭސްބުކްގައި އެ ތުއްތުކުދިންގެ ވިއްކާ އަގުގެ ގޮތުގައި ކަނޑައަޅައިފައިވަނީ 649 ޑޮލަރު (9،968ރ.)އާއި 974 ޑޮލަރު (14،960ރ.)އާ ދެމެދުގެ އަގުތައް ކަމަށެވެ. ދެން ތުއްތުކުދިންތައް ގެންދަނީ އިންޑޮނޭޝިއާގެ މައި ފަތުރުވެރިކަމުގެ މަންޒިލް ބާލީއަށެވެ. އެ ތަނަށް ގެންގޮސް ބިދޭސީންނަށް ވިއްކަނީ ތުއްތުކުއްޖަކު 2،924 ޑޮލަރު (44،912ރ.)ގެ މަގުންނެވެ.
މި ކުށުގެ ވިއުގަ ފަޅާއެރީ އާއްމުންގެ ބަޔަކު ފުލުހުންނަށް ރިޕޯޓްކުރުމުންނެވެ.
"ބާލީގައި ވިއްކަން އުޅުނު އެއް ފިރިހެންކުއްޖަކާއި އެއް އަންހެންކުއްޖަކު ވިކުމުގެ ކުރިން ކުށްވެރިން އަތުލައިގަނެވުނު. ނަމަވެސް އޭގެ ކުރިން އެ މީހުން ވަނީ ފަސް ތުއްތުކުދިން ވިއްކައިފައި. ދަރިން ވިހެއުމުގެ ކުރިން ވެސް މާބަނޑުމީހުންނާ ވަނީ ޕްރި-އޯޑަރު ހަދައިފައި. ވިހެއުމާއެކު ބާލީއަށް ގެންގޮސް ވިއްކައިލުމަށްޓަކައި،" އަރްޔަ ކޮމްޕަސްއަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފިރިމީހާ ދަރިފުޅު ބޭނުންނުވި މައްސަލައެއްގައި އަންތްބަކު އެ ދެމަފިރިންގެ ތުއްތު ދަރިފުޅު 649 ޑޮލަރު (9،968ރ.)އަށް ވިއްކި މައްސަލައެއް ވެސް ފަޅާއަރައިފައިވާ ކަމަށެވެ.
އަރްޔަ ވިދާޅުވީ މިއީ ހަމައެކަނި ބާލީގައި ހިނގަމުންދާ ނާމާން ވިޔަފާރިއެއް ނޫން ކަމަށް ޝައްކުކުރެވޭ ކަމަށާއި މިހެންވެ އެހެން ސަރަހައްދުތަކުގައި ވެސް މި ވިޔަފާރި ކުރިއަށްދޭތޯ ތަހުގީގުކުރަމުންދާ ކަމަށެވެ.
"މި ވަގުތު ފަޅާއެރީ ހަމައެކަނި ބާލީ ސަރަހައްދުގައި ތުއްތުކުދިން ވިއްކާ ޖަރީމާ. ނަމަވެސް ރާވައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކުށް ކޮންމެ ހިސާބެއްގައި ވެސް ހިންގައިފާނެ. އަދި ކުށްވެރިންނަކީ އެހެން ގައުމުތަކުގެ ރައްޔިތުން ކަމަށް ވެސް ވެދާނެ،" އަރްޔަ ވިދާޅުވިއެވެ.
އދ.ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އިންސާނުން ގަނެވިއްކާ ވިޔަފާރީގެ 56 ޕަސެންޓް މުއާމަލާތް ކުރިއަށްދަނީ އޭޝިއާ އާއި ޕެސިފިކް ސަރަހައްދުތަކުގައެވެ. އެ ގޮތުން ދެކުނުއިރުމަތީ އޭޝިއާ އަދި ދެކުނު އޭޝިއާއަކީ މި ވިޔަފާރީގެ ކުރީގައި އުޅޭ ސަރަހައްދުތައްކަމަށް އދ.އިން ބުނެއެވެ.
އިންޑޮނޭޝިއާގައި ހިއުމަން ޓްރެފިކިންގެ ކުށް ސާބިތުވާ ކުށްވެރިން 15 އަހަރަށް ޖަލަށް ލައި، 39،004 ޑޮލަރު (599،101ރ.)އިން ޖޫރިމަނާކުރެއެވެ. ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ގާނޫނާ ދެކޮޅަށް އަމަލުކުރާ ކުށްވެރިން 15 އަހަރަށް ޖަލަށް ލައި، 19،502 ޑޮލަރު (299،550ރ.)އިން ޖޫރިމަނާކުރެއެވެ.



advertisment