އޭޝިއާގެ އެންމެ މުއްސަނދި މީހުންގެ ލިސްޓްގެ އެއްވަނައިގައި އޮތް އިންޑިއާގެ ބިލިއަނަޔަރު މުކޭޝް އަމްބާނީ ފަހަތަށް ޖައްސައިލުމަށް ފަހު އެ މަގާމަށް އިންޑިއާގެ ގައުތަމް އަދާނީ އަރައިފިއެވެ.
ހިޔުރަން އިންޑިއާ ރިޗް ލިސްޓްގެ އެއްވަނައަށް އަދާނީ އެރީ އޭނާގެ މިލްކިއްޔާތުގައި 136 ބިލިއަން ޑޮލަރު (2،000 ބިލިއަން ރުފިޔާ) ހުރުމުންނެވެ.
އަދާނީއަކީ އަދާނީ ގްރޫޕްގެ ދަށުން ދުނިޔޭގައި ބަނދަރުތައް އޮޕަރޭޓްކޮށް، ހަކަތައާއި މައިނިން އަދި ދަނޑުވެރިކަމުގެ ވިޔަފާރިކުރާ އުމުރުން 61 އަހަރުގެ ވިޔަފާރިވެރިއެކެވެ.
"މިދިޔަ އަހަރާ އަޅާބަލާއިރު އަދާނީގެ އާމްދަނީ 95 ޕަސެންޓުން އިތުރުވެފައިވޭ،" ހިޔުރަން ރިޕޯޓުން ބުންޏެވެ.
އިންޑިއާގެ ރިލަޔަންސް އިންޑަސްޓްރީޒްގެ ވެރިޔާ އަމްބާނީގެ އަތުގައި މިހާރު ހުރީ 119 ބިލިއަން ޑޮލަރު (1،827 ބިލިއަން ރުފިޔާ)އެވެ. ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު އަމްބާނީގެ މުއްސަނދިކަން މި އަހަރު އިތުރުވީ 25 ޕަސެންޓުންނެވެ. ނަމަވެސް އޭގެ ކުރީ އަހަރާ އަޅާބެލިއިރު މިދިޔަ އަހަރު އޭނާގެ މުއްސަނދިކަން އިތުރުވެފައިވާތީ އޭނާ މި ދިޔަ އަހަރު ވަނީ ލިސްޓްގެ އެއްވަނައިގައެވެ.
ހިޔުރަންގެ ލިސްޓުން ދައްކާ ގޮތުގައި އޭގައިވާ މަހުޖަނުންގެ ތެރެއިން އެންމެ މަތީ 10 ވަނައިގައިވާ މީހުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ވޭތުވެދިޔަ ފަސް އަހަރު ދުވަހުގައި އާމްދަނީ ލިބުނީ އަދާނީއަށެވެ. އޭގެ މާކުރިން 2014 ގައި އަދާނީ ވަނީ އިންޑިއާގެ އެންމެ މުއްސަނދި 10 މީހުންގެ ލިސްޓްގެ 10 ވަނައިގައެވެ. އެއިރު އޭނާގެ މިލްކިއްޔާތުގައި ތިން ބިލިއަން ޑޮލަރު (46 ބިލިއަން ރުފިޔާ) ހުއްޓެވެ.
ހިޔުރަން ލިސްޓުން ދެއްކި ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އިންޑިއާގެ ބިލިއަނަޔަރުންގެ އަދަދު މި އަހަރު ވަނީ 29 ޕަސެންޓް އިތުރުވެފައެވެ. އެ ގޮތުން އިންޑިއާގައި ފުރަތަމަ ފަހަރަށް ބިލިއަނަޔަރުން ވަނީ 300 އަށްވުރެ އިތުރުވެ، އެ އަދަދު 334 އަށް އަރައިފައެވެ.
"މި ނިސްބަތުން ބަލާއިރު މީގެން ދައްކައިދިނީ އިންޑިއާގައި ކޮންމެ ފަސް ދުވަހަކުން ބިލިއަނަޔަރެއް އުފެދޭކަން،" ހިޔުރަންގެ ފައުންޑަރު އަދި ދިރާސާކުރުންތެރިޔާ އަނަސް ރަހްމާން ޖުނައިދު ވިދާޅުވިއެވެ.
އެ ލިސްޓްގައި ބުނެފައިވަނީ އިންޑިއާ ވެފައިވަނީ "އޭޝިއާގައި މުއްސަނދިކަން އުފައްދާ މެޝިނެއް" ކަމަށާއި މިއީ "ޗައިނާގައި ބިލިއަނަޔަރުންގެ އަދަދު 25 ޕަސެންޓުން މަދުވެފައިވަނިކޮށް" ކަމަށެވެ.
އަނަސް ވިދާޅުވީ ހިޔުރަންގެ ލިސްޓަށް ފުރަތަ ފަހަރަށް އިންޑިއާގެ 1،539 މަހުޖަނުން އަރައިފައިވާ ކަމަށެވެ.
"އޭގެ ތެރޭގައި މުއްސަނދިކަން އުފައްދާ އެތައް ދާއިރާގެ މީހުންވޭ. އެ ގޮތުން އާއިލީ ވިޔަފާރި އާއި ސްޓާޓްއަޕް އާއި އަމިއްލަ އިކުއިޓީ އިންވެސްޓަރުންނާއި އޭންޖަލް އިންވެސްޓަރުންނާއި ދެން އަންނަން އޮތް ޖީލުގެ ވެރިންނާއި ފިލްމީ ތަރިން އަދި އިތުރު މީހުން ވެސް ހިމެނޭ،" އޭނާ ވިދާޅުވިއެވެ.
ހިޔުރަންގެ ލިސްޓްގެ ތިންވަނައަށް އެރީ އެޗް.ސީ.އެލް ކުންފުނީގެ ޝިވް ނަދަރުއެވެ. އޭނާގެ މިލްކިއްޔާތުގައި 36 ބިލިއަން ޑޮލަރު (552 ބިލިއަން ރުފިޔާ) އެބަހުއްޓެވެ. އޭނާގެ ފަހަތުގައި ވަނީ ސިރަމް އިންސްޓިޓިއުޓްގެ ސައިރަސް ޕޫނަވައްލާއެވެ. ސައިރަސްގެ މިލްކިއްޔާތުގައި 34 ބިލިއަން ޑޮލަރު (522 ބިލިއަން ރުފިޔާ) އެބަހުއްޓެވެ.
ހިޔުރަން ލިސްޓަށް ފުރަތަމަ ފަހަރަށް އެރި އެކަކީ ބޮލީވުޑް ތަރި ޝާހް ރުކް ހާންއެވެ. އޭނާގެ އަތުގައި 862 މިލިއަން ޑޮލަރު (13 ބިލިއަން ރުފިޔާ) އެބަހުއްޓެވެ.
ހާންގެ ފަހަތުން ހިޔުރަން ލިސްޓަށް އެރި އެހެން ބޮލީވުޑް ޝަހުސިއްޔަތުން ތެރޭގައި ޖޫހީ ޗާވްލާ، ރިތިކް ރޯޝަން، އަމީތާބް ބައްޗަން އަދި ކަރަން ޖޯހަރު ހިމެނެއެވެ.



advertisment