ޗައިނާއާ ގުޅިގެން ތައިލެންޑްގައި ހަލުވި ދުވެލީގެ ރޭލެއް ދަތުރުކުރާ ރޭލު ދަގަނޑު އެޅުމަށްޓަކައި ޗައިނާއާ ގުޅިގެން ތައިލެންޑްގައި ކޮންނަމުން ދިޔަ ހޮހަޅައިގެ ތެރޭގައި މަސައްކަތްކުރި ޗައިނާގެ ދެ މީހުންނާއި މިޔަންމާގެ އެކަކު މަރުވެއްޖެއެވެ.
ތިން މީހުންގެ ހަށިގަނޑު ފެނުނީ މިއަދު ކަމަށްވާއިރު ރަސްމީ އިދާރާތަކުން އިއްޔެއާ ހަމައަށް ހީކުރީ ތިން މީހުން ތިބީ ސަލާމަތުން ކަމަށެވެ. މިހެންވެ ހޮހަޅައަށް ފަސްއެޅުމުން މި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަވަސްކުރިއެވެ.
ހޮހަޅައަށް ފަސް އެޅުނީ މީގެ ފަސް ދުވަސް ކުރިން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. އަދި އޭގެ ފަހުން ވެސް ބިންގަނޑު ކަނޑައިގެން ގޮސްފައިވެއެވެ.
"ތިން މީހުން މަރުވި ކަމަށް ބެލެވެނީ ވައި ނެތުމުން ނޭވާ ނުލެވިގެން،" ތައިލެންޑްގެ ރޭލުތަކާ ބެހޭ އިދާރާ، ސްޓޭޓް ރެއިލްވޭ އޮފް ތައިލެންޑުން މިއަދު ބުންޏެވެ.

މަރުވި ތިން މީހުން ސަލާމަތްކުރުމަށްޓަކައި ތައިލެންޑްގެ ރަސްމީ އިދާރާތަކަށް ޗައިނާގެ ރަސްމީ އިދާރާތަކުން ވެސް އެހީތެރިވިއެވެ.
ހޮހަޅައަށް ފަސް އެޅުނީ ތައިލެންޑްގެ އިރުއުތުރު ޕްރޮވިންސެއް ކަމަށްވާ ނަކްހޮން ރަޓްޗަސިމާއަށް މިދިޔަ ހޮނިހިރު ދުވަހު ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއަކުންނެވެ.
ހޮހަޅައަށް ފަސް އެޅުނީ އެ ހޮހަޅައަށް ވަންނަ ކްލޮންގް ކަނަން ޗިޓް ރޭލު ސްޓޭޝަނުން ފެށިގެން ގާތްގަނޑަކަށް އެއް މޭލެއްހާ އެތެރެއިންނެވެ. މަސައްކަތްތެރިން ތާށިވީ އޭގެ 2،000 އެއްހާ ފޫޓު އެތެރެއިންނެވެ.

ސްކޭނަރަކާއި ވަސް ބަލާ ކުއްތާއެއްގެ އެހީގައި ތިން މީހުންގެ ހަށިގަނޑުގެ ހޫނުކަމާއި ހިތުގެ ވިންދު ވަނީ ދެނެގަނެވިފައި ކަމަށް ތައިލަންޑްގެ އޮފިޝަލުން ވިދާޅުވިއެވެ. އެއީ ހޯމަ ދުވަހުގެ ފަތިހު ހަތަރެއް ޖަހާކަންހާއިރެވެ. މި ކަމުގެ ސަބަބުން ތިން މީހުން ސަލާމަތްކުރެވޭނެ ކަމަށް އުއްމީދު އާވިއެވެ. އެ ގޮތުން އަންގާރަ ދުވަހުގެ ހަވީރު ތިން މީހުން ސަލާމަތްކުރެވޭނެ ކަމަށް ހީކުރިއެވެ.
އެކްސްކަވޭޓަރާއި ލޮރީ އާއި ކާރު ވަނީ ހޮހަޅައިގެ ތެރެއިން ފެނިފައެވެ. އެއީ އެ ތިން މީހުންގެ މަސައްކަތަށް ބޭނުންކޮށްފައިވާ އުޅަނދުތަކެވެ.
ތައިލެންޑްގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ މަސައްކަތްތެރިން ތާށިވި ހިސާބުގައި ލޯވަޅު އަޅައި، ނޭވާލާން ވައި ވެއްދޭނެ ގޮތް ހަދައިފައެވެ. އަދި އެ ލޯވަޅު ފުޅާކުރަމުން ދިޔައީ މަސައްކަތްތެރިންނާ ހިސާބަށް، އެ މީހުން ސަލާމަތްކުރަން މަސައްކަތްކުރި މީހުންނަށް ވަދެވޭނެ ގޮތް ހެދުމަށެވެ. މި ލޯވަޅުން ވަނީ ކުއްލި ހާލަތުގައި ބޭނުންވާނެ ތަކެތި ވެސް ހޮހަޅައަށް ވައްދައިދީފައެވެ.
"ސަލާމަތްކުރުމުގައި ހޭދަވި 126 ގަޑިއިރުގެ މަސައްކަތަށް ހުރަސްއެޅުނީ ބިންގަނޑު ކަނޑައިގެންދިއުމުގެ އިތުރު ހާދިސާތަކެއް ކުރިމަތިވުމުން،" ތައިލެންޑްގެ ވަގުތީ ދާހިލީ ވަޒީރު އަނުޓިން ޗަރުންވިރަކުލް ވިދާޅުވިއެވެ.
"ހޮހަޅައިގައި ތާށިވި މަސައްކަތްތެރިންގެ އިތުރުން އެ މީހުން ސަލާމަތްކުރަން މަސައްކަތްކުރި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރަން ވެސް އަހަރެމެން މަސައްކަތްކުރިން،" އަނުޓިން ވިދާޅުވިއެވެ.
ސްޓޭޓް ރެއިލްވޭ އޮފް ތައިލެންޑުން މިއަދު ބުނީ މަރުވި ތިން މަސައްކަތްތެރިންގެ އާއިލާތަކަށް ތައުޒިޔާ ކިޔައިފައިވާ ކަމަށާއި އެ އާއިލާތަކަށް އެހީތެރިވުމަށް ތައްޔާރު ކަމަށެވެ.
ތިން މަސައްކަތްތެރިން މަރުވި ގޮތް ދެނެގަތުމަށްޓަކައި އޮޓޮޕްސީއެއް ހަދަން މިހާރު ވަނީ އެ ތިން މީހުންގެ ހަށިގަނޑު ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.



advertisment