Support Us

ފްލައިޓް ދުއްވަމުން ޕައިލެޓުން ނިދާތަ؟

ޖަވާބަކީ އާނއެކެވެ. ނަމަވެސް އެއީ ހަރުކަށި ގަވައިދުތަކަކާއެކުއެވެ.

ދުރު ރާސްތާއަށް ދަތުރުކުރާ ފްލައިޓްތަކުގައި މިއީ އާއްމު ކަމެކެވެ. ގިނައިރު ފްލައިޓް ދުއްވަން ޖެހޭތީ ފުރިހަމަ އަރާމު ލިބިގަތުމަށެވެ.

ޕައިލެޓުންނަށް އަރާމު ލިއްބައިދޭ މައިގަނޑު ދެ ގޮތެއްވެއެވެ.

އެއް ގޮތަކީ "ކޮންޓްރޯލްޑް ރެސްޓް"އެވެ. މިއީ ފްލައިޓު ދުއްވަން ޕައިލެޓުން ތިބޭ ކޮކްޕިޓްގައި އެއް ޕައިލެޓަކު އަރާމުކުރާއިރު އަނެއް ޕައިލެޓު ފްލައިޓް ދުއްވުމެވެ. އަރާމުކުރާ ޕައިލެޓަށް ލިބޭނީ ކުރު ވަގުތުކޮޅެއްގެ އަރާމުކަމެކެވެ. "ޕަވަރ ނެޕް" ނުވަތަ ސިކުނޑީގެ ފޯކަސް ރަނގަޅު ކުރަން ކުޑަ ވަގުތުކޮޅަކު ނިދާލާ ނިދާލުމެކެވެ.

ދެވަނަ ގޮތަކީ "ބަންކް ރެސްޓް"އެވެ. މިއީ އެނދެއް ކަހަލަ ބަންކެއްގައި ނުވަތަ ސީޓެއްގައި ޕައިލެޓެއް ނިދާލުމަށް ދޭ ފުރުސަތެކެވެ. މި ގޮތަށް ބަންކް ރެސްޓް ދެނީ ދިގު ދަތުރުކުރާއިރުއެވެ. މިހެންވެ ގިނައިރު އަރާމުކުރަން ޕައިލެޓަށް ފުރުސަތު ލިބެއެވެ.

ޕައިލެޓުން އަރާމު ކުރުމާއި މުޅި ދަތުރުގައި ހުރިހާ ކަމަކަށް ސަމާލުކަން ދީގެން އިނުމަށްޓަކައި "ހަރުކަށި ގަވައިދު"ތަކެއްވެއެވެ.

ޕައިލެޓުން ވަރުބަލިވުމާ ދުރުކޮށްދިނުމަށް އެއާލައިންތަކުގައި ވެސް ޕްރޮޓޮކޯލްތަކެއްވެއެވެ. ޕައިލެޓުންގެ ސިކުނޑި ރަނގަޅަށް ފޯކަސްކޮށްގެން ތިބުމަށް ބޯލަނބަންޖެހޭ އިޖުރާއަތްތަކެއްވެއެވެ. އެ ގޮތުން މާ ބޮޑަށް ވަރުބަލިވުމުން ފްލައިޓް އޮޕަރޭޓް ނުކުރެވޭނެ ގޮތްތައް ވެސް ކަނޑައަޅައިފައިވެއެވެ.

ފްލައިޓެއްގައި ދެ ޕައިލެޓުން ތިބޭއިރު ފަހަރަކު ޕައިލެޓަކު އަރާމުކުރާ ގޮތަށް ހަމަޖައްސައިފައިވެއެވެ. އެކަކު އަރާމުކުރާއިރު ނުވަތަ ނިދާއިރު އަނެކަކު އިންނާނީ ފްލައިޓް ކޮންޓްރޯލް ކުރުމުގައެވެ. އެ ގޮތުން ފްލައިޓް ދުއްވުމުގައި ލިބޭ ލުއި ވަގުތުތަކުގައި، ދަތުރުގެ ދިގުމިނަށް ބަލައިފައި ޕައިލެޓަކަށް 45 މިނެޓް އަރާމުކުރަން ނުވަތަ ނިދާލުމުގެ ފުރުސަތު ދެއެވެ.

ދެ ޕައިލެޓުން އެއްފަހަރާ ނިދުމަކީ ކަނޑައެޅިގެން މަނާ ކަމެކެވެ. ސަބަބަކީ ފްލައިޓް ބޮޑު ނުރައްކަލަކަށް ހުށަހެޅޭނެތީއެވެ.

މިސާލަކަށް، 15 އޯގަސްޓް 2022 ގައި ސޫދާނުން އިތިއޯޕިއާއަށް ދަތުރުކުރަމުންދިޔަ ފްލައިޓެއްގައި ދެ ޕައިލެޓުންނަށް އެއް ފަހަރާ ނިދުނެވެ. އެއިރު މަތިންދާބޯޓު ހުރީ ކަނޑަށްވުރެ 37،000 ފޫޓު މަތީގައެވެ. ދެން ވީ ގޮތަކީ ޖައްސަން ޖެހޭ މަންޒިލަށް ނުޖެއްސުނީއެވެ.

ނަމަވެސް އެ ދެ ޕައިލެޓުންގެ ނަސީބު ގަދައެވެ. އޭގެ ތެރެއިން އެއް ޕައިލެޓަށް ކުއްލިއަކަށް ހޭލެވުނެވެ. އެއްވެސް ފަސިންޖަރަކަށް އަދި ފަޅުވެރިއަކަށް ޒަހަމެއް ނުލިބި ފްލައިޓް ޖައްސަން ވީ މަންޒިލަށް ގޮސް އެ އެއާޕޯޓަށް މަތިންދާބޯޓު ތިރިކުރެވުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް