ކުޅެން ހުއްޓާ ހިތުގެ ވިންދުގައި މައްސަލަ ޖެހިގެން ދަނޑުމައްޗަށް ވެއްޓުނު ޔުރުގުއާއީގެ ކުޅުންތެރިޔާ ހުއާން އިޒްކިއެރްދޯ މަރުވެއްޖެއެވެ.
އުމުރުން 27 އަހަރުގެ ހުއާންއަށް ކުރިމަތިވީ އެރިތުމިއާ ކިޔާ މައްސަލައެކެވެ. މިހެން ދިމާވުމުން ހަށިގަނޑުގެ ހަރަކާތްތެރިކަން ހުންނަ ވަރާ އެއްވަރަށް ހިތުގެ ހިނގުން ނުހިނގުމުގެ މައްސަލަ ދިމާވެއެވެ.
މިދިޔަ ހަފުތާގައި ކުރިމަތިވި މި ސިއްހީ ހާލަތުގެ ސަބަބުން ފަރުވާ ދެމުންދަނިކޮށް މަރުވީ ކަމަށް އޭނާ ކުޅޭ ކްލަބް ނެސިއޮނެލުން ބުންޏެވެ.
ހުއާން ކުޅެމުން ދިޔައީ ކޯޕަ ލީބަޓަޑޯރެސްގެ 16 ވަނަ ބުރުގެ މެޗެކެވެ. އެއީ މި މަހުގެ 22 ގައި ބްރެޒިލްގެ މޮރަމައި ދަނޑުގައި ސައޮ ޕައޮލޯއާ ދެކޮޅަށް ކުޅުނު މެޗެކެވެ.

ޑިފެންސަށް ކުޅޭ ހުއާން ބުރާސްފަތި ދުވަހު ދަނޑުމައްޗަށް ވެއްޓުމާއެކު ގެންދިޔައީ އެލްބަޓް އައިންސްޓައިން ހޮސްޕިޓަލަށެވެ.
ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ހުއާނަށް ކާޑިއޮ-ރެސްޕިރޭޓަރީ މައްސަލަ ވެސް އެރިތުމިއާއާއެކު ކުރިމަތިވި ކަމަށެވެ. މިއީ ޖިސްމާނީ ގޮތުން މީހާ ހަރަކާތްކުރާއިރު ހިތާއި އެކު ނޭވާ ލުމުގެ ނިޒާމަށް ވެސް ނޭދެވޭ ގޮތް ވުމެވެ.
އޭގެ ކުރިން ހޯމަ ދުވަހު ޑޮކްޓަރުން ވިދާޅުވީ ހުއާންގެ ބޮލުގެ ނާށިގަނޑުގެ އެތެރޭގައި އިންޓްރަކްރޭނިއަލް ޕްރެޝަރު އުފެދި ސިކުނޑިއަށް ނުރައްކާވެފައިވާ ކަމަށެވެ. މިހެންވެ އާދީއްތަ ދުވަހުން ފެށިގެން ހުއާން ވަނީ ވެންޓިލޭޓަރާ ގުޅައި، ނާރުތަކާ ގުޅޭ ސީރިއަސް ފަރުވާ ދޭން ފަށައިފައި ކަމަށް ޑޮކްޓަރުން ހޯމަ ދުވަހު ވިދާޅުވިއެވެ.
ސައޮ ޕައޮލޯއާ ދެކޮޅަށް ކުޅުނު މެޗުގައި ހުއާން މެޗަށް ނުކުތީ ދެ ވަނަ ހާފުގައި ސެބަސްޓިއާން ކޯޓްސްގެ ބަދަލުގައެވެ. މެޗުގެ 84 ވަނަ މިނެޓުގައި ހުއާން ދަނޑުމައްޗަށް ވެއްޓުނެވެ. ހޭނެތިގެންނެވެ. ވެއްޓުނީ އެހެން ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެއް ނޫނެވެ. އޭނާ ދަނޑުމައްޗަށް ވެއްޓުމާއެކު ދެ ޓީމުގެ ކުޅުންތެރިން ސިއްހީ އެހީތެރިންގެ މަދަދަށް ގޮވައިލިއެވެ. އެމްބިއުލެންސަށް އެރުވިއިރު ވެސް ހުއާން ހޭނައިރައެވެ. ނަމަވެސް އޭނާއަށް ތަރުހީބު ދިނުމުގެ ގޮތުން އޭނާއަށް ސަޕޯޓްކުރާ ފޭނުން އަތްޖަހަމުން ދިޔައެވެ. ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފުރަތަމައިން ވެސް ފަރުވާ ދިނީ އިންޓެންސިވް ކެއާ ޔުނިޓް (އައި.ސީ.ޔޫ)ގައެވެ.
ހުއާންގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ ޔުރުގާއީގެ ޓީމު ސެރޯއިންނެވެ. އެއީ 2018 އެވެ. ޖެހިގެން އައި އަހަރު އޭނާ ޕީނަރޯލަށް ބަދަލުވިއެވެ. އެކަމަކު މެޗު ކުޅެން ލިބުނު ވަގުތު މަދެވެ. ދެން އޭނާ ބަދަލުވީ މޮންޓެވެޑެއޮ ވޮންޑަރާސްއަށެވެ.
ހުއާން ނެސިއޮނެލަށް ސޮއިކުރީ 2022 ގައެވެ. އެއް މެޗު ކުޅެފައި އޭނާ ބަދަލުކުރީ ޔުރުގުއާއީގެ ލިވަޕޫލް ނަމަކަށް ކިޔާ ޓީމަކަށެވެ. އެއް ގަރުނުގެ ތެރޭގައި އެ ޓީމަށް ލިބުނު ފުރަތަމަ ލީގް ޓައިޓަލް އެ ޓީމަށް ލިބުނީ މި ދިޔަ އަހަރުއެވެ. ތަށި ހޯދުމަށް ޓީމުން ކުރި މަސައްކަތުގައި ހުއާން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
އެނބުރި ނެސިއޮނެލަށް ހުއާން އައީ މި އަހަރުއެވެ. ކޯޓްސްއާއެކު ފުރަތަމަ 11 ގައި އޭނާ ހިމެނުނެވެ. އެއަށް ފަހު 23 މެޗު ކުޅެ، އެއް ލަނޑު ޖެއްސެވެ.
ހުއާނަށް ކުރިމަތިވި ސިއްހީ މައްސަލަތަކުގެ ސަބަބުން ޔުރުގުއާއީގެ ފުރަތަމަ އަދި ދެވަނަ ޑިވިޝަންގެ މެޗުތައް ފަސްކުރިއެވެ.
އާދީއްތަ ދުވަހު ބްރެޒިލްގެ ލީގުގައި 2-1 އިން ވިއާޗީގެ މައްޗަށް ކާމިޔާބު ހޯދި މެޗުގައި ސައޮ ޕައޮލޯގެ ކުޅުންތެރިން ވަނީ ހުއާނަށް ތަރުހީބު އޮތްކަން ދެއްކުމުގެ ގަމީހެއް ލައިފައެވެ.
އެ ޓީމުން ބުނީ ހުއާން މަރުވި ހަބަރު ލިބުމުން ހިތާމަ ލިބުނު ކަމަށާއި މިއީ "ފުޓުބޯޅައަށް ލިބުނު ހިތާމަވެރި ދުވަހެއް" ކަމަށެވެ.
ނެސިއޮނެލުން އެކްސްގައި ބުނީ "ޓީމުގެ ލޮބުވެތި ކުޅުންތެރިޔާ ހުއާންގެ މަރު މި އިއުލާންކުރަނީ ފުން ހިތާމަ އާއި ހިތަށް ޝޮކެއް ލިބިފައިވާ ހާލަތުގައި" ކަމަށެވެ.
"އޭނާގެ އާއިލާ، ރަހްމަތްތެރިން، އެކުގައި މަސައްކަތްކުރާ މީހުން އަދި އޭނާ ލޯބިވާ އަދި އޭނާ ދެކެ ލޯބިވާ އެންމެންނަށް ވެސް ތައުޒިޔާކިޔަން. އޭނާ ނެތުން އެއީ ފޫނުބެއްދޭނެ ކަމެއް. މުޅި ޓީމު ވަނީ ހިތާމަކުރުން މަތީގައި،" ނެސިއޮނެލުން ބުންޏެވެ.
ދެކުނު އެމެރިކާގެ ފުޓުބޯޅަ ބަލަހައްޓާ ޖަމިއްޔާގެ ރައީސް އަލަހަންޑްރޯ ޑޮމިންގެޒް ވެސް ވަނީ ހުއާންގެ އާއިލާއަށާއި ރަހްމަތްތެރިންނަށް ތައުޒިޔާ ދަންނަވައިފައެވެ.
"ދެކުނު އެމެރިކާގެ ފުޓުބޯޅަ މި ވަނީ ހިތާމައިގެ ތެރޭގައި،" އޭނާ އިތުރަށް ވިދާޅުވިއެވެ.



advertisment