ރަޝިއާއިން ޔޫކްރެއިން ހިފުމަށް ކުރަމުންދާ ދިގުދެމިގެންދާ ހަނގުރައިމައިގައި ކުރިމަތިވެފައިވާ މާޔޫސްކަމުން ޔޫކްރެއިންގެ ސިފައިންގެމީހާ ރުސްލާން މޮކްރިޓްސްކީ ތަސައްލީއެއް ހޯދީ ކެއްކުން ހޮބީއަކަށް ހަދައިގެންނެވެ.
އުމުރުން 32 އަހަރުގެ ރުސްލާނަށް މިހާރު ވަނީ ހިތްހަމަޖެހުމާއި ހަޔާތުގައި އިތުރު އުއްމީދެއް ލިބިފައެވެ؛ އެއީ އޭނާގެ ކެއްކުމުގެ ހުނަރު މުޅި ދުނިޔެއާ ހިއްސާކޮށްގެންނެވެ. އެ ގޮތުން ހަނގުރާމައިގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ރުސްލާން އަންނަނީ އޭނާގެ ކެއްކުމުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
ހަނގުރައިމައިގެ މައިދާނުގައި ކެނޑިނޭޅި ލިބެމުންދާ ސްޓްރެސް އާއި ހިތްދަތިކަމަށް އޭނާގެ ސޯޝަލް މީޑިއާއިން ތަސައްލީއެއް ލިބޭކަމަށް ރުސްލާން ބުންޏެވެ. އެ ގޮތުން މުނިފޫހިފިލުވައިދޭ ގޮތަކަށް ކާބޯތަކެތި ތައްޔާރުކުރާ މަންޒަރު ދައްކުވައިދިނުން ވެފައިވަނީ ހަމައެކަނި އޭނާ ހިތްހަމަޖެހޭ ކަމަކަށް ނޫނެވެ. އޭނާގެ އެކުވެރި ޔޫކްރެއިން ސިފައިންނަށް ވެސް މި ކަމުން ބޮޑު އުފަލެއް ލިބެއެވެ.
ރުސްލާންގެ ވީޑިއޯތަކުން ދުނިޔެއަށް ދައްކައިދެނީ ހަނގުރާމަ ކަހަލަ އަނިޔާވެރި ކަންތައްތަކުގެ ތެރޭގައި ވެސް އިންސާނުންގެ އިންސާނިއްޔަތުކަން ފާޅުވެ، ދެމިހުންނަ ކަމެވެ. އަދި ޔޫކްރެއިންގެ ދުޝްމިނުން ކަމަށްވާ ރަޝިއާއިން ޔޫކްރެއިންގެ ސިފައިން "ނުބައި ބައެއް"ގެ ގޮތުގައި ދައްކަން އުޅޭ އުޅުން ނާކާމިޔާބުވެފައިވާކަމެވެ.

ރުސްލާންގެ ވީޑިއޯތައް ވަރަށް ޝައުގުވެރިއެވެ. އޭގެ ތެރެއިން އެއް ވީޑިއޯއެއްގައި ފެންނަނީ އިރުމަތީ ޔޫކްރެއިންގެ ހިސާބެއްގައި ރުސްލާން، ސިފައިން ބޭނުންކުރާ ހަނގުރާމަތީ ވަޅިއަކުން ފިޔާ ކޮށައި މަންޒަރެވެ. އަދި ފިޔާ ކޮށައިއިރު "ކަރުނައާ ނުލައި ކެއްކޭތޯ" އޭނާ މަސައްކަތްކުރެއެވެ. ހަނގުރާމައިގެ ކުރީ ސަފުގައި މިއީ ކުޑަ ކަމެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް މިއީ އެހާ ފަސޭހަކަމެއް ނޫނެވެ.
ރުސްލާނަށް ކަމުދާ ގޮތަށް، ކަމުދާ އޭންގަލުން ޝޮޓެއް ނެގުމަށް އޭނާގެ އެކުވެރިޔާއަށް އިރުޝާދު ދެއެވެ. މިއީ މުހިންމު ކަމެކެވެ. ސަބަބަކީ އޭނާގެ ޓިކްޓޮކްގައި 131،600 ފޮލޯވަރުން އުޅޭތީއެވެ.
"އަހަރެންގެ އިނގިލިތައް ތަންކޮޅެއް ގާތުން ފެންނަ ގޮތަށް ނަގާ،" ރަހްމަތްތެރިޔާއަށް ރުސްލާން ބުނެއެވެ.
މި ޝޮޓުން ވަރަށް އެހެން ކަހަލަ އެއްޗެއް ވެސް ފެނެއެވެ. އެއީ އޭނާގެ ޒަހަމްވެފައިވާ އަތެވެ.
އޭގެ 24 ގަޑިއިރު ކުރިން ރުސްލާން އުޅުނީ ޑްރޯނެއް އުދުއްސުމުގައި މަސްއޫލުވެގެންނެވެ. އެއީ އެތައް މަހެއް ވަންދެން ރަޝިއާއިން ހިފަން މަސައްކަތްކުރަމުންދާ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދު ދިފާއުކުރުމަށެވެ.
ހަނގުރާމަ 2022 ގައި ފެށިއިރު ވެސް ރުސްލާން ހުރީ ރަޝިއާއިން ކެނޑިނޭޅި ދެމުންދިޔަ ހަމަލާތަކުގެ އުދާސްތަކަށް ތަސައްލީއެއް ލިބޭތޯ ބަލަބަލައެވެ.
"މީހާ ސްޓްރެސްކޮށްލާ ކަހަލަ މަންޒަރުތައް ފެންނަމުންދިޔައީ. އަހަރެންގެ ސިކުނޑިއަށް އަރާމެއް ބޭނުންވި،" ރުސްލާން ބުންޏެވެ.
ހަނގުރައިމައިގެ ބިރުވެރިކަން ފިލުވައިލުމަށް އެއިރު ރުސްލާން މަސްއޫލުވީ ފިލްމް ބެލުމާއި މިއުޒިކް އަޑުއެހުމާއި ފޮތް ކިޔުމާއި އަދި ހިނގާލަން ދިއުމުގައެވެ. ރަޝިއާއިން ބޮންތައް އޮއްސަމުން ދިޔައިރުވެސްމެއެވެ.
"ނަމަވެސް މިއިން އެއްވެސް ކަމަކުން އަރާމެއް ނުލިބުނު. އެހާ ހިސާބުން އަހަރެން އަހަރެންގެ އަމިއްލަ ނަފުސަށް ބުނީ އަހަރެން ފްރައިސް ތެއްލާ މަންޒަރު ވީޑިއޯކޮށްގެން ދުނިޔެއާ ހިއްސާކޮށްލުމުން ސަޅި ކަމަކަށް ވާނެއޭ،" ރުސްލާން އޭ.އެފް.ޕީ.އަށް ކިޔައިދިނެވެ.
އެ ހިޔާލު ވައިގައި ހިފީ ހީވެސް ނުކުރާ ފަދަ ކާމިޔާބަކާއެކުއެވެ. ސަބަބަކީ އެ ވީޑިއޯއަށް ތިން މިލިއަން ވިއުސް ލިބުމުންނެވެ.
މި ކަމުން ހިތްވަރު ލިބިގެން ރުސްލާން އޭނާގެ ސިފައިންގެ އެކުވެރިން ލައްވާ އެ މީހުންގެ އަނބިންގެ ފަރާތުން ކާބޯތަކެތީގެ ރެސިޕީތައް ހޯދަން ފެށިއެވެ. މިހާ ހިސާބުން އޭނާއަށް އެނގުނީ ހަނގުރާމައިގެ ބިރުވެރި ތަޖުރިބާތަކުން ތަސައްލީއެއް ލިބުނީ ހަމައެކަނި އޭނާގެ ނަފުސަކަށް ނޫން ކަމެވެ؛ އޭނާގެ ހުރިހާ ސިފައިންގެ ރަހްމަތްތެރިންނަށްވެސްމެއެވެ.
"މަޖާ ކަމަކަށް ވީ. ސިކުނޑި ހަމަޖެހުނީ އަހަރެންގެ އެކަންޏެއް ނޫން. އަހަރެންގެ ވަށައިގެން އުޅޭ އެންމެންނަށް ވެސް އެ ކަމުގެ ރަނގަޅު އަސަރުކުރި،" ރުސްލާން ބުންޏެވެ.
ޔޫކްރެއިން ހަނގުރާމައިގެ ކުރީ ސަފުގައި ދޮންބާސް ސަރަހައްދުގައި ރުސްލާންމެން ހަނގުރާމަކުރާތާ ދެ އަހަރާއި ބައި ވެއްޖެއެވެ. ކެއްކުމުގެ ވީޑިއޯތައް ވީ ގަޑިއިރެއް ދެ ގަޑިއިރަކަށް ލިބޭ ހިތްފަސޭހަ ކަމަކަށެވެ. މި ހިތްފަސޭހަކަން ކުރިއަކުން ނުލިބޭ ކަމަށް ރުސްލާން ބުންޏެވެ.
އޭނާގެ ފައުޖުގައި ހިމެނޭ މެންބަރު އައިވަން އޭނާގެ ކެމެރާއިން ވީޑިއޯކޮށްދެއެވެ. އަދި މި ތަޖުރިބާ އައިވަންއަށް ވެސް ވީ ހަނގުރާމައިގެ މާޔޫސްކަމުން ލިބުނު ތަސައްލީއަކަށެވެ.
"ރޭތައް އަހަރެން ހޭދަކުރަމުން ދިޔައީ ނިދި ނައިސްގެން. ނަމަވެސް ރުސްލާންގެ ވީޑިއޯ ނަގާއިރު އަހަރެންގެ ވިސްނުން އެއްގޮތަކަށް ވެސް ހަނގުރާމައިގެ ހިޔާލުތަކަކަށް ނުދޭ،" އުމުރުން 25 އަހަރުގެ އައިވަން ބުންޏެވެ.
އޭނާ ބުނީ ރުސްލާންގެ ވީޑިއޯ ޝޫޓުކޮށްދިނުމުން އިތުރު ބޯނަސް ނުވަތަ ފައިދާއެއް ލިބޭ ކަމަށެވެ.
"އެއީ ރުސްލާން ކައްކާ ރަނގަޅު ކެއުމެއް ކާލަން ލިބޭ ފުރުސަތެއް،" އައިވަން ބުންޏެވެ.
ރުސްލާންގެ ޓިކްޓޮކަށް ކާބޯތަކެތީގެ ރެސިޕީ ލުމުގެ އިތުރުން ހަނގުރާމައިގެ ހިތިކަން ދައްކައިދޭ މަންޒަރު ވެސް ޕޯސްޓްކުރެއެވެ.
މި ކަމުން ރުސްލާނަށް ލިބޭ ނަފުސާނީ ފައިދާގެ އިތުރުން ސޯޝަލް މީޑިއާ އެކައުންޓެއް ހިންގުމުން އާއްމު ދިރިއުޅުމާ ގުޅުމެއް ވެސް ބޭއްވޭ ކަމަށް ރުސްލާން ދެކެއެވެ. އެ ގޮތުން ޔޫކްރެއިންގެ އިރުމަތީގައި ސިފައިންގެ މީހުންގެ ދިރިއުޅުން ހުންނަ ގޮތުގެ މައުލޫމާތު އާއްމު ރައްޔިތުންނާއި އޭނާގެ އާއިލާއަށް ވެސް ލިބޭ ކަމަށް ރުސްލާން ބުންޏެވެ.
"ތިބާގެ އާއިލާއާ ގުޅުން ނެތް ނަމަ ތިބާ މޮޔަވެދާނެ،" ރުސްލާން ބުންޏެވެ.
އޭނާގެ ވީޑިއޯތައް މުނިފޫހިފިލުވައިދިނަސް އޭގައި ހަނގުރައިމައިގެ ކުލަވަރު ޖައްސައެވެ. މިސާލަކަށް، ބަޑިއެއްގެ ވަޒަން ލައިފައި ހުންނަ ކާޓްރިޖް، އަސޭމިރުސް އަޅާ އެއްޗަކަށް ބަދަލުކޮށްލުމާއި އޭނާ ދާ ސުންނާފަތިކޮށްލައިފައިވާ ސަހަރުތަކުން ލިބޭ ތަކެތި ބޭނުން ކުރެއެވެ.
މީހުން މިހާރު ދަންނަ މޫނަކަށް ރުސްލާން ވެފައިވާތީ ވިޔަފާރި ހިންގާ ފަރާތްތަކުން އޭނާއާމެދު ޝައުގުވެރިވެއެވެ.
"އެނަޖީ ޑްރިންކް އުފައްދާ ކުންފުންޏަކުން އަހަރެންނަށް ހުށަހެޅުމެއް ހުށަހެޅި. އެ މީހުން ބޭނުންވީ އަހަރެން އެ ބުއިމުގެ ބްރޭންޑް އެމްބެސެޑަރަކަށް ހަދަން. އެ މީހުން އެ ބުއިންތައް ފޮނުވަން ވެސް ފޮނުވި. އަދި އަހަރެން ޒަހަމްވުމުން އެހީވި،" އޭނާގެ ދެ އަތުގައިވާ ޒަހަމްތައް ފާހަގަކުރަމުން ބުންޏެވެ.
ހަނގުރާމައިގެ ކުރީކޮޅު އާއްމުންގެ ފަރާތުން ވެސް ދީލަތި އެހީ ރުސްލާނަށް ލިބުނެވެ. ނަމަވެސް ހަނގުރާމަ ދިގުލައިގެންދިއުމުން އެ އެހީތައް އައުން ހުއްޓުނެވެ. ނަމަވެސް ރުސްލާނަށް އެނގޭ ކަމަކީ އޭނާގެ ވީޑިތަކުން ޔޫކްރެއިން މީހުންގެ ރޫހު ދިރޭކަމެވެ. އަދި މީގެ އިތުރުން ރަޝިއާއިން ފަތުރާ ޕްރޮޕެގެންޑާތައް ވެސް ނައްތައިލެވޭކަމެވެ.
"ރަޝިއާ މީހުން ވެސް އަހަރެންގެ ވީޑިއޯތައް ބަލާ. މި ކަމުން އެ މީހުންނަށް އެނގޭނެ އަހަރެމެންނަކީ ވެސް އަހަރެމެންގެ ގައުމު ދިފާއުކުރަން މަސައްކަތްކުރާ އާދައިގެ މީހުންކަން. އަހަރެމެންނަކީ ހައްދުފަހަނަޅާފައިވާ ގައުމިއްޔަތެއް ގެންގުޅޭ ބައެއް ނޫންކަން. އެއީ އެޑޮލްފް ހިޓްލަރުގެ ވެރިކަމުގައި ޖަރުމަނީ އޮތްހެން،" ހިނިތުންވުމަކާއެކު ރުސްލާން ބުންޏެވެ.
އޭނާ ބުނީ މީގެ ސަބަބުން އޭނާގެ ކެއްކުން ދައްކާ ސޯޝަލް މީޑިއާ ޗެނަލް ހިންގުމުގައި ކުރިއަށްދިއުމުގެ ހިތްވަރަކަށްވާ ކަމަށެވެ. ސިފައިންގެ މީހެއްގެ ގޮތުން އަދާކުރަންޖެހޭ ބުރަ ޑިއުޓީގައި އުޅެން ޖެހުނު ނަމަވެސްމެއެވެ.
"ރަހްމަތްތެރިއަކު މަރުވުމުން ހަތަރު ދުވަސް ވަންދެން އަހަރެންގެ ރޫހު ގެއްލުނު. އެކަމަކު ވީޑިއޯ ހެދުމަށް އަހަރެން އިއާދަވިން،" ރުސްލާން ބުންޏެވެ.



advertisment