Support Us

ކަނޑުމައްޗަށް އައި ނަގޫރޯޅިއެއްގެ ސަބަބުން އަޑިއަށް ދިޔަ "ނުފެތޭނެ" ކަމަށް ބުނި ބޮޑު ޔޮޓް "ބެއިޝަން"

"ނުފެތޭނެ" ކަމަށް ބުނި ޔޮޓު އަޑިއަށް ދިއުމުން މީހުން މެރުމުގެ ދައުވާ

"ނުފެތޭނެ" ކަމަށް އުފެއްދި ކުންފުނިން ބުނި ބޮޑު ޔޮޓެއް އިޓަލީގެ ސީސިލި ޖަޒީރާ ކައިރިން ފެތުމުން "މޭންސްލޯޓާ"ގެ ދައުވާކުރާ ތަހުގީގެއް ފަށައިފިއެވެ.

(މޭންސްލޯޓާއަކީ ގަސްދުގައި ނޫން ގޮތަށް މީހުން މެރުމުގެ ތުހުމަތެވެ.)

އިނގިރޭސި ވިލާތުގައި ރަޖިސްޓްރީކޮށްފައިވާ "ބެއިޝަން" ނަމަކަށް ކިޔާ 184 ފޫޓު ދިގު މި ސުޕަރ ޔޮޓް އަޑިއަށް ދިއުމުން ހަތް މީހުން މަރުވިއެވެ. އުޅަނދުގައި ތިބީ 12 ފަސިންޖަރުންނާއި 10 ފަޅުވެރިންނެވެ.

އިޓަލީގެ ޓައުނެއް ކަމަށްވާ ޓަމިނި އިމަރީސްގެ ދައުލަތުގެ ވަކީލު އެމްބްރޯޖިއޯ ކާޓޯސިއޯ މިއަދު ވިދާޅުވީ ވަކި ކުށްވެރިއަކު އަދި ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

"ދައުވާކުރިއަސް ޝައްކު ކުރެވޭ މީހަކު އަދި ފާހަގައެއް ނުކުރެވޭ. ނަމަވެސް ޔޮޓާމެދު އިހުމާލުވެފައިވާ ކަމަށް ބެލެވޭ. އަދި މިހެންވެ އެތައް ބަޔަކާ ދެކޮޅަށް މޭންސްލޯޓާގެ ދައުވާ ކުރުން އެކަށީގެންވޭ،" ކާޓޯސިއޯ ނޫސްވެރިން ގާތުގައި ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގައި ރަޖިސްޓްރީކޮށްފައިވާ "ބެއިޝަން" ފެތުމާ ގުޅިގެން ހުޅުވައިލި ތަހުގީގުގައި އިޓަލީގެ ގާނޫނީ ވަކީލުން ވާހަކަ ދައްކަވަނީ

އޭނާ ވިދާޅުވީ މިއީ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމަށާއި މި ކޭސްގެ އެއްވެސް އޭންގަލެއް ނުބަލައި ދޫކޮށްލެވެން ނެތް ކަމަށެވެ.

ބެއިޝަން އަޑިއަށް ދިޔައީ މިދިޔަ ހޯމަ ދުވަހު ކަނޑުމައްޗަށް އައި ނަގޫރޯޅިއެއްގައެވެ. މައްސަލައަކަށްވީ މި އުޅަނދު އުފެއްދި ކުންފުނި ކަމަށްވާ އިޓަލީގެ ޕަރީނިއިން މިއީ ނުފެތޭނެ ޔޮޓެއް ކަމަށް ބުނެފައިވަނިކޮށް ނަގޫރޯޅީގައި މި ޔޮޓް އަޑިއަށް ދިޔައިރު އޭގެ ކައިރީގައި އޮތް އާދައިގެ ރިޔާ ނެގި ކުޑަ ޔޮޓެއް އަޑިއަށް ނުދިއުމެވެ.

މަރުވި މީހުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ޓެކްނޯލޮޖީ ކުންފުންޏެއްގެ މަހުޖަނެއް ކަމަށްވާ މައިކް ލިންޗް ހިމެނެއެވެ. އުމުރުން 59 އަހަރުގެ މައިކް ބެއިޝަންގައި ދަތުރުކުރީ ދާދި ފަހުން އެމެރިކާގައި އޭނާއާ ދެކޮޅަށް ކުރި 11 ބިލިއަން ޑޮލަރު (168 ބިލިއަން ރުފިޔާ)ގެ ދައުވާ ސާބިތު ނުވުމުން އެކަމުގެ އުފާ ފާޅުކުރުމަށެވެ. މި ދައުވާއަކީ މައިކްގެ ސޮފްޓްވެއާ އުފައްދާ ކުންފުނި އޮޓޯނަމީ، ހެވްލެޓް-ޕަކާޑް ކުންފުންޏަށް ވިއްކާލުމުގައި ހީލަތް ހަދައިފައިވާ ކަމުގެ ދައުވާއެކެވެ.

ސަލާމަތްވި 15 މީހުންގެ ތެރޭގައި މައިކްގެ އަންހެނުން އެންޖެލާ ބެކަރީސް ހިމެނެއެވެ.

ރަސްމީ އިދާރާތަކުން ބުނީ ބެއިޝަން ފެތުނީ "ވޯޓާސްޕައުޓް" ނުވަތަ ކަނޑުމައްޗަށް އަންނަ ނަގޫރޯޅިއެއްގެ ސަބަބުން ކަމަށެވެ.

"އަޑިއަށް ދިޔައީ ވަރަށް އަވަހަށް،" އޮފިޝަލަކު ވިދާޅުވިއެވެ.

މަރުވި ހުރިހާ އެންމެންގެ ހަށިގަނޑު ހޯދަން ހަތަރު ދުވަސް ހޭދަވިއެވެ. އެންމެ ފަހުން ފެނުނީ މައިކްގެ އުމުރުން 18 އަހަރުގެ އަންހެން ދަރިފުޅު ހަނާގެ ހަށިގަނޑު ކަމަށް ބެލެވެއެވެ.

"މައިކްގެ އާއިލާއަށް ވަނީ ޝޮކެއް ލިބިފައި. އާއިލާ މެންބަރުންނަށް ރަހްމަތްތެރިން އަންނަނީ ހިތްވަރު ދެމުން. އެ މީހުންގެ ހަމްދަރްދީ ވަނީ މަރުވި މީހުންގެ އާއިލާތަކާއެކު،" އިއްޔެ ނެރުނު ބަޔާނެއްގައި މައިކްގެ އާއިލާގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

މަރުވި އަނެއް ފަސް މީހުންގެ ތެރޭގައި ހިމެނެނީ މައިކްގެ ގާނޫނީ ވަކީލެއް ކަމަށްވާ ކްރިސްޓޮފާ މޯވިލޯ އަދި އޭނާގެ އަންހެނުން ނެޑާ އާއި އިނގިރޭސި ވިލާތުގައި ހުންނަ އިންވެސްޓްމެންޓް ބޭންކިން ސަބްސިޑިއަރީ މޯގަން ސްޓޭންލީގެ ޗެއާމަން ޖޮނަތަން ބްލޫމާ އަދި އޭނާގެ އަންހެނުން ޖޫޑީ އާއި ޔޮޓްގެ ކައްކާ ރިކަލްޑޯ ޓޯމަސްއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް