އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގެ ވެރިރަށް ކޮލްކަތާގައި ޑޮކްޓަރަކު ރޭޕްކޮށް މަރައިލުމުން މަސައްކަތު ދާއިރާގެ މާހައުލު ރައްކާތެރި ތަންތަން ކަމަށް ހެދުމަށް ގޮވާލައި މުޅި ގައުމުގައިވަނީ މުޒާހަރާކޮށްފައެވެ.
ރާދާ ގޮބިންދާ (އާރް.ޖީ) ކަރް މެޑިކަލް ކޮލެޖްގެ ސެކަންޑް އިޔަރ ޕޯސްޓްގްރެޖުއޭޓް ޓްރޭނީ، ޑރ. މޫމިތާ ދެބްނާތު ވަނީ މި މަހު ނުވަ ވަނަ ދުވަހު ރޭޕްކޮށް، މަރައިލައިފައެވެ. އެއީ މި މަހު 15 ގައި އިންޑިއާގެ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމަށް ތައްޔާރުވެފައިވަނިކޮށެވެ.
މި ހާދިސާގެ އަސަރު އިންޑިއާއި ބޭރަށް ވެސް މިހާރު ވަނީ ކޮށްފައެވެ.
މި ކަމުން އެނގިގެންދިޔައީ މަސައްކަތުގެ މާހައުލުގައި ވެސް ޑޮކްޓަރުންނަށް، ވަކިން ހާއްސަކޮށް އަންހެނުންގެ ސަލާމަތްތެރިކަމަށް، ފިޔަވަޅުއަޅަންޖެހިފައިވާ ކަމެވެ.

މޫމިތާ "ގެއްލިގެން" އޭނާއާއެކު މަސައްކަތްކުރާ މުވައްޒަފުން ރިޕޯޓްކުރީއެވެ. އޭނާ އެންމެ ފަހުން ފެނުނީ ދިގު ޝިފްޓެއްގައި މަސައްކަތްކުރުމަށް ފަހު އަރާމުކޮށްލަން، ސެމިނާ ބާއްވާ މާލަމަކާ ދިމާއަށް ދަނިކޮށެވެ. އޭނާގެ ހަށިގަނޑު އެ ދުވަހު ފަހުން ފެނުނުއިރު އޮތީ ގާތްގަނޑަކަށް ބަރަހަނާ ހާލަތުގައެވެ. ހަށިގަނޑުގައި ޒަހަމްތަކެއްގެ އަސަރު ފެންނަން ހުއްޓެވެ. އެ ކަމުން ދޭހަވީ އަނިޔާވެރިކޮށް ހަމަލާ ދީފައިވާ ކަމެވެ. އޮޓޮޕްސީ ނުވަތަ ޕޯސްޓްމޯޓަމްއެއް ހެދުމުން އެނގުނީ އޭނާ ވަނީ ރޭޕްކޮށް، ނޭވާ ހާސްކޮށްލައިގެން މަރައިލައިފައި ކަމެވެ. އޭނާގެ ފަރުޖާއި މޫނާއި ހަށިގަނޑުގެ އެހެން ތަންތަނަށް ލިބިފައިވާ ސީރިއަސް ޒަހަމްތަކުން އެނގުނީ އޭނާ މަރުވުމުގެ ކުރިން އަނިޔާވެރި ކުރިމަތިލުމެއް ހިނގައިފައިވާ ކަމެވެ.
މި ހާދިސާގެ ހަބަރު ލިބުމުން މީހުންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަދި ގަބޫލުކުރަން ދަތި ކަމަކަށް ވެސް ބައެއް މީހުންނަށްވިއެވެ. މޫމިތާއަށް އިންސާފު ހޯދައިދޭން ކޮލްކަތާ އާއި މުޅި އިންޑިއާގެ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުން ހަރަކާތްތެރިވިއެވެ.
މުޒާހަރާތައް ފެށުނީ ކޮލްކަތާގައި އެކަންޏެއް ނޫނެވެ. މުޅި ގައުމުގައެވެ. ޑޮކްޓަރުންނާއި ސިއްހީ ދާއިރާއިން ކިޔަވައި ތަމްރީން ވަމުންދާ ދަރިވަރުންނާއި ސިއްހީ މަސައްކަތްތެރިން މަގުމައްޗަށް ނުކުތެވެ. އުއްބައްތި ދިއްލައިގެންނެވެ. މަގުތަކުގައި ހިނގައިގެންނެވެ. މޫމިތާގެ ހަނދާން އާ ކުރުމަށެވެ. ހޮސްޕިޓަލުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވައިލަމުންނެވެ.
މޫމިތާ ރޭޕްކޮށްފައި މަރައިލުމުގެ ހާދިސާއަށް ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ ލިބިފައެވެ. ސިއްހީ ޖަމާއަތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ އިންޑިއާގައި މުޒާހަރާކުރި ފަރާތްތަކަށް ތާއީދު އޮތްކަން ފާޅުކޮށްފައެވެ. މޫމިތާއަށް ދިން ނާމާން ހަމަލާ ކުށްވެރިކޮށް، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ދިނުމަށް ގޮވައިލައިފައެވެ.
މޫމިތާ ރޭޕްކޮށް މަރައިލި މައްސަލައިގައި ކުރިއަށްގެންދިޔަ ތަހުގީގުގައި ވަނީ ކޮލްކަތާގެ ފުލުހުންގެ ކާރިސާ މެނޭޖްކުރާ އިދާރާގެ ސިވިކް ވޮލަންޓިއަރެއް ކަމަށްވާ ސަންޖޭ ރޯއި ހައްޔަރުކޮށްފައެވެ. ރޯއިއަކީ ގެވެށި އަނިޔާކުރާ މީހެއްކަމުގެ ރެކޯޑް އޮންނަ މީހެކެވެ. މޫމިތާ އުޅުނު ހޮސްޕިޓަލަށް ގިނަގިނައިން ދާ މީހެކެވެ. ރޯއި ހައްޔަރުކުރީ މޫމިތާ ރޭޕްކޮށް މަރައިލައިފައި އޮތް ތަނުން ރޯއިގެ ބްލޫޓޫތު ހެޑްސެޓް ފެނިފައިވާތީއެވެ. ރޯއި ހައްޔަރުކުރި ނަމަވެސް ތަހުގީގު އިތުރަށް ހަރުދަނާކުރުމަށް އެތައް ބަޔަކު ގޮވައިލިއެވެ. އިންޑިއާގެ ތަހުގީގީ މައި އިދާރާ، ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި) ތަހުގީގާ ހަވާލުވުމަށް އެތައް ބަޔަކު ގޮވައިލިއެވެ. ސަބަބަކީ ވަކި ފަރާތަކަށް ނުޖެހި، ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށެވެ.
އިންޑިއާގެ 350،000 ޑޮކްޓަރުން ތަމްސީލުކުރާ ޖަމާއަތް، އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައި.އެމް.އޭ)އިން މި މަހުގެ 17 ގައި ގައުމީ ފެންވަރުގައި 24 ގަޑިއިރުގެ ހަޅުތާލެއް ވަނީ ބާއްވައިފައެވެ. އެއީ އެ ދުވަހު ފަތިހު 6.00 އިން ފެށިގެންނެވެ. ހަޅުތާލުގައި ހުއްދަ އޮތީ ހަމައެކަނި ކުއްލި ހާލަތުގެ ހިދުމަތް ނުވަތަ އެމަޖެންސީ ފަރުވާ ދިނުމެވެ. އެހެން އާއްމު ހިދުމަތްތައް ވަނީ ހުއްޓުމަކަށް ގެނުވައިފައެވެ. އޭގެ ތެރޭގައި އައުޓްޕޭޝަންޓް ޑިޕާޓްމަންޓް (އޯ.ޕީ.ޑީ) އާއި އިލެކްޓިވް ސާޖަރީ ނުވަތަ ފަހުން ކުރިއަސް މައްސަލައެއް ނެތް އޮޕަރޭޝަން ހިމެނެއެވެ. މި ހަޅުތާލަކީ މޫމިތާ ރޭޕްކޮށް މަރައިލުމާ ގުޅިގެން ހިންގި ހަޅުތާލެކެވެ. ހަޅުތާލުގައި ބައިވެރިވި އެއް މިލިއަން ޑޮކްޓަރުން ގޮވައިލީ މޫމިތާއަށް އިންސާފު ހޯދައިދިނުމަށާއި ސިއްހީ ހިދުމަތްތެރިންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިދިނުމަށެވެ.
ސިއްހީ މުޖުތަމައުން މި މައްސަލައިގައި ތެދުވީ ނުހަނު އަވަހަށެވެ. އަދި ދެއްކީ އެއްބައިވަންތަކަމެވެ. އެތައް ސަހަރެއްގައި މުޒާހަރާތައް ބޭއްވިއެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ދާއިރާއިން ތަމްރީންވަމުން އަންނަ ދަރިވަރުން މަގުމައްޗަށް ނުކުމެ ވަނީ މޫމިތާއާއެކު ވާ ކަމަށް ބުނެފައެވެ. އަދި މޫމިތާގެ މައްސަލައިގައި ފިޔަވަޅު އެޅުމަށް ގޮވައިލައިފައެވެ.

ހާދިސާ ހިނގި ތަން ކަމަށްވާ ކޮލްކަތާގައި ސިއްހީ ހިދުމަތްތެރިންވަނީ "ސިޓް-އިން" ނުވަތަ ފިޔަވަޅު ނާޅަނީސް މައިދާން ދޫކޮށް ނުދާނެ ކަމުގެ މުޒާހަރާތައް ބާއްވައިފައެވެ. އޭގެ އިތުރުން ހިނގާލުންތަކުގައި ބައިވެރިވެ، އިންސާފު ހޯދުމަށް ގޮވާލާ ލިޔުންތަކާއި ބޯޑުތައް ހިފައިގެން ޝިއާރުތައް ފާޅުކޮށްފައެވެ. މި ފަދަ މަންޒަރުތައް ވެރިރަށް ދިއްލީންނާއި މުމްބާއީ، ޗެންނާއި، އަދި ބޮޑެތި އެހެން ސިޓީތަކުން ވެސް ވަނީ ފެނިފައެވެ. ހޮސްޕިޓަލުތަކާއި ސަރުކާރުގެ އިދާރާތަކުގެ ދޮށަށް އެއްވެ، އެ މީހުންގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ.
އައި.އެމް.އޭ.އިން ވަނީ ރަސްމީ އިދާރާތަކަށް ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ. ފުރަތަމަ ކަމަކަށް އެ ޖަމާއަތުން ބޭނުންވަނީ ފުރިހަމަ އަދި ޕްރޮފެޝަނަލް ތަހުގީގެއް ހިންގައި، އިންސާފު ހޯދައިދޭނެ ތާރީހެއް ކަނޑައެޅުމެވެ. މޫމިތާ ރޭޕްކޮށް މަރައިލުމުން ބަޔަކު މީހުން ހޮސްޕިޓަލަށް ވަދެ އެ ތަނަށް ދީފައިވާ ގެއްލުންތައް ތަހުގީގުކޮށް، އެ ކަމުގައި ބައިވެރިވި މީހުންނަކީ ކޮބައިކަން ހާމަކޮށް، އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އައި.އެމް.އޭ.އިން ގޮވައިލިއެވެ.
ޑޮކްޓަރުން މަސައްކަތްކޮށް އަދި ދިރިއުޅޭ ތަންތާނގެ ހާލަތު "އޯވަހޯލް" ނުވަތަ އެއްކޮށް ބަދަލުކޮށް އިސްލާހު ކުރުމަކީ ވެސް އެ ޖަމާއަތުގެ އެދުމެކެވެ. އެ ގޮތުން ކުރިމަގުގައި މި ކަހަލަ ކަމެއް ނުހިނގާނެކަން ކަށަވަރު ކުރުމަށްޓަކައި ހޮސްޕިޓަލުތަކުގައި ސަލާމަތީ ފިޔަވަޅު އެޅުމަކީ މަޖުބޫރުކަމެއް ކަމަށް ހަދަން އައި.އެމް.އޭ.އިން ގޮވައިލިއެވެ.
އެ ޖަމާއަތުގެ މައި އެއް ޑިމާންޑަކީ ސިއްހީ ހިދުމަތްތެރިންނާ ދެކޮޅަށް ދީފާނެ ހަމަލާތަކަށް ފިޔަވަޅު އެޅުމަށް ސެންޓްރަލް ލޯއެއް ނުވަތަ ހުރިހާ ތަނަކަށް ހުރިހާ ވަގުތަކަށް އެކަށޭނަ ގާނޫނެއް ހެދުމެވެ. ޑޮކްޓަރުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށްޓަކައި ހޮސްޕިޓަލްތަކަކީ "ސޭފް ޒޯން" ނުވަތަ ރައްކާތެރި ތަންތަން ކަމަށް ކަނޑައަޅައި، އެ ކަން އިއުލާން ކުރުމަށް އައި.އެމް.އޭ.އިން އެދުނެވެ. އެ ގޮތުން ސިއްހީ ހިދުމަތް ދޭ ތަންތާނގައި ސާވައިލަންސް ނިޒާމުތަކާއި ސަލާމަތީ ބާރުތައް ގާއިމުކުރުމަށް ގޮވައިލިއެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާ ދެކޮޅަށް ހިންގައިފާނެ އަނިޔާވެރިކަމާ ދެކޮޅަށް ހަރުކަށިކަމާއެކު ގާނޫނުތައް ހިންގައިދިނުމަށް އެދުނެވެ.
A Doctor questions the SILENCE of India’s Civil Society on rape & murder of Dr #MoumitaDebnath!Where are Feminists today?
Where is Bollywood Placard Gang today?Where are "liberals" of Khan market Gang today?#MoumitaDebnath #Moumita_Debnath #Moumita pic.twitter.com/QyCcwp1d8R
— Satyaagrah (@satyaagrahindia) August 17, 2024
ހަޅުތާލުގެ ސަބަބުން އިންޑިއާގައި ދޭ ސިއްހީ ހިދުމަތްތަކަށް ބުރޫއެރިއެވެ. ބަލިމީހުންނަށް ފަރުވާ ލިބުމުގައި ލަސްތަކެއް ކުރިމަތިވެ، އަދި ފަރުވާ ލިބުން މެދުކެނޑުނެވެ. ނަމަވެސް މުޒާހަރާތައް ހިންގި ނަމަވެސް، އެމަޖެންސީ ފަރުވާ އާއި އެހެނިހެން ޒަރޫރީ ސިއްހީ ހިދުމަތްތައް ސިއްހީ މުޖުތަމައުން ކުރިއަށްގެންދިޔައެވެ.
މި ހާދިސާގެ ސީރިއަސްކަމާއި ނާމާންކަން އާއްމުންނަށް ފަހުމްވުމަށް އެދޭކަމަށް އައި.އެމް.އޭ.އިން ބުންޏެވެ. މިހެންވެ، ހޮނިހިރު ދުވަހު ބޭއްވި ހަޅުތާލަކީ މުހިންމު ކަމެއް ކަމަށާއި އެ ހަޅުތާލަށް ތާއީދު ކުރުމަށް އާއްމުންނަށް އިލްތިމާސްކުރިއެވެ. ސަބަބަކީ ދުރު ކުރިމަގަކަށް ހެޔޮ ބަދަލު ގެނައުމަށެވެ. ސިއްހީ ހިދުމަތްތެރިންނާއި ބަލިމީހުންގެ ވެސް ލާބައަށެވެ.
މޫމިތާ ރޭޕްކޮށް މަރައިލި ހަމަލާގެ ސަބަބުން އިންޑިއާގެ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމާއި ވަޒީފާގެ މާހައުލުގައި ހުރި އެހެނިހެން މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ. އެ ގޮތުން ސްޓްރެސް ލިބޭ ހާލަތުގައި ވެސް ޑޮކްޓަރުން އެތައް ގަޑިއިރެއްވަންދެން މަސައްކަތްކުރަން ޖެހުމާއި އަދި އެ ގޮތަށް މަސައްކަތް ކުރަން ޖެހިފައިވަނީ ސަލާމަތްތެރިކަމާއި އެހެނިހެން އެހީތެރިކަމެއް ނުލިބިކަމާމެދު ވަނީ ގައުމީ ފެންވަރުގައި ވާހަކަދެކެވޭ ކަމަކަށްވެފައެވެ.
💔😪
Extremely sad to hear about #MoumitaDebnath
Today, we as men have failed the humanityMoumita Deb, before her last breath, said to her mother:
Accused should be severely punished
We want justice#justiceformoumitadebnath #Kolkata #KolkataDoctorCase #KolkataDoctor #Moumita pic.twitter.com/s0dpzi0UrR— Sheikh Nabeel (@SheikhSpeaks786) August 17, 2024
މީގެ ކުރިން ކޮވިޑް-19 ގެ ސަބަބުން މި މައްސަލަތަކަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ސިއްހީ ދާއިރާގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްލާހީ ނިޒާމުތަކެއް ތައާރަފު ކުރުމުގެ މުހިންމުކަން ވަނީ ފެނިފައެވެ. ސިއްހީ ހިދުމަތްތެރިންނަށް ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދިނުމަށާއި އެ ތަންތަނުގައި ސަލާމަތީ ފިޔަވަޅުތަކެއް އަޅައިދިނުމަށް ގޮވައިލުމަކީ އައި.އެމް.އޭ.އިން މީގެ ކުރިން ނުކުރާ ކަމެއް ނޫނެވެ. ނަމަވެސް މޫމިތާ ރޭޕްކޮށް މަރައިލި ހާދިސާ ފެންމަތިވުމާއެކު އައި.އެމް.އޭ.ގެ އެދުންތަކަށް ވަނީ އާ ރޫހެއް ލިބިފައެވެ.
މުޒާހަރާތައް ކުރީމައި އިންޑިއާގެ ވަރަށް ގިނަ ސްޓޭޓްތަކުގެ ސަރުކާރުތަކުން ބުނީ ސިއްހީ ދާއިރާގެ މަސައްކަތްތެރިން ހުށަހަޅައިފައިވާ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށެވެ. ހާދިސާ ހިނގި ސްޓޭޓް ކަމަށްވާ ވެސްޓް ބެންގޯލްގެ ސަރުކާރުން ވަނީ މި މައްސަލަ ތަހުގީގުކޮށް މޫމިތާއަށް އިންސާފު ހޯދައިދޭން ހާއްސަ ޓާސްކް ފޯސްއެއް ގާއިމުކޮށްފައެވެ. ހޮސްޕިޓަލްތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް، ސިއްހީ ހިދުމަތްތެރިން މަސައްކަތްކުރާ މާހައުލަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް އެހެން ސްޓޭޓްތަކުގެ ސަރުކާރުތަކުން ވެސް ވަނީ ބުނެފައެވެ.
ޑޮކްޓަރުން ގައުމީ ފެންވަރުގައި ބޭއްވި ހަޅުތާލާއި ސިއްހީ ހިދުމަތްތެރިން ބޭއްވި މުޒާހަރާތަކުގެ ސަބަބުން އިންޑިއާގެ ސިއްހީ މުޖުތަމައުގައި ހުރި ސީރިއަސް މައްސަލަތަކަށް އެތެރެއިންނާއި ބޭރުން ވަނީ ސަމާލުކަން ލިބިފައެވެ. މޫމިތާގެ ރޭޕް އާއި މަރައިލުން ވެފައިވަނީ ސިއްހީ ދާއިރާއަށް އަވަސް ބަދަލުތައް ގެންނަން ޖެހޭކަމުގެ މުހިންމުކަން ހާމަވެފައިވާ ކަމަކަށެވެ. މީގެ ތެރޭގައި އޭނާއަށް އިންސާފު ހޯދައިދިނުމާއި ސިއްހީ ދާއިރާއަށް ނިޒާމީ ގޮތުން ގެންނަން ޖެހޭ އިސްލާހުތައް ވެސް ހިމެނެއެވެ.
ހަޅުތާލާއި މުޒާހަރާތައް ކުރިއަށް ދިޔައިރު އެންމެންގެ ސަމާލުކަން ލިބިފައިވަނީ ސިއްހީ ހިދުމަތްތެރިންގެ ގޮވައިލުންތަކަށް ރަސްމީ އިދާރާތަކުން ފިޔަވަޅުއަޅާނީ ކިހިނެތްކަމާމެދުއެވެ. ސިއްހީ ހިދުމަތް ދޭ މީހުންގެ ރައްކާތެރިކަމަށާއި އެ ފަރާތްތަކުގެ ސިއްހަތަށްޓަކައި އަޅާނީ ކޮން ފިޔަވަޅުތަކެއް ކަމާމެދުއެވެ.



advertisment