އިންޑިއާގެ އިރުމަތީ ވެސްޓް ބެންގޯލް ސްޓޭޓްގައި ޑޮކްޓަރަކު ރޭޕްކޮށް މަރައިލުމާ ގުޅިގެން މުޅި ގައުމުގައި މިއަދު ހަޅުތާލެއް ފަށައިފިއެވެ.
މި ހަޅުތާލުގައި އެއް މިލިއަން ޑޮކްޓަރުން ބައިވެރިވުމުން ގައުމުގެ ހުރިހާ ސަރަހައްދެއްގައި ބަލިމީހުންނަށް ދޭން ޖެހޭ ފަރުވާއަށް ވަނީ ބުރޫއަރައިފައެވެ.
އުމުރުން 31 އަހަރުގެ ޑޮކްޓަރު މަސައްކަތްކުރީ ކަލްކަތާގެ އާރް.ޖީ ކަރް މެޑިކަލް ކޮލެޖްގައެވެ. ތަގުރީރު ދޭ ހޯލެއްގައި ކުޑަކޮށް ނިދައިލަން އޭނާ މަޑުކޮށްލީ 36 ގަޑިއިރުގެ ޝިފްޓް ޑިއުޓީގެ ތެރެއިން 20 ގަޑިއިރު ހަމަކޮށްފައި ކަމަށް އޭނާއާއެކު މަސައްކަތްކުރި ސިއްހީ ފަރާތްތަކުން ބުންޏެވެ. އެއަށް ފަހު އޭނާ ފެނުނީ މަރުވެފައި އޮއްވައެވެ. އަދި ފުލުހުން ބުނީ އޭނާ ވަނީ ރޭޕްކޮށްފައި މަރައިލައިފައި ކަމަށެވެ.
މި މައްސަލައިގައިވަނީ ހޮސްޕިޓަލުގައި މަސައްކަތްކުރި ފުލުހުންގެ ވޮލަންޓިއަރަކު ހައްޔަރުކޮށްފައެވެ. ޑޮކްޓަރުގެ އާއިލާއިން ތުހުމަތުކުރަނީ އިތުރު މީހުން ވެސް މި ކުށުގައި ބައިވެރިވެފައިވާ ކަމަށެވެ.

ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންގެ ހައްގުގައި މަސައްކަތްކުރާ އެންމެ ބޮޑު ޔުނިއަން ކަމަށްވާ އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައި.އެމް.އޭ)އިން ވަނީ މިއަދު ހެދުނު ފެށި ހަޅުތާލު 24 ގަޑިއިރަށް ކުރިއަށް ގެންދިއުމަށް އެދިފައެވެ. ނަމަވެސް އެއީ އެމަޖެންސީ ނޫން ހިދުމަތްތައް ހުއްޓައިލައި ގޮތަށެވެ.
"ހަޅުތާލުގައި ބައިވެރިވި ދަރިވަރުންނަށް ހަމަލާ ދިނުމުން މިއަދު ހެދުނު ހަޔަކުން މާދަމާ ހެދުނު ހަޔަކަށް ހަޅުތާލު ކުރިއަށްގެންދަން އެދެން،" އެމަޖެންސީ ހިދުމަތްތައް ކުރިއަށްގެންދާނެ ކަމަށް ބުނަމުން އައި.އެމް.އޭ.އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް އާއްމުންގެ ތާއީދު ބޭނުންވާ ކަމަށް ބުނަމުން އައި.އެމް.އޭ.އިން ބުނީ ޑޮކްޓަރުގެ މަރުގެ ހާދިސާއިން ދައްކައިދެނީ އަންހެނުންނަށް ރައްކާތެރި ޖާގައެއް ނެތް ކަމަށެވެ.
"ގާތްގަނޑަކަށް 90 ޕަސެންޓް ޑޮކްޓަރުން މިހާރު ތިބީ ހަޅުތާލުކުރުމުގައި،" އައި.އެމް.އޭ.އިން ބުންޏެވެ.
މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގައި ބޭއްވި އެންމެ ބޮޑު ހަޅުތާލެވެ.
ހަޅުތާލު ކުރަމުންދާ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ބުނަމުންދަނީ ސިއްހީ މަރުކަޒުތައް ވާންޖެހޭނީ ރައްކާތެރި ތަންތަނަށް ކަމަށާއި ސިއްހީ ހިދުމަތް ދޭ މީހުންނަށް ހަމަލާ ދޭ މީހުން ހައްޔަރުކުރަން ޖެހޭނީ ބެއިލް ނުވަތަ ޒަމާނަތު ދައްކައިގެން ވެސް ހައްޔަރުން ސަލާމަތް ނުވެވޭނެ ގޮތަށް ކަމަށެވެ.
އިންޑިއާގެ ސިއްހީ ވުޒާރާއިން ބުނީ ޑޮކްޓަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮމިޓީއެއް އުފައްދާނެ ކަމަށެވެ. ހަޅުތާލު ކުރަމުންދާ ސިއްހީ ދާއިރާގެ މީހުން އެނބުރި މަސައްކަތަށް ނުކުތުމަށް އެ ވުޒާރާއިން އިލްތިމާސްކުރިއެވެ.
މި ހަފުތާގެ ކުރީކޮޅު އިންޑިއާގެ އެތައް ސިޓީތަކެއްގައި އެތައް ހާސް އަންހެނުން ވަނީ މުޒާހަރާކޮށްފައެވެ. އެ މީހުން ގޮވައިލަމުން ދިޔައީ އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ. އަންހެނުންނާ ދެކޮޅަށް އިތުރުވަމުންދާ އަނިޔާވެރިކަމާމެދު އެ މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އިންޑިއާގެ ތަހުގީގީ މައި އިދާރާ ކަމަށްވާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި)އިން ވަނީ މި މައްސަލަ ބެލުމާ ހަވާލުވެފައެވެ. އެ ގޮތުން އެ އިދާރާއިން ވަނީ އެ ކޮލެޖްގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި ޕްރިންސިޕަލާ ސުވާލުކޮށްފައެވެ.



advertisment