Support Us

އިތުރު ދައުރަކަށް ކުރިމަތިލައްވައިފައިވާ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ

ލަންކާގެ ރިޔާސީ އިންތިހާބުގައި 39 ކެންޑިޑޭޓުން، ރެކޯޑު އަދަދެއް

އަންނަ މަހު 21 ގައި ބާއްވާ ސްރީ ލަންކާގެ ރިޔާސީ އިންތިހާބަށް 39 ކެންޑިޑޭޓުން ކުރިމަތިލައްވައިފިއެވެ. މިއީ އެ ގައުމުގެ ސިޔާސީ ތާރީހުގެ އާ ރެކޯޑެކެވެ.

ލަންކާގައި 2019 ގައި ބޭއްވި އިންތިހާބުގައި ކުރިމަތިލެއްވީ 35 ކެންޑިޑޭޓުންނެވެ.

ލަންކާގެ އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް އިތުރު ދައުރަކަށް ކުރިމަތިލައްވާ ކަމަށެވެ.

ލަންކާގައި ރިޔާސީ އިންތިހާބު މި ބާއްވަނީ ކުރިން ތަޖުރިބާ ނުކުރެވޭހާ ބޮޑު އިގުތިސާދީ އަނދަވަޅަކަށް ގައުމު ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.

"އިގުތިސާދު ހަމައަކަށް އެބައަޅުވަންޖެހޭ. އަހަރެމެން މި ބުނަނީ 'ހިނގާށޭ ކުރިއަށް، މި ކަން ކޮށް ނިންމައިލަން'. މިހެންވެ ތިޔަ އެންމެހާ ރައްޔިތުންގެ ތާއީދަށް އަހަރެން އެދެނީ،" ކެންޑިޑޭޓުކަމުގެ ފޯމު ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރަނިލް ވިދާޅުވިއެވެ.

ލަންކާ މިހާރު އަންނަނީ ދަރަނި ރީސްޓްރަކްޗާކޮށް، މާލީ އިސްލާހު ޕްރޮގްރާމެއް ކުރިއަށް ގެންދަމުންނެވެ. އެއީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އިން ބެއިލްއައުޓްކޮށްދިނުމުންނެވެ.

ދެކޮޅު ހަމައަކަށް ނޭޅުނު ދަރަންޏާއި ކޮވިޑް-19 ބަލިމަޑުކަމުން އިގުތިސާދަށް ކުރި އަސަރާއި ތެލާއި ބޭހާއި ކާބޯތަކެތި އެތެރެ ކުރާނެ ފައިސާ ނެތުމުގެ ސަބަބުން 2022 ގައި މުޅި ގައުމުގައި މުޒާހަރާތައް ހިނގުމުން ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ އިސްތިއުފާދެއްވައިފައެވެ.

އެއާ ވިދިގެން އުމުރުފުޅުން 75 އަހަރުގެ ރަނިލް ވަނީ 2022 ގައި ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައެވެ. އެއަށް ފަހު އޭނާގެ ބެއްލެވުމުގެ ދަށުން އިސްލާހީ ބަދަލުތަކެއް ގެންނަވައި، 2048 ވަނަ އަހަރު އަންނަން ވާއިރަށް ލަންކާއަކީ ފުރަތަމަ ސަފުގައި ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމަކަށް ހެއްދެވުމަށް އަމާޒު ކަނޑައެޅުއްވިއެވެ. މިހެންވެ، މި ފަހަރުގެ ރިޔާސީ އިންތިހާބަކީ ރަނިލްގެ އިސްލާހީ މަޝްރޫއުތަކަށް ރައްޔިތުންގެ ރުހުން ލިބިފައިވޭތޯ ބެލުމުގެ އިންތިހާބެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

މީގެ ދެ އަހަރު ކުރިން ރަނިލް ރައީސް ކަމަށް ވަޑައިގަތްއިރު ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން ހުރީ 70 ޕަސެންޓްގައި ކަމަށްވިޔަސް މިހާރު އެ އަދަދު ވަނީ ފަސް ޕަސެންޓް ދަށަށް އައިސްފައެވެ. މީގެ އިތުރުން ބޭންކް އިންޓަރެސްޓް ރޭޓުތައް ދަށަށް ގޮސް، ފައިސާގެ އަގު ހަމައަކަށް އެޅި، އަދި ބޭރު ފައިސާގެ ރިޒާވް ވެސް ވަނީ އިތުރުވެފައެވެ.

ކްރެޑިޓް ދޭ ގައުމުތައް ކަމަށްވާ އިންޑިއާ، ޖަޕާން އަދި ފްރާންސްއިން ވަނީ ދަރަނި އަދާކުރާނެ މުއްދަތު 2028 އަށް ފަސްކޮށްދީފައެވެ. ލަންކާގެ އިގުތިސާދު އަލުން ރަނގަޅު ކުރަން ޖާގަ ދިނުމުގެ ގޮތުންނެވެ.

ޕްރޮފެޝަނަލް ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުންނާއި ވިޔަފާރިވެރިން މިހާރު ޝަކުވާ ކުރަނީ ޓެކްސްތައް ބޮޑުކަމުންނެވެ. މީގެ އިތުރުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމަކީ ވެސް ހިތްހަމަނުޖެހުމެކެވެ.

ކުރިން ބޮޑު ވަޒީރުކަން ވެސް ކުރެއްވި ރަނިލްއަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރަނީ ގާނޫނު ހަދާ މަޖިލީހުގައި ރަނިލްގެ އިސްލާހީ މަޝްރޫއުތަކަށް ތާއީދު ހޯއްދެވުމަށް ކުރީ ސަރުކާރުގައި ކޮރަޕްޝަން ހިންގި މީހުންނަށް ރަނިލް ރައްކާތެރިކަން ދެއްވައިފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރަނިލްއާ އެންމެ ބޮޑަށް ވާދަ ކުރައްވާނެ ކެންޑިޑޭޓުންތަކުގެ ތެރޭގައި އުމުރުން 57 އަހަރުގެ ސަޖިތު ޕްރެމަދާސަ އާއި އިދިކޮޅު ލީޑަރު ސަމާގީ ޖާނާ ބަލަވެގަޔަ އަދި ވާތުފިޔައިގެ ލީޑަރު، އުމުރުން 55 އަހަރުގެ އަނޫރާ ކުމަރަ ޑިސަނަޔަކަ ހިމެނެއެވެ. ނެޝަނަލް ޕީޕަލްސް ޕަވަރ (އެން.ޕީ.ޕީ) ކޯލިޝަންގެ ލީޑަރު ކަމަށްވާ އަނޫރާއަކީ ޒުވާނުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ.

ބާކީ ތިބި ގިނަ ކެންޑިޑޭޓުންނަކީ އެ ބޭފުޅުންގެ ޕާޓީތައް ތަމްސީލުކުރައްވާ ކެންޑިޑޭޓުންނެވެ.

ޕްރެމަދާސަ ވަނީ ކޮރަޕްޝަން ނައްތަވާލައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

"މި ވަގުތު މި ގައުމުގެ 22 މިލިއަން މީހުންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ވާދަވެރިކަމެއް ނެތުމާއި މަސައްކަތުގެ ފެންވަރު ނެތުމާއި ފުޅާ ދާއިރާއަކަށް ކޮރަޕްޝަން ފެތުރިފައިވުމާއި އަދި ދައުލަތުގެ ހަޒާނާ ލޫޓުވައިލައިފައިވުން،" އޭނާ ވިދާޅުވިއެވެ.

ތިނެސްކަން ރޭހެއް ގޮތަށް ފެށުނު އިންތިހާބީ "ހަނގުރާމަ" މިދިޔަ ހަފުތާގައި "ހައިޖާނުގަނޑަކަށް" ބަދަލުވީ ލަންކާގެ ސިޔާސީ ދާއިރާގައި ނުފޫޒު ގަދަ ރާޖަޕަކްސަގެ އާއިލާއިން ރަނިލްއަށް ކުރިން ކުރި ތާއީދު އަނބުރާ ގެންގޮސް، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދޮށީ ފިރިހެން ދަރިފުޅު ނަމާލް ރާޖަޕަކްސަ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުންނެވެ. ނަމާލް މިހާރު ވެފައިވަނީ ލަންކާގެ ރިޔާސީ އިންތިބާހަކަށް ކުރިމަތިލެއްވި އެންމެ ހަގު ކެންޑިޑޭޓު ކަމަށެވެ. އުމުރުން 38 އަހަރުގެ ނަމާލް އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ އޭނާ ވެވަޑައިގަންނަވާނީ ލަންކާގެ އެންމެ ހަގު ރައީސްއަށެވެ.

ލަންކާގެ ރިޔާސީ އިންތިހާބަށް ބުދު ދީނުގެ ދެ ހާމުދުރުން ވެސް ވަނީ ކުރިމަތިލައިފައެވެ. އޭގެ ތެރެއިން އެކަކު ގޮވާލައިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ހުއްދަ ކުރުމަށެވެ. އަނެކަކު ގޮވައިލައިފައިވަނީ ދަރިން ނުލިބޭ ގޮތް ހަދާ ވަސީލަތްތައް ނުވަތަ "ބާތު ކޮންޓްރޯލް"ގެ ހުރިހާ އާލާތްތަކެއް ނައްތައިލުމަށެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ހާމަކުރައްވަމުން އިލެކްޝަން ކޮމިޝަންގެ ޗެއާމަން އާރް.އެމް.އޭ.އެލް ރަތުނަޔަކެ ވަނީ އިންތިހާބުގެ ގަވައިދުތަކަށް ފުރިހަމައަށް ތަބާވުމަށް ކެންޑިޑޭޓުންނަށް އިންޒާރުދެއްވައިފައެވެ.

"ދައުލަތުގެ ހިދުމަތްތެރިންނަށް ނުފޫޒު ފޯރުވައިގެން އެ މީހުން ލައްވާ ކެމްޕޭންގެ ކަންތައްތައް ކުރުވުމަށް ގަވައިދާ ހިލާފު އަމަލުތަކުގައި ބައިވެރިކޮށްގެން ނުވާނެ،" ރަތުނަޔަކެ ވިދާޅުވިއެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17 މިލިއަން ރައްޔިތުން އެބަތިއްބެވެ. ނަތީޖާ ލިބޭނީ އެއް ދުވަހުން ކަމަށް ބެލެވެއެވެ. އިންތިހާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓު ދެ ހަފުތާގެ ތެރޭގައި ރިޔާސީ ހުވާ ކުރައްވަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް