Support Us

އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ކޮންގޯގައި ކުޑަކުދިންނަށް އެމްޕޮކްސްއާ ބެހޭ މައުލޫމާތު ދެނީ

އެމްޕޮކްސް އެފްރިކާ ބައްރުން ބޭރަށް އަނެއްކާވެސް ފެތުރިއްޖެ

އެފްރިކާ ބައްރުގައި އެމްޕޮކްސްގެ 14،000 ކޭސް ފެނި، މި ބަލީގައި 524 މީހުން މަރުވެފައިވާއިރު، އަނެއްކާވެސް އެފްރިކާއިން މި ބަލި ބޭރުވެއްޖެއެވެ. އެ ގޮތުން ސްވިޑްންއިން މިއަދު ވަނީ އެ ގައުމުގައި މި ބައްޔަށް ފައްސިވެފައިވާ މީހަކު ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ.

"އެމްޕޮކްސްގެ މާ ސީރިއަސް ބާވަތެއް ކަމަށްވާ 'ކްލޭޑް 1’ގެ އެއް ކޭސް ވަނީ މި ގައުމުން މިއަދު މެންދުރު ފަހު ފެނިފައި،" ސްވިޑްންގެ ސިއްހަތާއި އިޖުތިމާއީ ކަންތައްތަކާ ބެހޭ ވަޒީރު ޔާކަބް ފޯސްމެދް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު ވިދާޅުވިއެވެ.

ޖިސްމާނީ ގޮތުން ގާތްވުމުންނާއި ޖިންސީ ގުޅުމުން ގައިން ގަޔަށް އަރައި މި ބަލި އެފްރިކާ ބައްރުގައި ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ދުނިޔޭގެ ފެންވަރުގައި ކުއްލި ހާލަތު މިއަދު ވަނީ އިއުލާންކޮށްފައެވެ. މިއީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ދެ ވަނަ ފަހަރަށް އެމްޕޮކްސްގެ ކުއްލި ހާލަތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން އިއުލާންކުރި ދެވަނަ ފަހަރެވެ. ޑަބްލިޔު.އެޗް.އޯ.އިން ބުނީ އެމްޕޮކްސް މިހާރު ދަނީ އެހެން ގައުމުތަކުގައި ފެތުރެމުން ކަމަށެވެ.

ސްމޯލްޕޮކްސް ނުވަތަ ކަށިވިދުރި އާއިލާގައި ހިމެނޭ އެމްޕޮކްސްގެ ނިޝާންތަކުގެ ތެރޭގައި ހުން އައުން، ހީކެރުވުން، އަދި ގައިގައި ރިއްސުން ހިމެނެއެވެ.

އެމްޕޮކްސް ސީރިއަސް ހާލަތެއްގައި ޖެހިފައިވާ މީހުންގެ ފަރާތުން ފެންނަ އަސަރުތަކުގެ ތެރޭގައި މޫނާއި އަތާއި މޭ އަދި ޖިންސީ ގުނަވަނުގައި ފާރު ނަގައެވެ.

ކުރިން މަންކީ ޕޮކްސް މި ބައްޔަށް ކިއި ނަމަވެސް 1958 ގައި ފެނުނު މި ބަލީގެ ނަން އެމްޕޮކްސްއަށް ބަދަލުކުރީ މި ބައްޔާ ރާމާމަކުނާ ގުޅުމެއް ނެތް ކަމަށް އެނގުމުންނެވެ. ސައިންސްވެރިން މިހާރު ވިދާޅުވަނީ އެމްޕޮކްސްއަކީ މީދަލުގެ ޒަރީއާއިން ފެތުރެމުންދާ ބައްޔެއް ކަމަށެވެ.

ޑަބްލިޔު.އެޗް.އޯގެ ޑައިރެކްޓަރު-ޖެނެރަލް ޓެޑްރޮސް އަދްހާނަމް ގަބްރިއެސެސް ވިދާޅުވީ އެމްޕޮކްސްގެ އާ ވައްތަރެއް ނުވަތަ "ވޭރިއެންޓް"އެއް މިހާރު ފެތުރެމުންދާކަމީ "ވަރަށް ކަންބޮޑުވާ" ކަމެއް ކަމަށެވެ.

"މި ބަލި ފެތުރުން ހުއްޓުވުމަށާއި ފުރާނަ ސަލާމަތްކުރަން ބައިނަލްއަގުވާމީ ގޮތުން ވިލަރެސް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން މުހިންމު،" ކުއްލި ހާލަތު އިއުލާން ކުރައްވަމުން ޓެޑްރޮސް ވިދާޅުވިއެވެ.

މިދިޔަ އަހަރު އެފްރިކާއިން އެމްޕޮކްސް ފެނުނު އަދަދާ އަޅާބަލާއިރު މި އަހަރު އެ އަދަދު ވަނީ އިތުރުވެފައެވެ. އެ ގޮތުން މަދުވެގެން އެފްރިކާގެ 13 ގައުމަކުންވަނީ މި ބަލި ފެނިފައެވެ. ބަލިމީހުން ފެންނަ ނިސްބަތް 160 ޕަސެންޓް މައްޗަށް މި އަހަރު ގޮސްފައިވާއިރު މި ބަލީގައި މަރުވާ މީހުންގެ ނިސްބަތްވަނީ 19 ޕަސެންޓް އިތުރުވެފައެވެ.

އެމްޕޮކްސް ޖެހިފައިވާ މީހުންގެ ތެރެއިން 70 ޕަސެންޓަކީ 15 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 96 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ކޮންގޯގެ ރައްޔިތުންނެވެ.

އެމެރިކާ، އިނގިރޭސި ވިލާތް، އަދި އޮސްޓްރޭލިއާގެ އިތުރުން ދުނިޔޭގެ 70 ގައުމެއްގައި އެމްޕޮކްސް 2022 ގައި ފެތުރުމުން ދުނިޔޭގައި ކުއްލި ހާލަތު ގާއިމުކޮށް، ވެކްސިން ފޮނުވުމުން މި ބަލި ވަނީ އެ ގައުމުތަކުން ނައްތާލެވި، އަނެއްކާވެސް އެފްރިކާގެ ތެރޭގައި އުޅޭ ބައްޔަކަށް އެއިރު ބަދަލުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް