Support Us

އެމެރިކާގެ ޔޫޓާ ސްޓޭޓްގެ ސޯލްޓް ލޭކް ސިޓީގެ ހަތަރު ފެންގަނޑެއްގައި އާބާދީ މާބޮޑަށް އިތުރުވެފައިވާ ހަތަރު ބާވަތުގެ މަސް

މަސް މާ ގިނަވުމުން އިތުރަށް މަސްބާނަން އެދިއްޖެ

އެމެރިކާގެ ޔޫޓާ ސްޓޭޓްގެ ސޯލްޓް ލޭކް ސިޓީގެ ހަތަރު ފެންގަނޑެއްގައި ހަތަރު ބާވަތެއްގެ މަހުގެ އާބާދީ އިތުރުވުމުން އެ ތަކެތި ބާނަން މަސްވެރިންނަށް އިލްތިމާސްކޮށްފިއެވެ.

ޑިވިޝަން އޮފް ވައިލްޑްލައިފް ރިސޯސަސް (ޑީ.ޑަބްލިޔު.އާރް) އިދާރާއިން ބުނީ ފްލޭމިންގް ގޯޖް ރިޒަވޮޔާގައި ކުދި "ޓްރައުޓް" ބާވަތުގެ މަހާއި، ސްޓާވޭޝަން ރިޒަވޮޔާގައި "ވޯލްއައި" ބާވަތުގެ މަހާއި، ޕެލިކަން ލޭކްގައި "ބްލޫގިލް" ބާވަތުގެ މަހާއި، އަދި ބްލެކްސްމިތު ފޯކް ކޯރުގައި "ބްރައުން ޓްރައުޓް" ބާވަތުގެ މަހުގެ އަދަދު މާބޮޑަށް އިތުރުވެއްޖެ ކަމަށެވެ.

މި ހަތަރު ބާވަތުގެ މަހުގެ އާބާދީ އިތުރުވުމުގެ ސަބަބުން މި ހަތަރު ފެންގަނޑުގައި އުޅޭ އެހެނިހެން މަހުގެ ބާވަތްތަކަށް ލިބެން ޖެހޭ ކާބޯތަކެތި ލިބުމަށް ވަނީ ހުރަސްއެޅިފައި ކަމަށް ޑީ.ޑަބްލިޔު.އާރް.އިން ބުންޏެވެ.

"މި ކަމުގެ ސަބަބަން އެހެނިހެން ބާވަތުގެ މަސްތައް ހެދިބޮޑުވުމަށް ވަނީ ހުރަސްއެޅިފައި. އެހެން ބާވަތުގެ މަސްތައް މިހާރު ބޮޑުވަމުން އަންނަނީ ވަރަށް ލަހުން. އަދި އެ ސޮރުމެންގެ ސައިޒު ވެސް ވަރަށް ކުޑަ،" ޑީ.ޑަބްލިޔު.އާރް.ގެ ކުޅިވަރަށް މަސް ބޭނުމާ ބެހޭ ވިލަރެސްކުރުންތެރިޔާ ޓްރީނާ ހެންޑްރިކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްވެރިން ކުރިން މި ހަތަރު ބާވަތުގެ މަސް ބާނާތީ އެ ސޮރުމެންގެ އާބާދީ އޮތީ ވަކި މިންވަރަކަށް ހިފެހެއްޓިފައި ކަމަށެވެ.

"ނަމަވެސް މިހާރު މި ހަތަރު ބާވަތުގެ މަސް ހިފައިފައި މަސްވެރިން އެ ސޮރުމެން އަލުން ފެންގަނޑަށް ދޫކޮށްލަނީ. ސަބަބަކީ މަސްވެރިކަން މިހާރު ކުޅިވަރެއްގެ ގޮތުގައި ކުރިއަށްގެންދާތީ. މިހެންވުމުން 'ސްޕޯޓް ފިޝިން' (ކުޅިވަރަށް މަސްވެރިކަންކުރުން)ގައި 'ކެޗް އެންޑް ރިލީޒް’ގެ ދަށުން މަސްވެރިކަން ކުރާތީ ހިފައި މަސްތައް އަލުން ފެންގަނޑުތަކަށް މަސްވެރިން ދޫކޮށްލަނީ،" ޓްރީނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުޅިވަރަށް މަސް ބޭނުމުގެ ސަގާފަތުގެ ސަބަބުން މި ހަތަރު ފެންގަނޑުގައި މި ހަތަރު ބާވަތުގެ މަސް ގިނަވުމުން އެހެން މަސްތަކަށް ކާނާ ލިބުމުގައި ހުރަސްތައް ކުރިމަތިވެފައިވާ ކަމަކެވެ. އެއީ މި ހަތަރު ބާވަތުގެ މަސްތައް ކާބޯތަކެތި ހޯދުމުގައި އެހެން މަސްތަކާ ވާދަކުރާތީ ކަމަށެވެ.

"ކޮންމެ ލޭކްއެއް، ކޯރެއް އަދި ރިޒަވޮޔާއެއްގައި ކާބޯތަކެތި ހުރީ ވަކި މިންވަރަކަށް ކަމަށްވާތީ މި މިންވަރުން ދެމެހެއްޓެނިވި ގޮތެއްގައި މި ފެންގަނޑުތަކުގައި ދިރިއުޅެވޭނީ ވަކި އަދަދެއްގެ މަސްމަހާމެއްސަށް. މިހާރު ވާ ގޮތަކީ މި ހަތަރު ބާވަތުގެ މަސްތައް ގިނަވެފައިވާތީ އެހެން މަސްތަކުގެ އަދަދާއި ސައިޒު ވެސް ކުޑަ،" ޓްރީނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްވެރިން ހިފުމަށް އެދެވިގެންވަނީ 25 އިންޗިއަށްވުރެ ކުދި ސައިޒުގެ މަސް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް