Support Us

މާލޭ އަންހެނުންގެ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާލެ ސިޓީ ކައުންސިލުގެ އިދާރާގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެބޭފުޅުން ކުރައްވަން ބޭނުންފުޅުވާ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތަކުން ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ލިބޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުން މިވަގުތު އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ ކުރިއަށް އޮތް ތަނުގައި އެކޮމިޓީގެ މަސައްކަތްތަކަށް އަންނާނެ ބަދަލެއް އެނގިވަޑައިގެންފައި ނެތުންކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް އެ ކޮމިޓީއިން ވަނީ މި އަހަރު ކުރުމަށް ނިންމާފައިވާ މުހިންމު ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިހާތަނަށް އ.ތ.މ. ކޮމިޓީތަކުން އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިނާޔަތްތަކާއި މުސާރައާއި އެހެނިހެން ޗުއްޓީ ފަދަ ކަންކަން ނުލިބުން ކަމުގައި ވިދާޅުވެފައެވެ. އަދި އެކަންކަމަކީ ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލެއްކަމުގައި ފާހަގަކުރައްވައި އެކަން ކުރުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އ.ތ.މ. ކޮމިޓީގެ ސްޓްރަކްޗަރަށް ބަދަލު ގެންނަވާނީ އެކަމަށް ފަންނީ ލެވެލްގައި ދިރާސާކޮށް ކޮމިޓީގެ މަސައްކަތްތައް މިހާރަށްވުރެ "އެފިޝަންޓް" ވާނެގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިއެރުވުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސިޓީ ކައުންސިލް މެންބަރުންނާވެސް ބައްދަލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *