Support Us

ބްރެޒިލްގައި ވެއްޓުނު މަދިންދާބޯޓުގައި އަލިފާން ރޯވެފައި

މަތިންދާބޯޓެއް ވެއްޓި ބްރެޒިލްގައި 61 މަރު

ބްރެޒިލްގެ ސައޮ ޕައޮލޯ ސްޓޭޓަށް މަތިންދާބޯޓެއް ވެއްޓި އޭގައި ތިބި 61 މީހުން މަރުވެއްޖެއެވެ.

އޭ.ޓީ.އާރް 72-500 މަރުކާގެ މަތިންދާބޯޓުގައި ތިބީ 57 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިންނެވެ.

ފްލައިޓް ވެއްޓުނީ ވިންހިޑޫ ޓައުންއަށެވެ. އެއީ ދެކުނު ޕަރަނާ ސްޓޭޓުން ފުރައިގެން އަންނަނިކޮށެވެ.

ވެއްޓުނީ އާއްމުން ދިރިއުޅޭ ހިސާބަކަށް ކަމަށް ވިޔަސް ބިންމަތިން އެއްވެސް މީހަކު މަރުވެފައި ނުވަތަ ޒަހަމްވެފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަނީ މަތިންދާބޯޓު އެނބުރެމުން ވެއްޓޭ މަންޒަރެވެ.

މަރުވި މީހުންގެ އާއިލާ އާއި ރަހްމަތްތެރިންނަށް ރައީސް ލުއިޒް އިނާސިއޯ ލުލަ ޑާ ސިލްވަ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ސައޮ ޕައޮލޯގެ ގަވަރުނަރު ޓާސީސިއޯ ގޯމެސް ޑި ފްރެއިޓަސް މިހާރު ވަނީ ގައުމީ ފެންވަރުގައި ހިތާމަ ފާޅުކުރަން ތިން ދުވަސް ހަމަޖައްސަވައިފައެވެ.

ފްލައިޓްގެ މުއާސަލާތީ ރެކޯޑަރުތައް މިހާރު ލިބިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏެވެ.

މަތިންދާބޯޓު އުފެއްދި ފްރާންސް އާއި އިޓަލީގެ ގުޅިފައިވާ އޭ.ޓީ.އާރް ކުންފުނިން ބުނީ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ވީޑިއޯތަކުން ފެންނަނީ އެތައް ގެތައް ހުރި ތަނަށް ވެއްޓުނު ފްލައިޓްގައި ރޯވެފައިވާ މަންޒަރެވެ. އެއް ގެއަށް ގެއްލުން ލިބުނު ކަމަށް ރަސްމީ އިދާރާތަކުން ބުންޏެވެ.

އަލިފާން ނިއްވާ ފަރާތްތަކާއި ފުލުހުން އެ ސަރަހައްދަށް ވަގުތުން ދިޔައެވެ.

ފްލައިޓް އުދުހޭ ގޮތް ބަލައި ވެބްސައިޓެއް ކަމަށްވާ ފްލައިޓްރޭޑާ24 އިން ބުނީ ފްލައިޓުން އެންމެ ފަހު ސިގްނަލް ލިބުނީ އެއާޕޯޓުން ނައްޓައިލިތާ ދޮޅުގަޑިއިރު ފަހުން ކަމަށެވެ.

ބްރެޒިލްގެ މަދަނީ އުދުހުންތަކާ ބެހޭ އިދާރާއިން ބުނީ 2010 އުފެއްދި މަތިންދާބޯޓުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް ނެތް ކަމަށެވެ.

"ފަޅުވެރިންގެ ލައިސަންސާއި ތައުލީމީ ފެންވަރު ވެސް ހުރި،" އެ އިދާރާއިން ބުންޏެވެ.

މަތިންދާބޯޓު ވެއްޓުނު ހިސާބުގައި ދިރިއުޅޭ މީހުންނަށް އެ މަންޒަރު ވަނީ ފެނިފައެވެ.

"މަތިންދާބޯޓު ވެއްޓެމުން ދިޔައިރު އެ އަޑު އަހަރެންނަށް އިވުނު. އަހަރެންގެ ގޭގެ ކުޑަދޮރުން ބޭރު ބަލައިލި ވަގުތު ދިމާވީ މަތިންދާބޯޓު ބިންމަތީގައި ޖެހުނު ވަގުތާ. އެ މަންޒަރުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަދެގެންދިޔަ،" ފެލިޕޭ މަގަލެޝް ރޮއިޓާސްއަށް ބުންޏެވެ.

ނެޓަލީ ސިސާރީ ސީ.އެން.އެން.އަށް ބުނީ އޭނާ މެންދުރުގެ ކެއުން ކާން އިންދާ "ވަރަށް ގަދަ އަޑެއް އިވުނު" ކަމަށާއި "ޑްރޯންއެއްގެ އަޑަށް ވުރެ އަޑު ގަދަ" ކަމަށެވެ.

"ބެލްކަނީއަށް ނުކުމެ ބަލައިލުމުން ފެނުނު މަތިންދާބޯޓު އެނބުރެމުން ވެއްޓެން ދިޔަ މަންޒަރު. އެ ވަގުތު އަހަރެންނަށް އެނގުނު އެއީ މަތިންދާބޯޓެއްގެ އާއްމު ހަރަކާތް ހުންނާނެ ގޮތެއް ނޫންކަން،" ނެޓަލީ ބުންޏެވެ.

މިއީ 2007 އަށް ފަހު ބްރެޒިލްގައި ހިނގި އެންމެ ނުރައްކާތެރި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއެވެ. އެ ގޮތުން އެ އަހަރު ހިނގި ހާދިސާގައި ސައޮ ޕައޮލޯގެ ކޮންގޮންނަސް އެއާޕޯޓަށް މަތިންދާބޯޓެއް ވެއްޓި އަލިފާން ރޯވުމުން 199 މީހުން މަރުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް