Support Us

ހަސީނާއަށް އެމެރިކާ އާއި އިނގިރޭސީން ވެސް ހިމާޔަތެއް ނުދިން

ބަންގްލަދޭޝްގެ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވައި، ގައުމުން ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތް ޝައިހު ހަސީނާއަށް ހިމާޔަތް ދޭން އިނގިރޭސި ވިލާތާއި އެމެރިކާއިން ދެކޮޅު ހަދައިފިއެވެ.

މި ކަމާ ގުޅިގެން، އުމުރުފުޅުން 76 އަހަރުގެ ހަސީނާ މިހާރު މަސައްކަތް ކުރައްވަމުން އަންނަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އާއި ފިންލެންޑުގެ އިތުރުން ޔޫރަޕްގެ ގައުމުތަކުން ހިމާޔަތް ލިބޭތޯ ކަމަށްވެއެވެ.

ދީނީ ހައްދުފަހަނައެޅުން ނައްތައިލުމާއި މިޔަންމާއިން ފައްސައިލި ރޮހިންގާ ނަސްލުގެ މުސްލިމުންނަށް އެހީވުމުގައި ހަސީނާގެ ސަރުކާރަށް އެމެރިކާއިން އެހީވިއެވެ. ނަމަވެސް މިދިޔަ ޖަނަވަރީ މަހު ބަންގްލަދޭޝްގައި ބޭއްވި އިންތިހާބު އިންސާފުވެރިނުވުމުން ހަސީނާގެ ސަރުކާރުން ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ގެންގުޅުއްވި ސިޔާސަތުތަކަށް އެމެރިކާއިން ތާއީދު ނުކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަސީނާ ގައުމުން ފިއްލެވީ 1971 ގައި ޕާކިސްތާނުގެ އަތުން މިނިވަންވުމަށް ބަންގްލަދޭޝްއިން ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ 30 ޕަސެންޓް ވަޒީފާ ދޭން ނިންމެވުމުން 171 މިލިއަން މީހުން ދިރިއުޅޭ ބަންގްލަދޭޝްގެ ވަޒީފާ ނެތް 18 މިލިއަން ޒުވާނުން އޭނާއާ ދެކޮޅަށް ފެށި މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވެ މަދުވެގެން 400 އެއްހާ މީހުން މަރުވުމުންނެވެ.

އިނގިރޭސި ވިލާތާއި އެމެރިކާއިން ހަސީނާއަށް ހިމާޔަތް ނުދިނުމުން ބައެއް ފަރާތްތަކުން ހަސީނާއަށް އިރުޝާދު ދިނީ އިންޑިއާއިން ހިމާޔަތް ހޯދައިގެން އިންޑިއާގައި ދިރިއުޅުއްވުމަށެވެ. ނަމަވެސް އިންޑިއާއިން މި ގޮތެއް ބޭނުމެއްނުވެއެވެ. ސަބަބަކީ ދިވެހި ރާއްޖެ އާއި ސްރީ ލަންކާ އާއި ނޭޕާލުން ޗައިނާއާ ގާތް ގުޅުމެއް ބާއްވާތީ ބަންގްލަދޭޝް ވެސް އެ ގޮތަށް ޗައިނާއަށް ތާއީދުކުރާ ދެކުނު އޭޝިއާގެ ގައުމަކަށް ވެދާނެތީއެވެ.

އިންސާނީ ހައްގުތަކާއި ޑިމޮކްރެސީއާ ދެކޮޅަށް ހަސީނާ އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކާމެދު އިންޑިއާއިން މިވީ ހުރިހާ ދުވަހަކު ފާޑުނުކިޔައި މަޑުންތިބީ ހަސީނާ ޗައިނާއާ ދުރުކަމެއް ބޭއްވުމުން ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ. މިހެންވެ ބަންގްލަދޭޝްއަށް އަލަށް އަންނާނެ ސަރުކާރަކާ ގާތް ގުޅުމެއް ބާއްވަން އިންޑިއާ ބޭނުންވާނެތީ ހަސީނާއަށް ހިމާޔަތް ދީގެން ބަންގްލަދޭޝްގެ އާ ސަރުކާރާއި ރައްޔިތުންގެ ނަފުރަތު އިންޑިއާއަށް އަމާޒުވާން އިންޑިއާއިން ނޭދޭނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ.

އިނގިރޭސި ވިލާތާއި އެމެރިކާއިން ހަސީނާ ހިމާޔަތް ހޯއްދަވަން ބޭނުންވެވަޑައިގަތީ އޭނާގެ އާއިލާގެ މެންބަރުން އެ ދެ ގައުމުގައި ދިރިއުޅުއްވާތީއެވެ.

އަންގާރަ ދުވަހު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި ހާރިޖީ ވަޒީރު ސުބްރަހްމަންޔަމް ޖައިޝަންކަރު ވިދާޅުވީ ހަސީނާ އިންޑިއާއަށް ވަޑައިގަތީ "ހަމައެކަނި ވަގުތީ ގޮތުން" ކަމަށެވެ.

"ހަސީނާ އަދިވެސް ހުންނެވީ ޝޮކެއްގައި. އޭނާގެ ކުރިމަގާމެދު އޭނާއާ މަޝްވަރާ ކުރާނީ އޭނާ ހަމައަކަށް އެޅުމުން،" ރައްކާތެރި ތަނަކަށް ހަސީނާ ގެންދަވައިފައިވާ ކަމަށް ހާމަކުރައްވަމުން ޖައިޝަންކަރު ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުން ހަސީނާއަށް އެރުވި ޖަވާބަކީ އިނގިރޭސި ވިލާތުގެ އުސޫލުތައް ހުންނަ ގޮތުން ކުރިން ހިމާޔަތް ހޯދައިގެން އެ ގައުމަށް އައުމަށް ހުއްދަ ނުދޭ ކަމަށެވެ. ސަބަބަކީ އިނގިރޭސި ވިލާތުން ގަބޫލުކުރަނީ ހިމާޔަތަށް އެދެން ޖެހޭނީ އެންމެ ފުރަތަމަ ދެވޭ ގައުމަކުން ކަމަށްވާތީއެވެ.

ހަސީނާގެ ކޮއްކޯފުޅު ޝައިހު ރައިހާނާއަކީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ލިބިފައިވާ އަންހެން ބޭފުޅެކެވެ. އެއީ އެ ދެ ބޭފުޅުންގެ ބައްޕާފުޅު ޝައިހް މުޖީބުއްރަހްމާން 1975 ގައި އަވަހާރަކޮށްލުމުންނެވެ. ރައިހާނާގެ އަތްޕުޅުގައި އިނގިރޭސި ވިލާތުގެ ރަށްވެހިކަން އޮވެއެވެ. އަދި އޭނާގެ ދަރިފުޅު ޓިއުލިޕް ސިއްދީގަކީ ލޭބަރ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ އިތުރުން އިނގިރޭސި ވިލާތުގެ ލޭބަރ ޕާޓީގެ އާ ސަރުކާރުގެ އިގުތިސާދީ ވަޒީރެވެ.

ހަސީނާގެ ސަރުކާރު ވެއްޓުމުން ގައުމު މިހާރު ވަނީ ހަތަރުއަނގޮޅިއެއްގައި ކަމަށް އދ.އިން ބަންގްލަދޭޝްއަށް ކަނޑައަޅައިފައި ހުންނަވާ އެންމެ އިސް އޮފިޝަލް ގްވިން ލުއިސް ވިދާޅުވިއެވެ.

އދ.އިން ބުނީ ހަސީނާ އިސްތިއުފާދެއްވައި ގައުމުން ފިއްލަވަން މެދުވެރިވި ހަމަނުޖެހުންތަކުގައި 300 އަށްވުރެ ގިނަ އާއްމު ރައްޔިތުން މަރުވި ކަމަށާއި 20،000 އަށްވުރެ ގިނަ މީހުން ޒަހަމްވި ކަމަށެވެ.

ހަސީނާގެ ވެރިކަން ވެއްޓުމުން މީސްކޮޅު މަދު ހިންދޫން ފަދަ އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނާއި އެ މީހުންގެ ވިޔަފާރިތަކާއި ގެދޮރުގައި ހުޅުޖަހަމުންދާ މީހުންގެ ކިބައިން އެ ތަންތަން ރައްކާތެރިކުރުމަށް މުސްލިމް ރައްޔިތުން އެހީވަމުން އެބަދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް