Support Us

އަފްޣާނިސްތާނުގެ ހަ މިލިއަން ކުޑަކުދިން ބަނޑަށްޖެހެމުންދާކަމަށް "ސޭވް ދަ ޗިލްރެން"އިން ބުނި

އެމެރިކާއިން "އޮޅުމަކުން" ތޯލިބާންއަށް 239 މިލިއަން ޑޮލަރު ދެވިއްޖެ

އަފްޣާނިސްތާނުގައި ވެރިކަންކުރާ ތޯލިބާން ޖަމާއަތަށް 239 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އެމެރިކާއިން "އޮޅުމަކުން" ޖަމާކޮށްދެވިފައިވާކަން ހާމަވެއްޖެއެވެ.

މިއީ ފައިސާ ޖަމާކޮށްދެވޭ ފަރާތްތަކުގެ ސައްހަ މައުލޫމާތު އެމެރިކާގެ ހާރިޖިއްޔާއިން ރަނގަޅަށް ނުބަލަހައްޓާތީ ވީ ކަމެއް ކަމަށް ޔޫ.އެސް ސްޕެޝަލް އިންސްޕެކްޓަރ ޖެނެރަލް ފޮ އަފްޣާނިސްތާން ރިކޮންސްޓްރަކްޝަން (އެސް.އައި.ޖީ.އޭ.އާރް)އިން ބުންޏެވެ.

އެ ގޮތުން މި ފައިސާއަކީ 2021 ގައި އެމެރިކާގެ ހަނގުރާމަމަތީ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން އަފްޣާނިސްތާނުގެ ވެރިކަމަށް ތޯލިބާން ޖަމާއަތުން އައި ފަހުން އެމެރިކާއިން ޖަމާކުރި ފައިސާ ކަމަށް އެސް.އައި.ޖީ.އޭ.އާރް.އިން ބުންޏެވެ.

އަފްޣާނިސްތާނުން ވަނީ ހިލޭސާބަހަށް މަސައްކަތްކުރާ 1،000 އަށްވުރެ ގިނަ ޖަމާއަތް އުފައްދައިފައެވެ. އަދި 2022 އިން ފެށިގެން އެމެރިކާގެ ހާރިޖިއްޔާގެ ފަސް ބިއުރޯކުރެ ދެ ބިއުރޯއިން ވަނީ މި ޖަމާއަތްތަކަށް ފައިސާ ފޮނުވައިފައެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުން ވިދާޅުވީ ސަރުކާރާ ހަވާލުވެ ތިބީ ތޯލިބާން ކަމަށް ވާތީ ބައިނަލްއަގުވާމީ ފަރާތްތަކުން އަފްޣާނިސްތާނަށް ފޮނުވާ ފައިސާ ތޯލިބާނަށް ނުލިބި ނުދާނެ ކަމަށެވެ.

"މިސާލަކަށް، މަރުކަޒީ ބޭންކަށް ޖަމާކުރާ ފައިސާ ވެސް އެއީ ހަމަ ތޯލިބާން ސަރުކާރަށް ވަންނަ ފައިސާ،" ތޯލިބާންގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެސް.އައި.ޖީ.އޭ.އާރް.ގެ ތަހުގީގުން އެނގުނީ އެމެރިކާގެ ހާރިޖިއްޔާއިން ގައުމުތަކަށް ދޭ ފައިސާ ދަނީ ޓެރަރިސްޓް ޖަމާއަތްތަކަށްތޯ ބަލަން އެ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އަފްޣާނިސްތާނުގެ ހިލޭސާބަހަށް މަސައްކަތްކުރާ 29 ޖަމާއަތަށް އެމެރިކާގެ ހާރިޖިއްޔާއިން ފައިސާ ފޮނުވައިފައިވާ ކަމެވެ.

އެ އިދާރާއިން ބުނީ 2021 އިން ފެށިގެން "ފޭކް" ނުވަތަ ސައްހަ ނޫން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތައް އަފުޣާނިސްތާނުން އުފެއްދި ކަމަށެވެ. އެއީ އެމެރިކާއިން އެ ގައުމަށް ދޭ އެހީގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް ތޯލިބާންއަށް ޖަމާކުރުމަށް ކަމަށެވެ.

އެމެރިކާގެ ފަރާތުން އަފްޣާނިސްތާނަށް ދޭ ފައިސާގެ އެހީގެ ތެރޭގައި އެމެރިކާ ސިފައިން އެ ގައުމުން ފޭބިއިރު ތޯލިބާންއަށް ދޫކޮށްލި ހަތް ބިލިއަން ޑޮލަރު (107 ބިލިއަން ރުފިޔާ)ގެ އަގުހުރި އަސްކަރީ އާލާތްތައް ނުގުނާ ކަމަށް އެސް.އައި.ޖީ.އޭ.އާރް.އިން ބުންޏެވެ.

އެމެރިކާއިން އަފްޣާނިސްތާނުން ފޭބި ފަހުން އަފްޣާނިސްތާނަށް ފަގީރުކަމާއި ބަނޑަހައިހޫނުކަން ކުރިމަތިވެފައިވާ ކަމަށް އދ.އިން ބުންޏެވެ. އެ ގޮތުން 15 މިލިއަން މީހުން މި އަހަރުގެ ތެރޭގައި ބަނޑަށްޖެހޭނެ ކަމަށް އދ.އިން ބުންޏެވެ. އދ.އިން 2022 ގައި ބުނެފައިވަނީ އަފްޣާނިސްތާނުގެ ކޮންމެ 10 މީހުންގެ ތެރެއިން ނުވަ މީހުންނަކީ ފަގީރުން ކަމަށެވެ.

އަފްޣާނިސްތާނުގެ ހަ މިލިއަން ކުޑަކުދިން ބަނޑަށްޖެހެމުންދާ ކަމަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ސޭވް ދަ ޗިލްރެން"އިން ބުންޏެވެ.

އަފްޣާނިސްތާންގެ އޮފިޝަލުން ވިދާޅުވީ އެމެރިކާ އާއި ބައިނަލްއަގުވާމީ ފަރާތްތަކުން އެހީ ނުދޭ ނަމަ އަފްޣާނިސްތާނުގެ ޕްރައިވެޓް ސެކްޓަރ ވިޔަފާރިތަކަށް ލޮޅުން އަރައި، އިގުތިސާދު އަނދަވަޅަކަށް ވެއްޓި، އިންސާނީ ކާރިސާއެއް ކުރިމަތިވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް