Support Us

ކޮލަމް ގަލަން: ވަޒީފާގެ ބާޒާރުގައި ތަޢުލީމީ ފެންވަރު މަތިކުރުމުގެ ފުރުސަތު ހަނިކޮށްފައި ބާއްވަނީ ކީއްވެ؟

ގާނޫނު އަސާސީ ބުނަނީ އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. އަދި މަޤާމަކަށް ސިވިލް ސަރވިސްގައި ހިމެނޭ މީހަކުވިޔަސް އަދި ނުހިމެނޭ މީހަކުވިޔަސް ޢައްޔަނު ކުރަންޖެހޭ މިންގަނޑަކީ މެރިޓް ކަމަށް ބަލައިގެންކަމަށް ގާނޫނުގައި ބަޔާންކުރެވިފައިވާ އަސާސް ބިނާވެފައިވަނީ ވަޒީފާގެ ޝަރުޠުތައް ފުރިހަމަވުމާއި ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާގެ މައްޗަށެވެ. ހުރިހާ ދާއިރާއަކަށް ވެސް އެ މިންގަނޑު މުހިންމެވެ. ތައުލީމީ ދާއިރާއަށް ބެލިކަމުގައި ވިޔަސް ގާނޫނު ބުނަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި މަސައްކަތްކުރާ މުދައްރިސުން ވާންވާނީ، ކަމަށް އެކަށޭނަ، ސަނަދު ލިބިފައިވާ، ފެންވަރު ރަނގަޅު މުދައްރިސުން ކަމުގައެވެ. ވަޒީފާއާބެހޭ ޤާނޫނުން ކަށަވަރުކޮށްދޭ ކަންކަމުގެ އިތުރުން މުދައްރިސުންނަށް ލިބިދެވޭނެ ޢިނާޔަތްތަކާއި ރައްކާތެރިކަމާ ގުޅޭ މިންގަނޑުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީން ކަނޑައަޅަންވާނެ ކަމަށެވެ. ނަމަވެސް މައްސަލައަކީ ސަރުކާރުގެ ވަޒިފާއަކަށް ވަނުމަށްފަހު ތަޢުލީމީ ފެންވަރު މަތިކުރުމަށް ޓަކައި ދިވެހި ޒުވާނުންނަށް ސަރުކާރުން ފުރުސަތު ގަސްތުގައި ނުދޭ ކަމެވެ. ނުވަތަ އޮންނަނީ ވަރަށް ވެސް ހަނިކޮށްފައެވެ. އެ ގޮތުން ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ތަޢުލީމީ ފެންވަރު މަތިކުރުމުގެ އިންސާނީ ހައްގާ މެދު ސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައެވެ.

އޭގެ ހަގީގަތަކީ:

ފުރަތަމަ ހަގީގަތަކީ: ބުރަ މަސައްކަތް ކޮށްގެން އަދި ދަރަނިވެރިވެގެން ފުރަތަމަ ޑިގުރީ ނަގައިގެން ދިއުމުން ބައެއް ފަހަރަށް ވަރަށް ފަސޭހައިން ސަރުކާރުގެ ވަޒީފާތަކަށް ވައްދާލައެވެ. މިސާލަކަށް ފުރަތަމަ ޑިގުރީ ނަގައިގެން އަންނަ މެޑިކަލް ޑޮކުޓަރުންނާއި ޓީޗަރުން އަދި ނޫންވެސް ޕުރޮފެޝަނަލް މުވައްޒަފުންނެވެ. ދެން އެ މުވައްޒަފަކު ހުންނާނީ އެ ވަޒީފާމަތީގައި ރައްޔަތުންގެ ޚިދުމަތުގައެވެ. އެ ވަޒިފާއަށް ވަނުމަށްފަހު ތަޢުލީމީ ފެންވަރު މަތިކުރުމަށް ޓަކައި އިތުރު ފުރުސަތެއް ނޯވެއެވެ. އެގޮތަށް ތިބެގެން ބައެއް މީހުންގެ އުމުރު ހުސްވެގެންދެއެވެ. ޕެންޝަން ލިބޭ އިރު ދެން ޖެހޭނީ ހުސްއަތާ ގޭގައި މަޑުކޮށްލާށެވެ. ޕުރޮފެޝަނަލް މީހުންގެ ދަރަޖައަކަށް ވާންޖެހޭނީ ޕެންޝަން އުމުރަށްދާއިރު އެ ދާއިރާއަކުން އެންމެ މަތީ އިލްމީ ފާހެއް ލިބިފައިވުމުގެ އިތުރުން ލިބިފައިވާ ހުނަރާއި ތަޖުރިބާގެ ވަސީލަތުން އެ ދާއިރާއަކުން ކޮންސަލްޓެންޓެއްގެ ދަރަޖަ ލިބިފައިވުމެވެ. ނަމަވެސް މުވައްޒަފުންގެ ތަޢުލީމީ ފެންވަރު މަތިކުރުމުގައި ސަރުކާރު އިހުމާލުވެފައިވާތީ އެ ފުރުސަތު ދިވެހި ޒުވާނުންނަށް ވަނީ ގެއްލިފައެވެ.

ދެވަނަ ހަގީގަތަކީ: މަތީ ތައުލީމުގެ ރޮނގުން ފުރަތަމަ ޑިގުރީ ނަގައިގެން ރައްޔަތުންނަށް ޚިދުމަތްކުރުމަށް ސަރުކާރަށް ވަންނަ މުވައްޒަފުންގެ ތެރެއިން އަމިއްލަ ޚަރަދުގައި އިތުރަށް ކިޔެވުމަށް ދާން ބޭނުންވާ މުވައްޒަފުންނަށް ޕޭލީވު ހަމަޖެހިގެން ދިއުމަކީ ވަރަށް ވެސް ނާދިރުކަމެކެވެ. ގިނަ ފަހަރަށް އެފަދަ އިލްތިމާސެއް މުވައްޒަފަކު ކޮށްފި ނަމަ ޖަވާބަކަށް އޮންނަނީ "ކިޔަވަން ބޭނުން ނަމަ ވަޒީފާ ދޫކޮށްލާ ނުވަތަ ނޯޕޭލީވަކަށް ދޭ" ފަދަ ހަރުކަށި ޖަވާބެކެވެ. ނަމަވެސް ކިޔަވަން ބޭނުންވާ ގިނަ މުވައްޒަފުންނަކީ އަނބިދަރީންގެ ޚަރަދުބަރަދުގައި ޒިއްމާ އުފުލަން ޖެހިފައިވާ ބަޔަކަށްވާތީވެ މުސާރަ ނުލިބޭގޮތަށް ކިޔަވަން ވީއްލިގެން ތިބުން އޮންނަނީ ވަރަށް ވެސް އުނދަގޫ މައްސަލައަކަށްވެފައެވެ. ނަތީޖާއަކަށް ވަނީ ރައްޔަތުންނަށް ޚިދުމަތް ދިނުމުގައި ކޮންމެހެންވެސް ބޭނުންވާ އިލްމީ މައުލޫމާތާއި ތަޖުރިބާ މަދުވުމުގެ ސަބަބުން ޚިދުމަތް ފުރިހަމައަށް ރައްޔަތުންނަށް ނުލިބުމެވެ.

އެކަމުގެ ސަބަބުން ދިމާވާ އެއް ދައްޗަކީ މިސާލަކަށް މެޑިކަލް ޑޮކުޓަރަކަށް ސްޕެޝަލައިޒުވުމުގެ ފުރުސަތު ގެއްލިފައިވުމުގެ ސަބަބުން އޭނާގެ ބަލިމީހާއަށް ރާއްޖެތެރޭގައި ނަމަ މާލެ ދާން ޖެހުމެވެ. ނުވަތަ ރާއްޖެއިން ބޭރަށް ދާންޖެހުމެވެ. އެ ހިނދު ޚަރަދުވާ ފައިސާއަކީ އެ ބަލި މީހާގެ ޖީބުން ޚަރަދުކުރިކަމުގައި ވިޔަސް ދައުލަތުގެ ބައިތުލްމާލުން ގެއްލިގެންދާ އެއްޗެކެވެ. އޭގެ އަނެއް މިސާލަކީ މުދައްރިސަކަށް އިތުރަށް އުނގެނުމުގެ ފުރުސަތު ގެއްލިފައިވުމުގެ ސަބަބުން އޭނާގެ ދަރިވަރަށް ލިބެންޖެހޭ ފުރިހަމަ މައުލޫމާތު ނުލިބުމެވެ. ނުވަތަ ތައުލީ ޖީލަށް އިލްމީގޮތުން ބަލިކަށިކަން ވާރުތަވުމެވެ. ރާއްޖޭގައި ތައުލީމީ ދާއިރާގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ވެސް ނިމޭ ދަރިވަރުންގައި ހުރުން ލާޒިމުކުރާ އިލްމީ ފެންވަރު ނެތުމެވެ. މުދައްރިސުންގެ ފެންވަރު ރަނގަޅުނުވެ ދަރިވަރުންގެ ފެންވަރު ރަނގަޅުނުވާނެ ކަމާމެދު އެއްވެސް އޮޅުމެއްނެތެވެ. ކަމުގެ ހަގީގަތާ ހަމަޔަށް ވާސިލުވުމަށް ޓަކައި ތައުލީމީ މުއައްސާތަކުގެ ޚާއްޞަކޮށް ޔުނިވަރިސިޓީތަކުގެ މުދައްރިސުންގެ ތައުލީމީ ވަނަވަރު މުރާޖާކޮށްލައްވާށެވެ. މިދުވަސްވަރުގެ ޝަރުޠަކީ އެންމެ ދަށްވެގެން ޔުނިވަރސިޓީ ލެކްޗަރާއެއް ނަމަ އެ ދާއިރާއަކުން ޕީ.އެޗް.ޑީ އޮތުމެވެ. ނަމަވެސް ހާލަތު ހުރިގޮތް އަމިއްލަ އަތުން ހިފައި އަމިއްލަ ލޮލުން ދެކެލާށެވެ. ބައިނަލްއަގުވާމީ ކެޓަގަރީއަށް ޔުނިވަރސިޓީތަކުގެ މުދައްރިސުންގެ ޝަރުޠު ފުރިހަމަވޭތޯއެވެ؟ ނުވަތަ ދިވެހިން އެ ވަޒީފާއަށް ޝަރުޠު ފުރިހަމަނުވާތީ ގެންގުޅެން ޖެހިފައި ތިބީ ކިތައް ބިދޭސިންތޯއެވެ؟ މިއީ ސަރުކާރުން ސިޔާސީ ފެންވަރުގައި ވިސްނައި ފިކުރުކޮށް ރަނގަޅުކުރަން ޖެހިފައި އޮތް ކަމެކެވެ.

ތިންވަނަ ހަގީގަތަކީ: ދިވެހިރާއްޖޭގައި މުދައްރިސުންގެ ޢިލްމީ ގާބިލުކަން ބަލިކަށިވަނީ ސަރުކާރުން ގެންގުޅޭ ސިޔާސަތެއްގެ ދޯހަޅިކަމުންނެވެ. އެއީ ދިވެހިން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ގަޔާވާ ގޮތަށް ނުކޮށް އެކަމުގައި އިހުމާލުވުމެވެ. ދިވެއްސަކު ނުލިބުމުން ކޮންމެވެސް ގައުމަކުން ބޭރު މީހަކު ގެނައުމެވެ. ދެން އެ ބޭރު މީހާ މުސްކުޅި ވަނީ ވެސް ހަމަ އެ ވަޒީފާގައެވެ. އެ ތަނަށް ދިވެއްސަކު ކޮލިފައިވާ ގޮތެއް ނުވެއެވެ. މިއީ ހިތާމަހުރި ކަމެކެވެ. މިކަމުގައި ޒިއްމާ އުފުލަންޖެހޭ ބަޔަކީ ކޮބައިކަން ހޯދައިބަލައި ސުވާލުކުރަން ޖެހެއެވެ. އެ މީހަކު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހެއެވެ. އާދެ! ކޮންމެއަކަސް ބުއްދިވެރި ސިޔާސަތަކަށް ވާންވާނީ ދިވެއްސަކު ނުލިބިގެން ބޭރު މީހަކު ގެންނަ ވަޒީފާއަކަށް ވީހާ ވެސް އަވަހަކަށް ދިވެއްސަކު އަހުލުވެރި ކުރުމަށް މަސައްކަތް ކުރުމެވެ. މިސާލަކަށް ދިވެހި މީހާ އެ މަގާމަކަށް އަހުލުވެރިނުވީ އެ މީހާގެ އަތުގައި ވަކިވައްތަރެއްގެ ފާހެއް ނެތިގެން ކަމުގައި ވެއްޖެ ނަމަ ސަރުކާރުން ބޮޑު ޚަރަދުކޮށްގެން އެ މީހާ ދުނިޔޭގެ ކުރިއަރާފައިވާ ޔުނިވަރސިޓީއަކަށް ފޮނުވައިގެން އެކަމެއް ފުރިހަމަކުރުވުމެވެ. ސަރުކާރުން ބޮޑު ޚަރަދުކޮށްގެންނޭ ބުނި ބަހުގެ މާނައަކީ އެ ގޮތަށް އަހުލުވެރި ކުރަންޖެހޭ މީހާގެ އަނބިދަރީން ތިބެއްޖެ ނަމަ އެ ޚަރަދުތައް ވެސް ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ނުވަތަ ރީތި، ލުއި، ފަސޭހަ އުސޫލެއްގެ ދަށުން އަނބުރާ ދައްކާ ގޮތަށް ވިޔަސް އުފުލުމެވެ. ކިޔެވުމަށް ފުރުސަތު ދިނުމަކީ އެއީއެވެ. މިއީ ދިވެހިރާއްޖޭގެ އިގުތިސާދަށް ބަލާއިރު ނުކުރެވޭނެ ވަރުގެ ކަމެއްނޫނެވެ.

ހަރަތުވަނަ ހަގީގަތަކީ: އަމިއްލަ ޚަރަދުގައި ތަޢުލީމީ ފެންވަރު މަތިކުރުމަށް އެދޭ މުވައްޒަފުންގެ ތެރެއިން ޕޭލީވު ލިބެނީ ވަރަށް ވެސް މަދު ބަޔަކަށެވެ. އަޅުގަނޑަށް މައުލޫމާތު ހިއްސާކުރާ މީހުން ގަބޫލުކުރާ ގޮތުގައި ކިޔެވުމަށް ޕޭލީވު ހަމަޖެހެނީ ސަރުކާރުތެރެއިން ގަދަފަދަ ނުފޫޒެއް އޮންނަ ބަޔަކަށް އެކަންޏެވެ. ދެރަ، ނިކަމެތި ރައްޔިތަކަށް ވެއްޖެ ނަމަ ކިޔަވުމަށް ޕޭލީވު ލިބުމުގެ އުއްމީދު ވަރަށް ވެސް ކުޑައެވެ. ސަރުކާރުގެ މުވައްޒަފުންގެ ތައުލީމީ ގާބިލުކަން ބަލިކަށިވެފައިވަނީ އެކަމުގެ ސަބަބުން ކަމަށް ވެދާނެއެވެ.

ފަސްވަނަ ހަގީގަތަކީ: ދިވެހި އެތަކެއް ޒުވާނުންތަކެއް ޕްރައިވެޓު ސެކުޓަރުގައި ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާތައް އަދާކުރެއެވެ. ސަރުކާރުގެ ވާޖިބަކަށްވާންވާނީ އެ ޒުވާނުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް އަމިއްލަ ޚަރަދުގައި ކިޔަވަން ދާން ބޭނުންވާ މީހުންނަށް ޕޭލީވު ލިބޭނެ އުސޫލެއް ވަޒީފާ ދޭ ފަރާތްތަކަށް ލާޒިމުކުރާ ގޮތަށް ގާނޫނާއި ގަވާއިދު ހެދުމެވެ. ނަމަވެސް އެއީ މިއަދާ ހަމަޔަށް ސަރުކާރު ވިސްނާފައިވާ ކަމެއް ނޫނެވެ.

މިވާހަކައިން ވާސިލުވި ނަތީޖާއަކީ ވަޒީފާގައި ތިބެގެން ޒުވާނުންނަށް އިތުރަށް ކިޔެވޭނެ ހުރިހާ ދޮރުތަކެއް ރާއްޖޭގައިވަނީ އުނދަގޫ ކޮށްފައެވެ. ނުވަތަ ވައްތަރަކަށް ބަންދުކޮށްފައެވެ. ވަކިވަކި ފަރުދަކަށް ވަޒީފާގައި ހުރެގެން އިތުރަށް ކިޔެވުމަށް ޕޭލީވު ލިބިފައިވަނީ ސިޔާސީ ނުފޫޒުގެ ސަބަބުންނެވެ. އާއްމު ނިކަމެތީންނަކަށް އެ ފުރުސަތެއް ނެތެވެ. އެހެންކަމުން ވަޒީފާގައި ތިބެގެން ޒުވާނުންނަށް އިތުރަށް ކިޔެވޭނެ މަގު ފަހިކުރުމަށް ޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހުތަކެއް ގެންނަންޖެހެއެވެ.

ނިންމާލާނީ: އަމިއްލަ ޚަރަދުގައި ތަޢުލީމީ ފެންވަރު މަތިކުރުމަށް ޓަކައި ވީއްލޭ މުވައްޒަފުންނަށް ދޭ ޕޭލީވުގެ ފުރުސަތު މިހާރު ހަނިކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެ މަގު މުވައްޒަފުންނަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް އިލްތިމާސުކުރަމުންނެވެ.