ކްރިސްޓިއަން ޑިއޯރް މަރުކާގެ އަގުބޮޑު އަތްދަބަހެއް ހޯއްދެވީ ކިހިނެތްކަމާމެދު ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔިއޯލްގެ އަނބިކަނބަލުން ކިމް ކިއޮން ހީއާ ސުވާލުކޮށްފިއެވެ.
މިއީ ދެކުނު ކޮރެއާގެ ތާރީހުގައި އެ ގައުމުގެ ފަސްޓް ލޭޑީއަކާ ތަހުގީގީ އިދާރާއިން ސުވާލުކުރި ފުރަތަމަ ފަހަރެވެ.
ސުވާލުކުރުން 12 ގަޑިއިރަށް ދެމިގެންދިޔައެވެ.
މައްސަލައަކަށްވި މި އަތްދަބަހުގެ އަގަކީ 2،239 ޑޮލަރު (34،500ރ.) އެވެ. ސަރުކާރުގެ އޮފިޝަލުންނާއި އެ މީހުން ކައިވެނިކުރައްވައިގެން އުޅުއްވާ މީހުން 750 ޑޮލަރު (11،500ރ.) އަށްވުރެ އަގު ބޮޑު ހަދިޔާ ބަލައިގަތުމަކީ މަނާ ކަމެކެވެ.
ކިމްއާ ސުވާލުކުރީ އިދިކޮޅު ފަރާތްތަކުން އެ ކަމަށް ޕްރެޝަރުކުރީމައެވެ. އެ ފަރާތްތަކުން ތުހުމަތުކުރީ މިއީ ނާޖާއިޒު ފައިދާ ވާ ކަންތައްތައް ކޮށްދެއްވުމަށް ކިމް ބަލައިގަތް ރިޝްވަތެއް ކަމަށެވެ.
މައްސަލަ ހޫނުވީ 2022 ގައި ފާދިރީއެއްގެ އަތުން ކިމް މި އަތްދަބަސް ބަލައިގަތް މަންޒަރު ސިއްރު ވީޑިއޯއަކުން ލީކުވުމުންނެވެ. އެ ފަހަރު ނެގި ޕޯލްތަކުން ދެއްކި ގޮތުގައި ޔޫންގެ މަގުބޫލުކަން 30 ޕަސެންޓަށްވުރެ ދަށަށް ދިޔައެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ވެސް އޭނާއަށް ގެއްލުނެވެ.
"ތަހުގީގަށް ކިމް އެއްބާރުލުން ދެއްވި. ސައްހަ މައުލޫމާތު ދެއްވި،" ކިމްގެ ގާނޫނީ ވަކީލު ޗޮއި ޖި-ވޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކިމްއާ ސުވާލުކުރީ އަތްދަބަސް ލިބުނު ގޮތަކާއި އެ ކަމުގެ ބަދަލުގައި އެއްވެސް ކަމެއް ކޮށްދޭން ފާދިރީ އެދުނުތޯއެވެ.
ކިމްގެ ގާތް މީހަކު ބުނީ އަތްދަބަސް ހަމަ ދިން ދުވަހު އޭތި އެ ފާދިރީއަށް އަނބުރާ ދޭން ކިމް އަމުރުކުރެއްވި ކަމަށެވެ. ނަމަވެސް އެހެން މަސައްކަތްތައް ހުރުމާއެކު އެކަން ފަހުން ހަނދުމަ ނެތުނީ ކަމަށެވެ. އެއަށްފަހު އެ އަތްދަބަސް ބޭނުންނުކޮށް ރިޔާސީ ގަނޑުވަރުގައި ބާއްވައިފައި އޮތީ ކަމަށް ދެކުނު ކޮރެއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ލީކުވެފައިވާ ވީޑިއޯއިން ފެންނަނީ ރިޔާސީ ގަނޑުވަރާ ދުރުގައި ހުންނަ ކިމްގެ އަމިއްލަ އޮފީހެއްގައި ފާދިރީ އަތްދަބަސް ކިމްއަށް ދޭ މަންޒަރެވެ.
"ކީއްވެ މި ކަހަލަ އެއްޗެހި ގެންނަނީ؟ މިއީ ބޭނުން ކަމެއް ނޫނެއްނު،" އުމުރުން 51 އަހަރުގެ ކިމް ވިދާޅުވާ އަޑުއިވެއެވެ.
ވީޑިއޯ ލީކުވުމާ ގުޅިގެން ޔޫންއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިހުނަށްވުރެ ބޮޑަށް ޕްރެޝަރުތައް ކުރިމަތިކުރިއެވެ. ހާއްސަކޮށް ދެކުނު ކޮރެއާގެ އިގުތިސާދީ މައްސަލަތަކާމެދުއެވެ.
ޔޫން ވިދާޅުވީ ކިމްގެ އަތްދަބަހުގެ މައްސަލައަކީ "ސިޔާސީ ރޭވުމެއް" ކަމަށެވެ.
"ކިމް އެ އަތްދަބަސް ބަލައިގަތީ ބަލައިނުގަންނަން ދަތި ކަމަކަށްވުމުން،" ޔޫން ވިދާޅުވިއެވެ.
އޭގެ ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫންވަނީ ކިމްގެ "ދުރުނުވިސްނޭ އަމަލަށް" އާއްމުންގެ ކިބައިން މައާފަށް އެދިވަޑައިގަތްފައެވެ.



advertisment