Support Us

އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ކަމާލާ ހެރިސް ގޮވައިލައްވައިފި

މެދުއިރުމަތީގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ އެމެރިކާއަށް މިހާރު ކުރަމުންދާ ދަތުރުގައި އޭނާއާ އިއްޔެ ބައްދަލުކުރައްވައި މި ގޮތަށް މަޝްވަރާކުރެއްވި ކަމަށް ކަމާލާ ވިދާޅުވިއެވެ.

"އަހަރެންނަށް އެއްޗެކޭ ނުބުނެ މަޑަކުން ނުހުރެވޭނެ. ޣައްޒާގެ އިންސާނިއްޔަތާ ހިލާފު މާހައުލާމެދު ސީދާކޮށް ނަތަންޔާހޫއާ ވާހަކަދެއްކިން،" އަންނަ ރިޔާސީ އިންތިހާބުގައި އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާނެ ކަމަށް ބެލެވޭ ކަމާލާ ވިދާޅުވިއެވެ.

ޣައްޒާގައި ވޭތުވެދިޔަ ނުވަ މަސް ދުވަހު ކަންތައްތައް ހިނގަމުންދަނީ އިންސާނީ ކާރިސާއެއްގެ ގޮތަށް ކަމަށް ކަމާލާ ސިފަކުރެއްވިއެވެ.

"މަރުވެފައިވާ ކުޑަކުދިންގެ މަންޒަރުތަކާއި ބަނޑަށްޖެހިފައިވާ މީހުން ގެދޮރު ނެތި އެއް ތަނުން އަނެއް ތަނަށް އެތައް ފަހަރަކު ބަދަލުވަމުންދާ މަންޒަރުތައް ފެނުނީ،" ކަމާލާ ވިދާޅުވިއެވެ.

އަމިއްލަ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އިސްރާއީލަށް އޮންނާނެ ކަމަށާއި ހަނގުރާމަ ފެށީ ހަމާސްއިން ކަމަށް ކަމާލާ ވިދާޅުވިއެވެ.

"ނަމަވެސް އިސްރާއީލުން އަމިއްލަ ދިފާއުގައި ބޭނުންކުރަނީ ކޮން ކަހަލަ އުކުޅުތަކެއްތޯއާމެދު ފާރަވެރިވާންޖެހޭ. ޣައްޒާގެ އިންސާނީ ހާލަތަށް ފުރަގަހެއް ނުދެވޭނެ. ވޭނާއި އަނިޔާވެރިކަމުން އިހުސާސް ކެނޑިފައި ތިބެވޭކަށް ނެތް. އަހަރެން މަޑަކުން ނުހުންނާނަން،" ކަމާލާ ވިދާޅުވިއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ގޮވައިލައްވަމުން ހަނގުރާމަ ހުއްޓައިލުމަށް ނަތަންޔާހޫއަށާއި ހަމާސްއަށް ކަމާލާ ގޮވައިލެއްވިއެވެ.

"ހަމާސްއިން ރަހީނުކޮށްފައި ތިބި އެންމެން ދޫކޮށްލަން އެއްބަސްވުމަކަށް އަންނަން ގޮވައިލަން. މި ހަނގުރާމަ ވެފައިވަނީ މައުސޫމް އެތައް އާއްމުންނެއް މަރުވެގެން ގޮސްފައިވާ ހަނގުރާމައަކަށް. މިއީ މި ހަނގުރާމަ ހުއްޓައިލަންޖެހޭ ވަގުތު،" ކަމާލާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް