Support Us

ކޮލަމް ގަލަން: ދީނީ ފޮތްތައް ފާސްކޮށްނުދީ ލަސްކުރުމުގައި އިސްލާމީ ވުޒާރާގެ އަމިއްލަ މަސްލަހަތު

އާއްމު ގޮތެއްގައި ހުރިހާ ސަރުކާރެއްގައި ވެސް ދީނީ ފޮތްތައް ފާސްކޮށްނުދީ ލަސްކުރުމުގައި އިސްލާމީ ވުޒާރާގެ އަމިއްލަ މަސްލަހަތު އިސްކުރަމުން ގެންދެއެވެ. އަދި އެކަމުގެ ސަބަބުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހުރަސްއެޅެއެވެ. ދީނީ ފޮތްތައް ފާސްކޮށްނުދީ ލަސްކުރުމުގައި އެއްވެސް ސަރުކާރެއްގެ ސިދާ މަސްލަހަތެއް އޮންނަ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް އެފަދަ ލަސްކުރުމަކީ ދީނީ ހޭލުންތެރިކަން ފެތުރުވުމުގައި އިސްލާމީ ވުޒާރާއިން ގަސްތުގައި ހުރަސް އެޅުމަށް ކުރާ ކަމެއް ކަމަށް ބެލެވެއެވެ. ނުވަތަ ދިވެހިރާއްޖޭގައި ދީނީީ ހޭލުންތެރިކަން ފެތުރުވުމުގައި ދީނީ ވަކި ފިކުރެއް ފެތުރުމަށް ކުރާ ކަމަކަށްވުން ވެސް އެކަށީގެންވެއެވެ. އަދި އިސްލާމީ ވުޒާރާއިން ދައްކާ ބައެއް ސަބަބުތަކާމެދު ވިސްނާލުމުން ފޮތް ފާސްކުރާ މަސްއޫލިއްޔަތު އެޅުވިފައިވާ މީހުންގެ އިލްމީ ގާބިލުކަމާމެދު ވެސް ސުވާލު އުފެދެއެވެ. ކޮންމެއަކަސް މިކަމުގެ ހައްލު ލިބެން ބޭނުންވެއެވެ. އެގޮތުން ފޮތް ފާސްކޮށްނުދީ ހިފެހެއްޓުމުގައި އިސްލާމީ ވުޒާރާއިން ކުރިން ވެސް އަދި މިހާރު ވެސް ދައްކާ ބައެއް ސަބަބުތަކަށް އަވަސް ކަޅިއެއް އެއްލާނަމެވެ.

އެކެއް: ކުރީ ސަރުކާރުގައި "އިސްލާމީ އަޚުލާޤު" ނަމަކަށް ކިޔުނު ފޮތެއް ފާސްކޮށްނުދީ އެ ވަގުތު ދެއްކި ބަހަނާ:

އެ ފޮތް މިހާރު ވަނީ ފާސްކުރެވި އަދި ޗާޕު ވެސް ކުރެވިފައެވެ. ނަމަވެސް އެ ފޮތް ފާސްކުރަން އުޅުނު ދުވަސްވަރު އިސްލާމީ ވުޒާރާއިން އިސްކޮށްފައި ހުރީ އެމީހުންގެ އަމިއްލަ މަސްލަހަތުތަކާއި ދީނީ ވަކި ފިކުރެކެވެ. އެއީ އެއްވެސް ހާލެއްގައި އިލްމީ ހަގީގަތަކަށް ބުރަވެ ކުރި ކަމެއް ކަމަކަށް ނުބެލެވެއެވެ. މައުލޫމާތަށްޓަކައި އެ ވާހަކަ ވެސް ހިއްސާކޮށްލާނަމެވެ. ތަންކޮޅެއް ކުރީގައި އެވާހަކަ އަޅުގަނޑުވާނީ ކޮންމެވެސް ލިޔުމެއްގައި ދައްކައިފަވެސްމެވެ. އެ ފޮތުގައި "ހުކުން" ލިޔުމުގެ ބަދަލުގައި "ޙުކުމް" ލިޔުމަށް އެންގެވިއެވެ. އެކަމަކު ދިވެހި ބަހުން ލިޔާއިރު "ހުކުން" ލިޔެވިދާނެ ކަމަށް ފެނެއެވެ. ބަހުގެ އެކަޑަމީގެ ބަސްފޮތުގައި ވެސް "ހުކުން" އެބަ އޮތެވެ. އަދި "ހަރާން" ލިޔުމުގެ ބަދަލުގައި "ޙަރާމް" ލިޔުމަށް އެންގިއެވެ. އެކަމަކު ދިވެހި ބަހުން ލިޔާއިރު "ހަރާން" ލިޔެވިދާނެ ކަމަށް ފެނެއެވެ. ރަދީފުގައި އެ ބަސް އެ ގޮތަށް އެބައޮތެވެ. އަދި "އިސްލާންދީން" ލިޔުމުގެ ބަދަލުގައި "އިސްލާމްދީން" ލިޔުމަށް އެންގިއެވެ. އެކަމަކު ދިވެހި ބަހުން ލިޔާއިރު "އިސްލާންދީން" ލިޔެވިދާނެ ކަމަށް ފެނެއެވެ. ރަދީފުގައި ވެސް އެ ބަސް އެ ގޮތަށް އެ ބައޮތެވެ. އަދި "ބަހުސް"ގެ ބަދަލުގައި "ބަޙުޘް" ލިޔުމަށް އެންގިއެވެ. އެކަމަކު ދިވެހި ބަހުން ލިޔާއިރު "ބަހުސް" ލިޔެވިދާނެ ކަމަށް ފެނެއެވެ. ރަދީފުގައި ވެސް އެ ބަސް އެ ގޮތަށް އެބައޮތެވެ. ދީނީ ފޮތްތައް ފާސްކޮށްނުދީ ލަސްކުރުމުގައި އިސްވެ ދެންނެވުނު ފަދަ ހުއްޖަތް ދެއްކުމުން ފޮތް ފާސްކުރާ މަސައްކަތުގައި އުޅޭ މީހުންގެ އިލްމީ ގާބިލުކަމާމެދު ސުވާލު އުފެދެއެވެ.

ދޭއް: ކުރީ ސަރުކާރުގައި "އިސްލާމީ އަޚުލާޤު" ނަމަކަށް ކިޔުނު ފޮތް ފާސްކޮށްނުދީ އެ ވަގުތު ދެއްކި ދެވަނަ ބަހަނާ:

އެ ފޮތް ފާސްކުރަން އުޅުނު ދުވަސްވަރު އިސްލާމީ ވުޒާރާއިން އެމީހުންގެ އަމިއްލަ މަސްލަހަތާއި ދީނީ ވަކި ފިކުރެއް އިސްކޮށްފައިވެއެވެ. އެ ވަގުތު "އިސްލާމީ އަޚްލާޤު" ނަމަކަށް ކިޔުނު ފޮތުގައި ހުރި ހުރިހާ އާޔަތްތައް މުސްހަފުލްމަދީނާއިން ނެގުމަށް އަމުރުކުރިއެވެ. ދުނިޔޭގައި އިސްލާމީ އެތަކެއް ގައުމުތަކެއް އޮވެފައި ކީރިތި ޤުރުއާން ލިޔުއްވުމުގައި އެ ގައުމުތަކުގައި ސުންނަތް ޖަމާއަތުގެ ބޭކަލުން އެއްބަސްވާ ފޮންޓުތަކާއި ސޮފުޓްވެއަރ ބޭނުންކުރެވޭއިރު ދިވެހިރާއްޖޭގައި ގާނޫނަކުން ނުވަތަ ގާނޫނެއްގެ ދަށުން ހެދޭ ގަވާއިދަކުން ވަކި ފޮންޓެއް ނެގުމަށް ލާޒިމުކޮށްފައިނުވާ ހާލު އެ ފޮތުގައި ހުރި ހުރިހާ އާޔަތްތަކެއް މުސްހަފުލްމަދީނާއަށް ބަދަލު ކުރެއްވުމަށް އަމުރުކުރެއްވީ ކޮން ސަބަބަކާހުރެ ކަމެއް ނޭނގުނެވެ. އެ މިނިސްޓްރީގެ ދީނީ ފޮތް ފާސްކުރުމަށް އެދޭ ފޯމުގައި ވެސް އޮންނަނީ "ކީރިތި ޤުރްއާނުގެ އާޔަތްތައް مصحف مدينة އިން ނުވަތަ އެފެދަ އެހެން ޤުރްއާންގެ އާޔަތްތަކުގައި ފިލިޖެހޭ ފަދަ ސޮފްޓެވެއަރއަކުން ލިޔެފައި ހުރުމަށެވެ."

އެހެންކަމުން އިސްވެ ދެންނެވުނު ކަންތައްތަކާ މެދު އަދި އެއްފަހަރު ވިސްނައިވަޑައިގަތުމަށް ފަހު ޖަވާބެއް ދެއްވުން އެދި ދެންނެވުމުން ގޮތެއް ދޫނުކުރިއެވެ. ދެއްވީ ވަރަށް ޖައްބާރު ޖަވާބެކެވެ. އެ ޖަވާބުގައިވަނީ "ކުރީން އިސްލާހުކުރުމަށް ދެންނެވިފައިވާ ކަންތައްތައް އިސްލާހުކުރެއްވުމަށް ފަހު ހުށަހެޅުއްވުމަށެވެ." އެފަދަ ޖަވާބުތަކަކީ ގޮތް ދޫނުކުރުމާއި ބޮޑާކަމާއި ނުވަތަ ތަންދޮރުނުފިލުމެވެ. ނުވަތަ ދީން ފެތުރުމަށް ގަސްތުގައި ހުރަސްއެޅުމެވެ. އިސްވެ ދިޔައީ ކުޑަކުޑަ މިސާލެކެވެ. ފޮތްތައް ފާސްކޮށްނުދީ ހިފެހެއްޓުމުގައި ހަގީގަތެއް ނުވާ ނުވަތަ އިލްމީ ދަރަޖައަށް ނުފެތޭ ކޫސަނި ކިތަންމެ ވާހަކައެއް ދައްކައެވެ.

އާދެ! ކުރީ ސަރުކާރުގެ ދުވަސްވަރު ފާސްކުރުމަށް ހުށަހެޅި "ދޭތެރެ ދުރުކުރެވޭ ވަސީލަތްތަކާ އޭގެ އިސްލާމީ ހުކުމް" ނަމަކަށް ކިޔުނު ފޮތް ފާސްކޮށްނުދީ ދެއްކި އެއް ސަބަބަކީ އޭގައި ލިޔެފައި އޮތް "ފާހަނގަ" ލަފުޒުގައި ހުސްނޫނު ކަނޑާލަންޖެހޭ ކަމަށެވެ. ކޮންމެއަކަސް އެކަން އެގޮތަށް ކޮށްފައި ހުށަހެޅުމުން ޖަވާބު ނުލިބިގެން ދެ ވަނަ ފަހަރަށް އަލުން މި ސަރުކާރުގައި، މި އަހަރުގެ ފެބުރުއަރީގައި ވަނީ ހުށަހެޅިފައެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް ޖަވާބެއް ނުލިބެއެވެ. އެހެންކަމުން ތަކުރާރުކޮށް ދަންނަވަންޖެހެނީ އިސްލާމީ ވުޒާރާއިން ފޮތް ފާސްކޮށްނުދީ ލަސްކުރާ އަސްލު ސަބަބަކީ އިސްލާމީ ވުޒާރާގެ ދީނީ ކަންތަކާބެހޭ ބައިގައި އޮންނަ ހަރުކަށި ފިކުރެއްގެ ސަބަބުން ކަމަށެވެ. ޔުނިވަރިސިޓީތަކުގައި ލިޔެވޭ އިލްމީ ތީސީސްތައް ވެސް އެގްޒެމިނަރުންގެ ކޮމެންޓުތައް ބުނެދިނުމާއެކު ފާސްކޮށްދެއެވެ. ނަމަވެސް އިސްލާމީ ވުޒާރާއިން އަމަލުކުރަނީ ސުކުނެއް މަދުވިޔަސް އޭގެ ދެ ފޮތް ޕުރިންޓުކޮށްގެން އަލުންބަލުން ފޯމު ފުރައިގެން ދެވަނަ ފަހަރު ހުށަހެޅުމަށެވެ.

އާދެ! މިފަހަރު ވެސް އަލުންބަލުން ދެ ކޮޕީ ޕުރިންޓުކޮށްގެން ތިންވަނަ ފަހަރަށް ފާސްކުރުމަށް މިއަހަރު ފެބުރުއަރީގައި ހުށަހެޅި ކުރީގެ ފޮތް "ދޭތެރެ ދުރުކުރެވޭ ވަސީލަތްތަކާ އޭގެ އިސްލާމީ ހުކުމް" ނަމަކަށް ކިޔުނު ފޮތް ފާސްކޮށްނުދީ މިހާރު ދައްކާ ސަބަބަކީ "ކޮމިޓީން ނުނިމިގެން އުޅެނީ" ކަމަށެވެ. އެފޮތަކީ އިސްލާމިކު ސްޓަޑީޒުގެ ދާއިރާއިން މާސްޓަރ ޑިގުރީ ހާސިލުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކު ސްޓަޑީޒުގައި 2017 ގައި ފުރިހަމަކުރެވުނު ދިރާސާއަށް ކުޑަ ބަދަލެއް ގެނެސްގެން ތައްޔާރުކުރެވިފައިވާ ފޮތެކެވެ. މި ފޮތުގެ އަސްލު ލިޔުނީ 1996 ގައި ސަރުކާރުން މިޞްރަށް ފޮނުއްވި ދޭތެރެދުރުކުރުމާ ބެހޭ ސްޓަޑީ ޓުވާއެއްގައި ލިބުނު މައުލޫމާތުގެ އެހީގައެވެ. އެހެންކަމުން އެ ފޮތުގައި ހުރި މައުލޫމާތުތަކަކީ މުޖުތަމައަށް ބޭނުންތެރި، އިލްމީ މައުލޫމާތު ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް އެ ފޮތް އޮތީ ކޮމެޓީގައި (ތަޅުލެވިފައި) ކަމަށް ބުނެ ޖަވާބުދާރީވާނެ މީހަކު އިސްލާމީ ވުޒާރައިގައެއް ނެތެވެ.

އާދެ! ކޮމެޓީގެ ނިންމުން ކަމަށް ބުނެ ގާނޫނާ ޚިލާފަށް ކަންކަންކަން މަނާކުރުމަކީ ދާދި ފަހުން ދައުލަތުގެ ބައެއް މުއައްސަސާތަކަށް، ޚާއްސަކޮށް އިސްލާމީ ވުޒާރާއަށް ވެއްދިފައިވާ އިދާރީ ކަރަޕުޝަނެކެވެ. އެހެންކަމުން އެ ފަދަ ކޮމެޓީތަކުގެ ހަގީގަތް ދަންނަވާލާނަމެވެ.

ކޮމެޓީގެ ނިންމުން ކަމަށް ބުނެ ގާނޫނާ ޚިލާފަށް ކަންކަން މަނާކުރުމުގެ ހަގީގަތް

ރައްޔަތުންނަށް ޚިދުމަތްކުރުމުގެ ދޮރު ހުޅުވިފައި ހުންނަނީ ގާނޫނުންނެވެ. އެގޮތުން ގާނޫގައި ކަނޑައަޅާފައިވާ ޝަރުޠު ފުރިހަމަކުރާ ކޮންމެ މީހަކަށް އެކަމެއް ކުރުމުގެ ހުއްދަ ލިބޭގޮތަށް އޮންނަނީ ހަމަޖެހިފައެވެ. އަދި އެ ޚިދުމަތެއް ދިނުމަށް ދައުލަތުން އައްޔަންކޮށްފައިވާ މުވައްޒަފަކު ޚިދުމަތަށް އެދޭ މީހުންނަށް އެކަމުގެ ޖަވާބުދާރީވާންޖެހެއެވެ. ނަމަވެސް ދާދި ފަހުން ދައުލަތުގެ ބައެއް މުއައްސަސާތަކުގައި ކޮމެޓީތައް ގިނަވެއްޖެއެވެ. އެއީ މުޖުތަމައަށް ގެއްލުން ހުރި ވަރަށްވެސް ނުބައި އިދާރީ ފަސާދައެއް (އިދާރީ ކަރަޕު ޝަނެ)ކެވެ. އެ އިދާރީ ފަސާދައިގެ ނުފޫޒުން ރައްޔަތުން އެކިއެކި ކަންކަމުގައި ބޭނުންވާ ގާނޫނީ ހުއްދަތައް ނުދީ ހިފެހެއްޓޭކަން ވެސް ފާހަގަކުރެވެއެވެ. އަދި އިދާރީ މުވައްޒަފުގެ ޖަވާބަކަށް އޮންނަނީ އެއީ ކޮމެޓީގެ ނިންމުން ކަމަށެވެ. ނަމަވެސް ކޮމެޓީން ނިންމިގޮތުގެ ގަރާރެއް، ސޮޔެއް ފެންނާކަށް ނުހުރެއެވެ. އެ ކޮމެޓީގެ ނިންމުމުގެ ހަގީގަތާ ހަމަޔަށް ވާސިލުވުމަކީ ހިނި ރޮނގުގެ ކޮޅު ހޯދަން އުޅުން ކަހަލަ ކަމަކަށް އޮންނަނީ ވެފައެވެ. ގާނޫނީ ގޮތުން އުފެދިފައިވާ ކޮމެޓީއެއް ނަމަ ނިންމި ގޮތުގެ ގަރާރު އެ މީހުންގެ ސޮޔާއެކު ލިބެންޖެހޭނެ ކަމަށް ފެނެއެވެ.

ވޭތުވެދިޔަ ތާރީޚުގައި ދިވެހިން އުޅެމުން ދިޔައީ އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން އެންމެ ރިވެތި ނިޒާމަށެވެ. އެއީ ކޮންމެ ކަމެއްގައި ވެސް ގާނޫނުން މިނުމުގެ އުސޫލެވެ. ނަމަވެސް ދާދިފަހުން ބައެއް މުއައްސަސާތަކުގައި ކޮމެޓީތައް ގިނަވެއްޖެއެވެ. ޚާއްސަކޮށް އިސްލާމީ ވުޒާރާ އޭގެ ނާޖާއިޒު ފައިދާ ނަގަން ދަސްކޮށްފިއެވެ. އިސްލާމީ ވުޒާރާއިން ހައްޖު ކޯޓާއާމެދު އަމަލުކުރި ގޮތަކީ އޭގެ އަލިގަދަ ހެއްކެކެވެ. އަދި ހިތުހުރި ގޮތަކަށް ޒަކާތާމެދު ކަންތައް ކުރާކަމީ ވެސް އޭގެ ހެއްކެކެވެ. ބެލެވޭ ގޮތުގައި މިފަދަ ޣައިރު ގާނޫނީ ކޮމެޓީތައް އުފައްދައިގެން އިދާރީ ފަސާދަ އުފެއްދުމުގެ އެއް ބޭނުމަކަށް ވަނީ އެބަޔަކު އެދޭ ބަޔަކަށް ކަންތައް ކޮށްދީ އަދި ނުރުހޭ ބަޔަކަށް ކޮމެޓީގެ ނިންމުން ކަމުގައި ބުނެ ޚިދުމަތް ނުދީ ހިފެހެއްޓުމެވެ. މިހާރު އިސްލާމީ ވުޒާރާއިން ދީނީ ފޮތް ފާސްކޮށްދިނުމުގައި ޣައިރު ގާނޫނީ ނުފޫޒު ބޭނުންކުރަނީ އެގޮތަށެވެ. ގާނޫނީ ނަޒަރަކުން ބަލައިފި ނަމަ އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ދީނީ ފޮތެއްގައި ހުރި ދީނީ ކުށްތައް ބެލުމަށް ހަވާލުކުރަންޖެހޭނީ ގާނޫނު ބުނާގޮތުން ފަރުދަކާ (މުވައްޒަފަކާ) އެވެ. އޭނާއަށް ދެވިފައިވާ މުއްދަތުގައި އެ ވާޖިބު އަދާނުކޮށްފިނަމަ އޭނާ ޖަވާބުދާރީ ކުރުވަން ގާނޫނު ލާޒިމުކުރެއެވެ. އެއީ ބައިތުލްމާލުން އެކަމަށް އުޖޫރަދޭތީއެވެ.

ނަތީޖާއެއްގެ ގޮތުން ދަންނަވަން އޮތީ ގާނޫނުގައި އުފެއްދުމަށް ލާޒިމުކޮށްފައި ނުވާ އަމިއްލަ ކޮމެޓީތައް އިސްލާމީ ވުޒާރާގައި އުފައްދައިގެން ރައްޔަތުންނަށް ގާނޫނުން ލިބިދީފައިވާ ހައްގުތައް ހުއްދަކުރުމާއި މަނާކުރުމަކީ ޣައިރުގާނޫނީ އަމަލެކެވެ. ތަންފީޒީ އިދާރާތަކަކީ ހެދިފައިވާ ގާނޫނާ އެއްގޮތަކަށް ރައްޔަތުންނަށް ޚިދުމަތްދިނުމަށް ހުންނަ ތަނެކެވެ. އެއީ އެމީހުންގެ އަމިއްލަ މަސްލަހަތާއި ޒާތީ ތައައްސުބަށް ރައްޔަތުންގެ ކަންކަން ހުއްދަކުރުމާއި މަނާކުރުމަށް ތިބޭ ބައެއްނޫނެވެ. ރައްޔަތުންގެ ކަންކަން ހުއްދަކުރުމާއި މަނާކުރުމަށް ބޭނުންވާ ގާނޫނުތައް އުފެއްދުމުގެ ބާރުލިބިފައި ވަނީ ރައްޔަތުންގެ މަޖިލިސަށެވެ.

ހައްލު:

އެކެއް: ދިވެހި ރާއްޖޭގެ އެމް.ކިއު.އޭ.ގެ 10ވަނަ ޖަރަޖައިގެ ސެޓުފިކެޓުތައް ހާސިލްކޮށްފައިވާ ފަރާތްތަކަށް އެ އިލްމެއްގެ މައުލޫމާތު ލިޔުމާއި ކިޔުމާއި ފެތުރުމުގެ މިނިވަންކަން ލިބިދިނުމަށް ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް އިސްލާހެއް ގެނައުން.

ދޭއް: އިސްލާމީ ވުޒާރާގައި ކޮމެޓީ އުފައްދައިގެން ރައްޔަތުންނަށް ގާނޫނުން ލިބިދީފައިވާ ހައްގުތައް ހުއްދަކުރުމާއި މަނާކުރުމުގެ ޣައިރުގާނޫނީ އަމަލު ވަގުތުން ވަގުތަށް ބާޠިލުކުރުން.

ތިނެއް: އިސްލާމީ ވުޒާރާގައި ގާނޫނުން ބޭރުން އުފައްދައިފައިވާ ދީނީ ފޮތްތައް ފާސްކުރާ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާމެދު ވަޒީރު ރައްޔަތުންގެ މަޖިލިސަށް ހާޒިރުކޮށް ޖަވާބުދާރީކުރުވުން.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ކަނޑުކޮސް ވާހަކަ ނުދައްކާ. ވުޒާރާ އަކީ މުއައްސަސާއެއް. އެތާނގެ "އަމިއްލަ" މަޞްލަޙަތެއް ނޯންނާނެ. "އަމިއްލަ" މަޞްލަޙަތު އޮންނާނީ އަމިއްލަ ފަރުދުންގެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *