ހަމާސްއާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކޮންގްރެސްގައި ފުރަތަމަ ފަހަރަށް ތަގުރީރުކުރަމުން އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ތަފުސީލީ ވާހަކައެއް ނުދައްކައި ނިންމާލައިފިއެވެ.
އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުން ބޮއިކޮޓުކުރި އިއްޔެގެ މި ތަގުރީރުގައި ނަތަންޔާހޫ ބުނީ އިސްރާއީލުން ކުރާ ހަނގަރުމާއަކީ އެމެރިކާގެ ވެސް ހަނގުރާމައެއް ކަމަށެވެ.
އެމެރިކާގެ އާއްމު ރައްޔިތުން ނަތަންޔާހޫގެ މި ތަގުރީރާ ދެކޮޅަށް މުޒާހަރާކުރަމުންދަނިކޮށް އޭނާ ބުނީ މުޒާހަރާކުރުންތެރިންނަކީ އިރާންގެ "ޔޫޒްފުލް އިޑިއޮޓްސް" ނުވަތަ އިރާންގެ "ބޭނުންހިފޭ ސޭކުން"ކަމަށެވެ.
ކޮންގްރެސްގައި ތަގުރީރުކުރަން ފުރުސަތު ދެނީ ހާއްސަ މެހެމާނުންނަށް ކަމަށްވާއިރު ހަމާސްއާ ކުރަމުންދާ ނުވަ މަސް ވީ ހަނގުރާމަ ހުއްޓައިލާނީ ކިހިނެތްކަމާމެދު ނަތަންޔާހޫ ތަފުސީލެއް ނުދިނެވެ.
"އަހަރެމެން އިސްރާއީލުން ބޭނުންވަނީ ހަމާސްގެ މައްޗަށް ފުރިހަމަ ކާމިޔާބެއް،" ހަނގުރާމަ ހުއްޓާލުމަށާއި ހަމާސްއިން ރަހީނުކޮށްފައިވާ ޔަހޫދީން ސަލާމަތްކުރުމަށް އެތައް ބަޔަކު ކުރަމުން އައި އުއްމީދުތަކުގައި ކޮޅުފައިންޖަހަމުން ނަތަންޔާހޫ ބުންޏެވެ.
"އަހަރެމެން މި ރައްކާތެރިކުރަނީ އަހަރެމެންގެ މަސްލަހަތު އެކަންޏެއް ނޫން. ތިޔަ ފަރާތްތައް ވެސް ރައްކާތެރިކުރަމުން މިދަނީ. އަހަރެމެންގެ ދުޝްމަނުންނަކީ ހަމަ ތިޔަ ފަރާތްތަކުގެ ދުޝްމިނުން. އަހަރެމެންގެ ހަނގުރާމައަކީ ތިޔަ ފަރާތުގެ ހަނގުރާމައެއް. އަދި އަހަރެމެންގެ ކާމިޔާބީވާނީ ހަމަ ތިޔަފަރާތްތަކުގެ ކާމިޔާބީއަކަށް،" ފޯރިއަރައިގެން ގޮސް އަޑުގައިނެތްތަނަށް ނަތަންޔާހޫ ހަޅޭއްލަވައިގަތެވެ.
ޣައްޒާގައި މިހާރު 39،000 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައިވާއިރު ފަލަސްތީނު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީއާ ބެހޭ ގޮތުން ނަތަންޔާހޫ ވަކި އެއްޗެކޭ ނުބުނެއެވެ. ނަމަވެސް ފަލަސްތީނު ރައްޔިތުންނަށް ބައިނަލްއަގުވާމީ މުޖުތަމައުން ފޯރުކޮށްދޭ އެހީއަށް އިސްރާއީލުން ހުރަސްއަޅާކަމަށްކުރާ ތުހުމަތުތަކާ އޭނާ ދެކޮޅުހެދިއެވެ. އެއާހިލާފަށް އޭނާ އެމެރިކާއަށް ގޮވައިލީ ހަމާސް ބަލިކުރަންކަމަށް ބުނެ ކުރާ ހަނގުރާމައަށް އެމެރިކާއިން ދެމުންގެންދާ އަސްކަރީ އެހީ ދިނުމުގެ ދުވެލި މިހާރަށްވުރެ އަވަސްކުރުމަށެވެ.
"އަސްކަރީ އާލާތްތައް އަހަރެމެންނަށް (އިސްރާއީލަށް) ދީ. އެއިރުން އަހަރެމެން މި ކުރާ (ހަމާސް ބަލިކުރުމުގެ) މަސައްކަތް އަވަހަށް ނިންމައިލައިނަން،" ނަތަންޔާހޫ ބުންޏެވެ.
އޭނާ ބުނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން "ހިތުގެ އަޑިން އިސްރާއީލަށް ތާއީދުކުރައްވާތީ" އެ ކަމަށް ޝުކުރުވެރިވާކަމަށެވެ. އަދި ދެވަނަ ރިޔާސީ ދައުރަކަށް ކުރިމަތިލައްވައިފައިވާ ޑޮނަލްޑް ޓްރަމްޕް ކުރިން ރައީސްކަމުގައި ހުންނެވިއިރު އިސްރާއީލަށް ކުރެއްވި ތާއީދަށް ވެސް ޝުކުރުވެރިވާކަމަށެވެ.
ހަމާސްއާ ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން އިސްރާއީލުން ހަމާސްއާ ދައްކަމުންދާ ސުލްހައިގެ ވާހަކަތަކާ ބެހޭ ތަފުސީލު މައުލޫމާތު ނަތަންޔާހޫ ކޮންގްރެސްއަކަށް ނުދިނެވެ. ހަމައެކަނި ބުނިހާ ވެސް ވާހަކައަކީ ރަހީނުކޮށްފައިވާ ޔަހޫދީން ދޫކޮށްލުމުގެ މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
ހަނގުރާމަ ނިމުމުން ޣައްޒާ އަލުން އާރާސްތު ނުކުރާނެ ކަމަށް ނަތަންޔާހޫ ބުންޏެވެ.
"ނަމަވެސް ޣައްޒާގައި އަސްކަރީ އާލާތްތައް ގެންގުޅުމާއި ދީނީ ގޮތުން ހައްދުފަހަނަޅާ ދިޔުން ހުއްޓުވާނަން،" އޭނާ ބުންޏެވެ.
ނަތަންޔާހޫ ބުނީ އިސްރާއީލުން ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅު އެމެރިކާގެ ދަރިވަރުންނަކީ "ހަމާސްއާ އެއްކޮޅަށް އަރައި، ނުބައި މަގަށް ތާއީދުކުރާ މީހުން" ކަމަށެވެ.
ނަތަންޔާހޫގެ ތަގުރީރަށް ރިޕަބްލިކަން ޕާޓީގެ މެންބަރުން ކޮޅަށް ތެދުވެ އަތްތިލަބަޑި ތަޅައިގަތެވެ. ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ދެބައިކުޅައެއްބައި މެންބަރުން ކަހަލަ ގޮތަކަށް ވަނީ ނަތަންޔާހޫގެ މި ތަގުރީރު ބޮއިކޮޓްކޮށްފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ކުރީގެ ރައީސް ނޭންސީ ޕެލޯސީ ހިމެނިވަޑައިގަތެވެ.



advertisment