އާބާދީގައި 120 މިލިއަން މީހުން ހިމެނޭ ގައުމެއް ކަމަށްވާ އެފްރިކާގެ އިތިއޯޕިއާގައި ކިސަޑު ފޭބުމުގެ ސަބަބުން މަދުވެގެން 229 މީހުން މަރުވެއްޖެއެވެ.
އިތިއޯޕިއާއަށް މި ހަފުތާގައި ކުރިމަތި މިވީ މީގެ ކުރިން ކުރިމަތި ނުވާހާ ސީރިއަސް ކިސަޑު ފޭބުމުގެ ހާދިސާއެއް ކަމަށްވެއެވެ.
ކެންޗޯ ޝާޗާ ގޮޒްޑީ އަވަށުގެ އޮފިޝަލުން އިއްޔެ ވިދާޅުވީ މީހުން މަރުވި އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ ސަލާމަތްވުން އެކަށީގެންވާ މީހުން ހޯދަމުން ދަނީ އުދައްޔާއި އަތުން ބިން ކޮނެގެން ކަމަށްވާތީއެވެ.
އާދީއްތަ ދުވަހު ކުރިމަތިވި ކިސަޑު ފޭބުމުގެ ހާދިސާގައި ދިރިހުއްޓައި ވަޅުލެވުނު މީހުން ސަލާމަތްކުރަން އުޅުނު މީހުންވަނީ އިއްޔެ ހިނގި ކިސަޑު ފޭބުމުގެ ހާދިސާގައި ދިރިހުއްޓައި ވަޅުލެވިފައެވެ. މަރުވި މީހުންގެ އަދަދު ރެކޯޑު އަދަދަކަށް އެރީ މިހެންވެ ކަމަށްވެއެވެ.
"އެއްވެސް ހަބަރެއް ނުވާ އެތައް ބަޔަކުވޭ،" ކާރިސާތަކާ ގުޅޭ އެޖެންސީއެއްގެ ޑައިރެކްޓަރު މާކޮސް މެލީޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިރިތިއްބާ ފެނުނު ބައެއް ކުޑަކުދިން ތިބީ މަރުވެފައިވާ އެ ކުދިންގެ މަންމަ އާއި ބައްޕަ އާއި އެއްބަނޑު އެއްބަފާ މީހުންގެ ގައިގައި ބައްދައިލައިގެން ކަމަށެވެ.
"ބައެއް ކުދިންގެ މުޅި އާއިލާ ނެތިގެން ގޮސްފައިވޭ،" މާކޮސް ވިދާޅުވިއެވެ.
އިތިއޯޕިއާގައި ހުންނަ އެފްރިކާ އިއްތިހާދު ކަމަށްވާ އެފްރިކަން ޔުނިއަން ކޮމިޝަންގެ ޗެއާޕާސަން މޫސާ މުހައްމަދު ވިދާޅުވީ އެފްރިކާގެ ހަމްދަރުދީވަނީ ގެއްލުން ލިބުނު އާއިލާތަކާއެކު ކަމަށެވެ.
"އަހަރެމެންގެ ހިތާއި ދުއާވަނީ ނޭދެވޭ އަސަރުކޮށްފައިވާ އާއިލާތަކާއެކު. އިތިއޯޕިއާގެ ރައްޔިތުންނާއި ސަރުކާރާއެކު. ގެއްލުނު މީހުންނާއި ގެދޮރު ނެތުނު މީހުންނަށް ވަމުންދާ އެހީއަށް އަހަރެމެން ފުރިހަމައަށް ތާއީދުކުރަން،" މޫސާ ވިދާޅުވިއެވެ.
މިދިޔަ އެޕްރިލް އާއި މެއި މަހާ ދޭތެރޭގައި ކުރި މޫސުމީ ވިއްސާރައިން ކުރިމަތިވި ފެންބޮޑުވުމުގެ ސަބަބުން އިންފްރާސްޓްރަކްޗަރަށް ގެއްލުން ލިބި 1،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ނެތިގެންދިޔަ ކަމަށް އދ.އިން ބުންޏެވެ.
މީގެ ކުރިން 2016 ގައި ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން 41 މީހުން މަރުވިއެވެ.
އިތިއޯޕިއާގެ އިތުރުން އެފްރިކާ ބައްރުގެ އިރުމަތީގައިވާ ގައުމުތަކަށް މޫސުމީ ބަދަލުގެ ނޭދެވޭ އަސަރުތައް ވަނީ ކުރަން ފަށައިފައެވެ. އެ ގޮތުން ހަނަފަސްވުމާއި ފެންބޮޑުވުމުގެ ހާދިސާތަކުގެ އަސަރު ކުރިއަށްވުރެ މިހާރު ބޮޑެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާދަޔާހިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އެތައް ހާސް ބައެއްގެ ގެދޮރުވަނީ ނެތިގެންގޮސްފައެވެ.



advertisment