ޒުވާން އުމުރުގައި ކުރިމަގަށް ނުވިސްނައި އެތައް ކަންތައްތަކެއް އަހަރެމެން ކުރަމުއެވެ. ހަޔާތުގެ މެދަކާ ހިސާބަށް އަންނައިރު ބައެއް ފަހަރު މި ނިންމުންތައް ހިތާމަވެރި ކަންތައްތަކަށް ބަދަލުވެއެވެ. މި ބަލައިލަނީ މި ކަހަލަ 13 ކަމަކަށެވެ:
1. "ނުބައި" މީހަކާ ކައިވެނިކުރުން:
ކައިވެނިކުރަނީ ކޮން ސަބަބަކާ ހުރެތޯ ޒުވާން އުމުރުގައި އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ. ތިބާގެ ރަހްމަތްތެރިންގެ ދިރިއުޅުން ނަކަލުކުރަން ނުވަތަ އިޖުތިމާއީ ކުރިއެރުމަށް ވިސްނައިފައި ނުވަތަ އެހެންވެސް އެއްވެސް ކަހަލަ ޕްރެޝަރަކާ ހެދި ކައިވެނި ނުކުރާށެވެ. ލޯތްބަށްޓަކައި ކައިވެނިކުރާށެވެ. "ރަނގަޅު" މީހާއާ އިންނާށެވެ. ތިބާގެ "ބެސްޓް ފްރެންޑް" ނުވަތަ އެންމެ ގާތް ރަހްމަތްތެރިޔާއާ ކައިވެނިކުރާށެވެ. "ނުބައި" މީހަކާ "ނުބައި" ސަބަބަކާ ހުރެ ކައިވެނިކޮށްފި ނަމަ ތިބާގެ މުޅި ހަޔާތުގައި އޭނާ ބަރުދާސްތުކުރަން ޖެހޭނެއެވެ. ތިޔަ ދެމަފިރިންގެ ދޭތެރޭގައި އެކިއެކި މައްސަލަތައް ޖެހި ކަންތައްތައް ގޯހުން ގޯހަށް ދާނެއެވެ. ޑިޕްރެޝަން، ޖިސްމާނީ އަނިޔާ، ބޭވަފާތެރިކަން، ވޭން، ލަދުގަތުން، ކޯޓަށް ދިއުން، އަދި ދިރިއުޅުމުގެ ހިތިކަން ހަޔާތުގެ މެދުތެރެއިން ތަހައްމަލުކުރަން ޖެހިދާނެއެވެ. ތިބާ އިހުތިޔާރުކުރީ "ނުބައި" މީހެއް ކަމަށްވަނީ ނަމައެވެ. ދަރިން ލިބިފައިވާ ނަމަ ކަންތައްތައް އަދި މާ ގޯސްވާނެއެވެ. އެހެންކަމުން "ރަނގަޅު" ބައިވެރިއަކު ހޯދަން ޒުވާން އުމުރުގައި ރަނގަޅު ނިންމުމެއް ނިންމާށެވެ.
2. ގެއްލުވައިލި ފުރުސަތުތައް:
ޒުވާން އުމުރުގައި ގިނަ "ދޮރުތައް" ހުޅުވޭނެއެވެ. ތިބާއަށް ގިނަ ފުރުސަތުތައް ލިބޭނެއެވެ. ޒުވާން އުމުރުގެ ގިނަ މީހުން މި ފަދަ ފުރުސަތުތައް ދޫކޮށްލައެވެ. ބިރުންނެވެ. ކަންނެތްކަމުންނެވެ. ނުވަތަ އަމިއްލަ ނަފުސާމެދު ފަހުރުވެރިވެވޭތީއެވެ. ޒުވާންކަމާއި ހަކަތަ ހުންނަ ޒަމާނަކީ މަސައްކަތެއް ފަށަން އަދި ތިބާގެ އައިޑެންޓީ ނުވަތަ ނަމެއް ގާއިމުކުރަން އެންމެ ރަނގަޅު ވަގުތެވެ. ބައެއް މީހުންނަށް ހީވަނީ ލިބޭ ފުރުސަތުތަކަކީ ބަރުދާސްތުކުރެވޭ ވަރަށްވުރެ ބޮޑެތި ކަންތައްތަކެއް ކަމަށެވެ. ނަމަވެސް ފުރުސަތުތަކުގެ ފައިދާ ނުވަތަ "އެޑްވާންޓޭޖް" ނަގާށެވެ. އެހެން ނޫނީ މުސްކުޅިވާ ދުވަހު ބޭނުންވާނީ އަނބުރާ ގޮސް އެ ގެއްލުނު ފުރުސަތުތަކުގެ ބޭނުން ހިފާށެވެ.
3. އަންދައިލި ބްރިޖްތައް:
ޒުވާންއިރު އަހަރެމެންނާއި އެހެން މީހުންނާ ދޭތެރޭގައި އޮންނަ ގުޅުންތަކާމެދު ސަމާލުކަން ދެނީ ކުޑަކޮށެވެ. ގިނަ މީހުން ވިސްނަނީ ފައިސާ ހޯދުމަށާއި ކާމިޔާބުގެ ހަރުގަނޑަށް އަރާށެވެ. ކިތައްމެ ގެއްލުމެއް ލިބުނަސްމެއެވެ. ގިނަ މީހުން އެހެން މީހުންގެ "ގަޔަށް ފައިންއަރައިގެން" ވެސް އެ މީހެއްގެ އަމިއްލަ ހަޔާތް ތަރައްގީ ކުރެވޭތޯ މަސައްކަތްކުރެއެވެ. އެހެން މީހުންނާ އެ މީހުންނާ ދޭތެރޭގައި އޮންނަ ގުޅުންތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެ ފަދަ ގުޅުންތައް ހަލާކުކޮށްލައެވެ. އަމިއްލަ އެދުމަށްޓަކައި މީހުންނާއެކު ޖިންސީ ގުޅުން ހިންގައެވެ. ކުރިމަގުގައި މި ނުބައި އަމަލުތައް ތިބާއާ އަރާ ހަމަކުރާނެއެވެ. ލޯތްބާއި ރަހްމަތްތެރިން ނެތުމުން ހަޔާތަކީ ކިހާ ހުސް އެއްޗެއްކަން އެ ދުވަހުން އިހުސާސްކުރެވޭނެއެވެ. އެއީ ތިބާއަށް ކާމިޔާބީތައް ލިބުނަސް ތިބާގެ ގާތުގައި އެއްވެސް މީހަކު ނެތުމުން ނުވަތަ ތިބާއަށް އިތުބާރުކުރާ މީހަކު ނެތުމުންނެވެ.
4. މައިންބަފައިންނަށް ބައިލައިލި ރުޅިގަނޑު:
ޒުވާންއިރު މައިންބަފައިންނަށް ތިބާގެ ނުރުހުން އަމާޒުކުރުމަކީ ފަސޭހަ ކަމެކެވެ. އެ މީހުންނަށް އެނގޭނީ ކޮން އެއްޗެއް ހެއްޔޭ ތިބާގެ ހިތަށް އަރާނެއެވެ. އެ މީހުންނަކީ މުސްކުޅި ހިޔާލުގެ މީހުން ކަމުގައި ތިބާ ދެކޭނެއެވެ. ނަމަވެސް މައިންބަފައިންނަކީ ކޮންމެ ކަހަލަ ސިފައެއްގެ ބައެއް ކަމަށް ވިޔަސް، އަދި ތިބާ އެ މީހުންނާ ދެބަސްވާ ނަމަވެސް، އެ މީހުންވާނީ ހަމަ ތިބާގެ މައިންބަފައިންނަށެވެ. އެ މީހުން މި ދުނިޔެ ދޫކޮށްދަނީ ތިބާއާ ގުޅުން ކެނޑިފައިވަނިކޮށް ކަމަށް ނުހަދާށެވެ. މައްސަލަ ޖެހިފައިވާ ނަމަ ގުޅުން ރަނގަޅުކުރާށެވެ. ތިބާއާ ގާތްގުޅުމެއް ބާއްވަން ތިބާގެ މައިންބަފައިން ބޭނުންވީ ކީއްވެގެންކަން ތިބާގެ އުމުރުން ދުވަސްވުމުން ތިބާއަށް ވިސްނޭނެއެވެ. ތިބާގެ އުމުރުން ދުވަސް ވާވަރަކަށް، މައިންބަފައިންގެ އަގުބޮޑުކަން އިހުސާސްކުރެވޭނެއެވެ.
5. ތިބާ ދޫކޮށްލި ދަރިފުޅު:
ތިބާއަކީ ޒުވާން ފިރިހެނަކަށްވެފައި އަންހެނުން ދަރިމައިކޮށްލީއެވެ. ދެން އޭނާ ބަލިވެއިން ވާހަކަ ތިބާގެ ގާތުގައި ބުނުމުން ތިބާ އޭނާ އާއި ތިބާގެ ދަރިފުޅު ދޫކޮށްލައިފައި ދުވެފިލީއެވެ. ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން ތިބާގެ އުމުރުން ފަންސާހަކަށް އަހަރަށް އެޅުމުން ތިބާއަކީ ޒިންމާދާރު މީހަކަށް ވެވުނު ނަމައޭ ހިތަށް އަރާނެއެވެ. ތިބާއަކީ "ފިރިހެނެއްކަން" ދައްކައިލައި އެ ލިބުނު ދަރިފުޅުގެ ބައްޕައެއްގެ ދައުރު އަދާކުރެވުނު ނަމައޭ ހިތަށް އަރާނެއެވެ. އެ ކުއްޖާގެ ހަޔާތް ކާމިޔާބުވެ އަދި އެ ގޮތުގައި އޭނާ ބޮޑުވިޔަސް އޭނާގެ ހަޔާތުގެ މައްޗަށް ތިބާގެ އެއްވެސް ބަހެއް ނޯންނާނެއެވެ. ސަބަބަކީ އެންމެ ފުރަތަމައިން ވެސް ތިބާ އޭނާ ދޫކޮށްލުމުންނެވެ. އެ ދަރިފުޅާ ވަކިން ދިރިއުޅެ، އެ ދަރިފުޅު ބަލަން ހަރަދު ނުދީ، އެ ދަރިފުޅާމެދު އިހުމާލުވުން ތިބާ އިހުތިޔާރުކުރުމުން އެ ކަމާ ދެރަވާނެއެވެ.
6. ތިބާ "ހަލާކު"ކޮށްލި ކައިވެނި:
ތިބާ ރަންކިއި ރަނގަޅު މީހަކާ ކައިވެނިކުރީއެވެ. ޒަވާޖީ ހަޔާތުގެ ފުރަތަމަ މަސްތައް ދިޔައީ ވަރަށް ރަނގަޅަށެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއް ފަހުން ތިބާގެ ފައިސާ އާއި ޖާދުލުގައި ޖައްސައި އެހެން މީހުންނާ ކައިވެނިން ބޭރުގައި ގުޅުން ބާއްވަން ފެށީއެވެ. ތިބާގެ ބައިވެރިޔާއަށް ބޭވަފާތެރިވީއެވެ. އެ ގޮތަށް ކަންތައް ނުކުރުމަށް ތިބާގެ ބައިވެރިޔާ އާދޭސްކުރިއެވެ. ތިބާގެ ދަރިންނަށް އެ ކަމުން ވޭން އަޅަން ފެށުމުންނެވެ. ތިބާގެ ކައިވެނި "ހަލާކު"ވާން ފެށުމުންނެވެ. އެއްވެސް ރަނގަޅެއް ނެތް ވަގުތީ އުފަލަކަށްޓަކައި ތިބާގެ އޮތް ރަނގަޅު ކައިވެނި ހަލާކުކޮށްލެވުނު ކަމީ ކިހާ މޮޔަކަމެއްކަން ތިބާގެ އުމުރުން ދުވަސްވުމުން ތިބާގެ ހިތަށް އަރާނެއެވެ. ތިބާގެ ބައިވެރިޔާއަށާއި ދަރިންނަށް ދިން ގެއްލުން ތިބާއަށް އެނގޭނެއެވެ.
7. މާތްކަލާނގެއާ ދުރުވުން:
އުމުރުން ދުވަސްވުމުން ތިބާގެ ބުއްދި ރަނގަޅުވާނެއެވެ. ތިބާގެ ހަޔާތް ކުރިއަށްވުރެ މާނަވީ ގޮތެއްގައި ފެންނަން ފެށުމުން މާތްކަލާނގެ ވޮޑިގެންވުމުގެ ހަގީގަތް މާ ރަނގަޅަށް އިހުސާސްކުރެވޭނެއެވެ. ނަމަވެސް އެ ކަލާނގެއާ ރަނގަޅު ގުޅުމެއް ބޭއްވުމަށް ތިބާގެ އުމުރުން ދުވަސް ވަންދެން މަޑުނުކުރާށެވެ. މާތްކަލާނގެއާ މެދު ޒުވާން އުމުރުގައި ވެސް ވިސްނާށެވެ. ތިބާގެ ކުރިމަގު މާތްކަލާނގެ ރަހުމަތުގައި ތަރައްގީކުރާށެވެ. ޒުވާން އުމުރުގައި މާތްކަލާނގެއަށް އުރެދިފައި، ހަމައެކަނި މުސްކުޅިވުމުން އެ ކަލާނގެއަށް ކުއްތަން ވުމަށް ދުވެނުގަންނާށެވެ.
8. ޖިސްމު ހަލާކުކޮށްލުން:
މުޅި ހަޔާތުގައި ވެސް ދިރިއުޅެން ތިބާއަށް ލިބޭނީ އެންމެ ހަށިގަނޑެކެވެ. ދުންފަތާއި ބަނގުރަލާއި މަސްތުވާތަކެއްޗާއި ފައިދާއެއް ނެތް ކާބޯތަކެތިން ތިބާގެ ޖިސްމު މަޑުމަޑުން ހަލާކުކުރަމުންދާނެއެވެ. ތިބާގެ އުމުރުން 50 ގެ އަހަރުތަކަށް އެޅި، ލައިފްސްޓައިލުގެ ސަބަބުން ޖެހޭ ބަލިތައް ބަރުދާސްތުކުރަން ޖެހުމުން، ޒުވާން އުމުރުގައި ހަށިގަނޑު ފަރުވާތެރިކަމާއެކު ބެލެހެއްޓުނު ނަމައޭ ހިތަށް އަރާނެއެވެ. ގިނައިން ކަސްރަތު ކުރެވުނު ނަމައޭ ހިތަށް އަރާނެއެވެ. ނަމަވެސް އެހާތަނުން ތިބާގެ ހަށިގަނޑަށް ވާނެ ގެއްލުމެއް އޮންނާނީ ވެފައެވެ.
9. ގެއްލުވައިލި ވަގުތުތައް:
ބޭކާރު ފިކުރުތައްކުރުމާއި "ނުބައި" ގުޅުންތައް ބޭއްވުމާއި ކަންނެތްކަމާއި ހަރަކާތްތެރިކަން ކުޑަވުމާއި ކަންތައްތަކާމެދު އުޒުރުތައް ދެއްކުމާއި މާނައެއް ނެތް ކަންތައްތަކުގެ ފަހަތުން ދުވުމުން، އެ ގެއްލުނު މުހިންމު ވަގުތުތަކަކީ ދުވަހަކު ވެސް އަނބުރާ ލިބޭނެ ވަގުތުތަކެއް ނޫނެވެ.
10. ގެއްލުވައިލި ހުވަފެންތަކާއި ދޫކޮށްލި ހުނަރުތައް:
ޒުވާން އުމުރުގައި ތިބާގެ ހުނަރުތަކެއް ހުރި ހެއްޔެވެ؟ ތިބާ ކުރަން ލޯބި ހުރި ކަންތައްތަކެއް ވި ހެއްޔެވެ؟ އެ ކަންތައްތައް ކުރަން ތިބާ މޮޅު ހެއްޔެވެ؟ އެ ހުނަރުތައް ކުރިއަރުވާށެވެ. އޭގެ ފުރިހަމަ ފައިދާ ނަގާށެވެ. ހުރަސްތަކާ ކުރިމަތިވި ނަމަވެސް އެ ކަންތައްތައް ދޫނުކޮށްލާށެވެ. ތިބާގެ ހުވަފެންތައް ގެއްލުވައިނުލައިށެވެ. އެ ހުނަރުތަކާއި ހުވަފެންތައް ދޫކޮށްލައިފި ނަމަ ތިބާގެ އުމުރުން ދުވަސްވުމުން ތިބާގެ ރަހްމަތްތެރިން އެ މީހުން ލޯބިކުރި ކަންތައްތައް ތަރައްގީކުރި ގޮތް ފެނިފައި ތިބާގެ ނަފުސަށް ތިބާ ހިތަށް އަރާނެއެވެ: "އަހަރެންނަށް ވެސް އެ ފަދަ މީހަކަށް ވެވުނީހެވެ." ރަނގަޅު މަސައްކަތާއި ކެރިއަރެއް ބިނާކޮށް، ކިޔަވާހިތްވާ މާއްދާއެއް ކިޔަވާށެވެ. ތިބާ އުފާނުކުރާ ދާއިރާއެއްގައި ހަޔާތުގެ އަހަރުތައް ބޭކާރުނުކޮށްލާށެވެ.
11. ތިބާގެ ރީތި ނަން ނުކަތިލުން:
އުމުރުން ދުވަސްވުމުން ރީތި ނަމެއް ނުވަތަ "ރެޕިއުޓޭޝަން"ގެ މުހިންމުކަން ތިބާއަށް އިހުސާސް ކުރެވޭނެއެވެ. ތިބާގެ ނަމުގެ އަގު މުހިންމުވާނެއެވެ. ތިބާގެ ރީތި ނަމަކީ ކޮބައިތޯ އަމިއްލަ ނަފުސާ ސުވާލުކުރާނެއެވެ. ތިބާ ދުނިޔެއަށް ދޫކޮށް ދަނީ ކޮން އެއްޗެއް ނުވަތަ ކަމެއްތޯ ސުވާލުކުރާނެއެވެ. ތިބާ ދޫކޮށްފައި ދާ މި ފަދަ "ލެގަސީ"އަކީ ތިބާގެ ޒުވާން އުމުރުން ފެށިގެން ތިބާގެ މުޅި ހަޔާތުގެ އެކިއެކި ބައިބައި އެއްކޮށްލުމުން ފެންނަން ހުރި އެއްޗެއްސެވެ. އަހަރެމެންގެ "ބަޔޯގްރަފީ" ނުވަތަ ހަޔާތުގެ ނާމާ އަހަރެމެން ލިޔަނީ އަހަރެމެން ކޮންމެ ދުވަހަކު ދިރިއުޅޭ ގޮތުގެ މައްޗަށެވެ. ފަސްއެނބުރި ތިބާގެ ފަސްމަގަށް ބަލައިލުމުން ފެންނަނީ ތިބާގެ ނަމަށް ތިބާ ކިސަޑު ޖަހައިފައިވާ މަންޒަރާއި ތިބާ އަމިއްލަ ނަފުސު ލަދުގަންނަވައިލި ކަންތައްތަކާއި މީސްތަކުންގެ ތަރައްގީއަށް ދިން މާބޮޑު އަގެއްނެތް ހިއްސާއެއް ކަމަށް ވަނީ ނަމަ، ތިބާ މި ކަންތައްތަކާ ހިތާމަކުރާނެއެވެ.
12. ގެއްލުވައިލި މުއްސަނދިކަން:
ތިބާގެ އުފެއްދުންތެރި އަހަރުތަކުގައި ތިބާ ދިރިއުޅެނީ ރަނގަޅު މުއްސަނދިކަމެއްގެ މަތީގައި ހެއްޔެވެ؟ ރަނގަޅު އާމްދަނީއެއް ލިބޭ ހެއްޔެވެ؟ އެ ގޮތުން ލިބޭ ފައިސާ ކްލަބިންއަށާއި ގޮތެއްފޮތެއް ނެތް ހަރަދުކުރުމަށާއި ބޭކާރު ގޮތުގައި ބާޒާރުކުރުމަށް ހޭދަނުކުރާށެވެ. އެ ލިބޭ ފައިސާ އިންވެސްޓްކުރާށެވެ. ލިބޭ އާމްދަނީ ފުޅާކުރާށެވެ. ހަޔާތުގެ ކަންކަން ހަމަޖެއްސުމަށް ބޭނުންކުރާށެވެ. މުސްކުޅިވާ ދުވަހުގެ ހަރަދުތަކަށްޓަކައި އެ ފައިސާ ރައްކާކުރާށެވެ. ތިބާގެ ލޯބިވާ މީހުންނަށް ތަރިކަ މުދަލެއްގެ ގޮތުގައި ބަހައްޓާށެވެ. ފަހުން ދެރައެއް ނުލިބޭނެ ގޮތަކަށް ކަންތައް ކުރާށެވެ.
13. ހަގީގީ ލޯބިވި މީހަކު ދޫކޮށްލެވުން:
ތިބާގެ ހަޔާތުގައި ތިބާ ދެކެ ރަނގަޅު ގޮތުގައި ލޯބިވި މީހަކު އެބަހުރި ހެއްޔެވެ؟ އެ މީހާ ދުރަށް ނުލާށެވެ. އެހެން ނޫނީ އޭނާ ތިބާގެ ހަޔާތުން ނިކުމެގެން ހިނގައިދާނެއެވެ. އަދި ފަހަރުގައި ވާގޮތަކުން އެފަދަ ދެވަނައެއް ނެތް މީހަކު ނުލިބިދާނެއެވެ. ތިބާއާ އެއް އިހުސާސްތަކެއް ގެންގުޅޭ މީހަކާ ދިމާނުވެދާނެއެވެ. އެއިރުން ތިބާ އަބަދުވެސް އަމިއްލަ ނަފުސާ ކުރާނެ ވޭނީ ސުވާލަކީ: "އޭނާއާއެކު އަހަރެން އަދިވެސް ހުރި ނަމައެވެ."
އިތުރު ފިލާވަޅުތަކެއް:
ހ. އެއްބަނޑު އެއްބަފާ މީހެއްގެ އަގު ވަޒަންކުރަން ބޭނުން ނަމަ، އެއްބަނޑު އެއްބަފާ މީހެއް ނެތް މީހެއްގެ ގާތުގައި އެއްބަނޑު އެއްބަފާ މީހަކު ނެތްކަން އިހުސާސްކުރެވެނީ ކިހިނެތްތޯ ސުވާލުކުރާށެވެ.
ށ. 10 އަހަރުގެ އަގަކީ ކޮބައިކަން ފަހުމްވެލަން ވަރިވެފައިވާ ދެމަފިރިންގެ ގާތުން އެ ސުވާލުކޮށްލާށެވެ.
ނ. ހަތަރު އަހަރުގެ އަގަކީ ކޮބައިކަން އެނގެން ބޭނުން ނަމަ، ކިޔަވާ ތަނަކުން ދަސްވެނިވެފައިވާ ދަރިވަރެއްގެ ގާތުން އެ ސުވާލުކޮށްލާށެވެ.
ރ. އެއް އަހަރުގެ އަގު އެނގެން ބޭނުން ނަމަ އެންމެ ފަހު އިމްތިހާނުން ފޭލިވި ދަރިވަރެއްގެ ގާތުން އެ ސުވާލުކޮށްލާށެވެ.
ބ. ނުވަ މަހުގެ އަގަކީ ކޮބައިކަން އެނގުމަށްޓަކައި ވިހޭއިރު ދަރިފުޅު މަރުވެފައިވާ މައެއްގެ ގާތުގައި ސުވާލުކޮށްލާށެވެ.
ޅ. އެއް މަސް ދުވަހުގެ އަގަކީ ކޮބައިކަން ބަލަން ބޭނުން ނަމަ ދުވަސް ނުފުރާ ވިހޭ ކުއްޖެއްގެ މައިމީހާގެ ގާތުގައި އަހާށެވެ.
ކ. އެއް ހަފުތާގެ އަގަކީ ކޮބައިތޯ ބަލަން ބޭނުން ނަމަ ހަފުތާއަކު އެއް ފަހަރު ނެރޭ ނޫހެއްގެ އެޑިޓަރާ ސުވާލުކޮށްލާށެވެ.
އ. އެއް މިނެޓްގެ އަގަކީ ކޮބައިތޯ ބަލަން ބޭނުން ނަމަ ގަޑިޖެހިގެން ރޭލެއް ނުވަތަ ބަހެއް ނުވަތަ މަތިންދާބޯޓެއް އަތުނުވި މީހެއްގެ ގާތުގައި އަހާށެވެ.
ވ. އެއް ސިކުންތުގެ އަގަކީ ކޮބައިތޯ ބަލަން ބޭނުން ނަމަ އެކްސިޑެންޓަކުން ސަލާމަތްވި މީހެއްގެ ގާތުގައި އަހާށެވެ.
ވަގުތަކީ އެއްވެސް މީހަކަށް މަޑުކުރާނެ އެއްޗެއް ނޫނެވެ. އެހެންކަމުން ތިބާއަށް ލިބިފައިވާ ހުރިހާ ވަގުތުގެ ވެސް އަގުވަޒަންކުރާށެވެ.
ނޯޓް: ތަރުޖަމާއެއް
