ކްރައުޑްސްޓްރައިކުން ފަތުރައިލި ސޮފްޓްވެއާ އަޕްޑޭޓްގެ ސަބަބުން ވިންޑޯސް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ 8.5 މިލިއަން އާލާތުގައި މައްސަލަޖެހުނު ކަމަށް މައިކްރޮސޮފްޓުން ބުނެފިއެވެ.
މިއީ ދުނިޔޭގެ ބަވަނަވެފައިވާ އިންފޮމޭޝަން ޓެކްނޯލޮޖީ (އައި.ޓީ)ގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ ކަމަށްވެދާނެ ކަމަށް ބްލޮގްޕޯސްޓެއްގައި މައިކްރޮސޮފްޓުން ބުންޏެވެ.
"މިއީ ކްރައުޑްސްޓްރައިކުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޮނުވައިލި ކޮރަޕްޓްވެފައިވާ އަޕްޑޭޓެއްގެ ސަބަބުން ދިމާވި ކަމެއް،" މައިކްރޮސޮފްޓްގެ ބްލޮގްޕޯސްޓްގައި އެ ކުންނުނީގެ ނައިބު ރައީސް ޑޭވިޑް ވެސްޓަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މައްސަލަ ޖެހުނު 8.5 މިލިއަން ޑިވައިސްއަކީ ވިންޑޯސް އޮޕަރޭޓިން ނިޒާމު ބޭނުންކުރާ ދުނިޔޭގެ ކުންފުނިތަކުގެ ތެރެއިން އެއް ޕަސެންޓް ކުންފުނި ކަމަށެވެ. ނަމަވެސް ހުކުރު ދުވަހު ހިނގި ނުރައްކާތެރި ކަމަކީ ފުޅާ ދާއިރާއެއްގައި އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދުނިޔެއަށް ކުރިމަތިވި ކަމެއް ކަމަށެވެ.
މައިކްރޮސޮފްޓުން ބުނީ މައްސަލައަކީ ސޮފްޓްވެއާ ނޫން ކަމަށާއި ނަމަވެސް ކްރައުޑްސްޓްރައިކުން އުފެއްދި އަޕްޑޭޓް ކަމަށެވެ.
"މި ކަމުން ދޭހަކޮށްދެނީ ވަރަށް ރަނގަޅަށް ކޮލިޓީ ކޮންޓްރޯލްކުރާ ޗެކުކުރުންތަކަށް ފަހު ނޫނީ މި ފަދަ އަޕްޑޭޓްތައް ފަތުރައިނުލުމުގެ މުހިންމުކަން،" ޑޭވިޑް ވިދާޅުވިއެވެ.
މީގެ ކުރިން މި ކަހަލަ އެންމެ ބޮޑު ނުރައްކާތެރި ސައިބަރ ހާދިސާއެއް ހިނގައިފައިވަނީ 2017 ގައެވެ. އެ ފަހަރު 150 ގައުމުގެ 300،000 ކޮމްޕިއުޓަރުގައި މައްސަލަޖެހުނެވެ. އަދި އޭގެ މަހެއް ފަހުން ނޮޓްޕެޓްޔާ ކިޔާ މެލްވެއާގެ ހަމަލާއެއް ވެސް އައި.ޓީ ސިނާއަތަށްވަނީ ކުރިމަތިވެފައެވެ. އޭގެ ފަހުން 2021 ގައި މެޓަ ކުންފުނި ވެސް ހަ ގަޑިއިރުގެ ހުއްޓުމަކަށް އައެވެ. ނަމަވެސް އެ ފަހަރު ޖެހުނު މައްސަލަތައް ކުރިމަތިވީ މެޓައިން ހިންގާ ފޭސްބުކާއި ވަޓްސްއެޕާއި އިންސްޓަގްރާމަށެވެ.
ހުކުރު ދުވަހު ދުނިޔޭގެ އެތައް މިތަނުގެ ހިދުމަތްތައް މެދުކެނޑުމުން އެ ކަމުގެ ފައިދާ ހެކަރުން ނަގާފާނެކަމުގެ އިންޒާރުތައް މައިކްރޮސޮފްޓުން ދިނެވެ.
ފޭކު އީމޭލުތަކާއި ކޯލުތައް ލިބިދާނެކަމަށް އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާގެ ސައިބަރ އެޖެންސީތަކުން ބުނެފައިވެއެވެ.
ކްރައުޑްސްޓްރައިކްގެ ވެރިޔާ ޖޯޖް ކާޓްޒް ވިދާޅުވެފައިވަނީ އަޕްޑޭޓް ރަނގަޅު ކުރުމަށް ފައިލެއް ޑައުންލޯޑްކުރަންވާނީ އެ ކުންފުނީގެ ރަސްމީ ފަރާތަކާ ގުޅިގެންކަން ޔަގީންކުރުމަށްފަހު ކަމަށެވެ. އެއީ ހެކަރުން އޭގެ ނާޖާއިޒު ފައިދާ ނަގައިފާނެތީއެވެ.
ސެކިއޮވޯކްސްގެ މުވައްޒަފުން ބުނީ ކްރައުޑްސްޓްރައިކާ ގުޅުން ހުރި ކަމަށް ހެދިގެން ފޭކް ވެބްސައިޓުތައް ހަދަމުންދާ މީހުން ވެސް އެބައުޅޭ ކަމަށެވެ. ބޭނުމަކީ އައި.ޓީ ދާއިރާގެ އޮފިޝަލުންނާއި އާއްމު ރައްޔިތުންނަށް އޮޅުވައިލައިގެން ނުރައްކާތެރި ސޮފްޓްވެއާ ފެތުރުމާއި މީސްމީހުންގެ ޒާތީ މައުލޫމާތު ހޯދުމެވެ.
ސައިބަރ ސެކިއުރިޓީ އެޖެންސީތަކުން ބުނީ މައުލޫމާތާއި އެހީ ހޯދަންވާނީ ހަމައެކަނި ކްރައުޑްސްޓްރައިކްގެ ވެބްސައިޓުން ކަމަށެވެ.
މައިކްރޮސޮފްޓްގެ ހިދުމަތް ބޭނުންކުރާ ކުންފުނިތަކަށް ހުކުރު ދުވަހު ދިމާވި އައި.ޓީ މައްސަލަތަކުގެ ސަބަބުން ބޭންކްތަކާއި ހޮސްޕިޓަލްތަކާއި އެއާޕޯޓްތަކާއި ސްޓޮކް އެކްސްޗޭންޖްތަކާއި މީޑިއާތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުގެ މަސައްކަތަށް ހުރަސްއެޅުނެވެ.



advertisment