Support Us

ބެންކޮކް ހޮޓަލެއްގައި ހަ މީހުން މަރައިލީ ދުބާއީ ބިލިއަނަރެއްގެ އަނތްބެއް ކަމަށް ހެދިގެން

މިދިޔަ އަންގާރަ ދުވަހު ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުންނަ ގްރޭންޑް ހަޔަޓް އިރަވަން ހޮޓަލުގެ އެޕާޓްމަންޓަކުން ފެނުނު މަރުވެފައިވާ ހަ މީހުންނަށް ސައިނައިޑް ވިހަ ދިނީ ދުބާއީގެ ބިލިއަނަރެއްގެ އަނތްބެއް ކަމަށް ހެދިގެން އުޅުނު އަންހެނެއް ކަމަށް މަރުވި އެކަކުގެ މަންމަ އަދި ރަހްމަތްތެރިއަކު ބުނެފިއެވެ.

އުމުރުން 37 އަހަރުގެ މޭކަޕް އާޓިސްޓެއް ކަމަށްވާ ޓްރާން ޑިންހް ފޫއަށް ސައިނައިޑް ދިނީ ފޫގެ "ހާއްސަ ކްލަޔަންޓެ"އް ކަމަށްވާ އުމުރުން 56 އަހަރުގެ ޝެރިން ޗޮންގް ކަމަށްވެއެވެ. ފޫގެ ހިދުމަތްތަކަށް ޗޮންގް ބައެއް ފަހަރަށް 5،000 ޑޮލަރު ދޭ ކަމަށް ވެސް ފޫގެ މަންމަ ލޭ ތީ ޓައި އަދި ފޫގެ ރަހްމަތްތެރިޔާ ފަމް މައި ކިޔަންހް ބުންޏެވެ.

"ވޭތުވެދިޔަ އަހަރު ފޫ ހިދުމަތްކޮށްދިނީ ޗޮންގަށް. ބެންކޮކަށާއި ހޮންގްކޮންގް ފަދަ ތަންތަނަށް ވަރަށް ގިނައިން ދަތުރުކުރި. ފޫ ބުނީ ޗޮންގް ރަނގަޅު އެއްޗެއް ދޭ ކަމަށް،" ފަމް ބުންޏެވެ.

ޗޮންގް އާއި އޭނާ ސައިނައިޑް ދީގެން މަރުވި ވިއެޓްނާމްގެ ފަސް މީހުންގެ ހަށިގަނޑު ފެނުނީ އަންގާރަ ދުވަހު ހޮޓަލުން ޗެކްއައުޓްނުކޮށް ލަސްވެގެން ހޮޓަލުގެ މުވައްޒަފުން ބެލީމައެވެ.

ތައިލެންޑްގެ ފުލުހުން ބުނީ ޗޮންގް ވެސް ސައިނައިޑް ލީ ސައިތަށްޓެއް ބޯލައިގެން އަނެއް ފަސް މީހުންނާއެކު މަރުވީ ކަމަށެވެ.

ފަސް މީހުން ކޮފީ ބުއި ޖޯޑުތައް

ޗޮންގް މަރައިލި ފަސް މީހުންނާ ބެންކޮކްގައި އޭނާ ބައްދަލުކުރީ ޖަޕާނުގައި އެ މީހުން އިންވެސްޓްކުރާ ހޮސްޕިޓަލަކަށް ހޭދަވި 278،000 ޑޮލަރުން ގެއްލުންވުމުންނެވެ. މިހެންވެ ހަ މީހުން ބައްދަލުކުރީ މި މައްސަލަ ހައްލުކުރަން ކަމަށްވެއެވެ.

ހަ މީހުންގެ ހަށިގަނޑުން ސައިނައިޑްގެ އަސަރު ފެނުމުގެ އިތުރުން ހަ މީހުން ތިބި އެޕާޓްމަންޓްގައި ހުރި ސައިކުރައަކާއި ހަ ޖޯޑުން ވެސް ސައިނައިޑްގެ އަސަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ލޭ ބުނީ ފޫއަކީ ސައި، ކޮފީ އަދި ބިއަރު ވެސް ބޯ މީހެއް ނޫން ކަމަށެވެ.

ފަސް މީހުނަށް ކޮޓަރީގައި ކާން ތައްޔާރުކޮށްފައި

"އަހަރެންނަށް ޝައްކުކުރެވެނީ ޗޮންގް ސައިނައިޑް އެޅީ ފޫގެ ފެންފުޅިއަށް ކަމަށް. ތަންތަނަށް ދަތުރުކުރާއިރު ފޫ އަމިއްލައަށް އޭނާ ބޯ ފެންފުޅި ގަންނާނީ. އަދި އެ ކަނޑާނީ ވެސް އޭނާ އަމިއްލައަށް. ނަމަވެސް މި ފަހަރު މިއޮތީ ކޮންމެވެސް މީހަކު އޭނާގެ ފެންފުޅިއަށް ވިހަ އަޅައިފައި،" ލޭ ބުންޏެވެ.

ހޮޓެލްގައި މަރުވި ހަ މީހުންނަކީ ވިއެޓްނާމް ރައްޔިތުންގެ އިތުރުން އެމެރިކާގެ ޕާސްޕޯޓް ވެސް އޮންނަ ބައެއް ވިއެޓްނާމް މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް