އިންސްޓަގްރާމަށް ލާން ވީޑިއޯއެއް ނަގަމުންދަނިކޮށް އިންޑިއާގެ ޒުވާން އަންހެންކުއްޖެއް ވާދީއަކަށް ވެއްޓި މަރުވެއްޖެއެވެ.
އުމުރުން 26 އަހަރުގެ އާންވީ ކަމްދަރު ވެއްޓުނީ ގާތްގަނޑަކަށް 350 ފޫޓު ފުންމިނުގެ ވާދީއަކަށެވެ.
މަހާރަޝްތުރާ ސްޓޭޓްގެ ރީތި ވޯޓަރފޯލެއް ކަމަށްވާ ކުމްބޭއަށް އާންވީ ދިޔައީ ހަތް ރަހްމަތްތެރިންނާއެކުއެވެ.
"އާންވީ މަރުވީ މިދިޔަ އަންގާރަ ދުވަހު. އޭނާ ވެއްޓުނީ ކައްސައިލައިގެން ކަމަށް ބެލެވޭ،" ފުލުހުން ބުންޏެވެ.
އާންވީގެ އިންސްޓަގްރާމް 260،000 މީހުން ފޮލޯކުރެއެވެ.
ފުލުހުން ބުނީ އާންވީ ވާދީން ނެގުނީ ހަ ގަޑިއިރު ފަހުން ކަމަށެވެ. ސަބަބަކީ ވާރޭވެހުމާއި އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުންނެވެ.
"އޭނާ މަރުވީ އަންގާރަ ދުވަހުގެ ރޭ ހޮސްޕިޓަލުން ފަރުވާދެމުން އަންނަނިކޮށް،" އޮފިޝަލަކު ވިދާޅުވިއެވެ.
އާންވީއަކީ ޗާޓާޑް އެކައުންޓެންޓެކެވެ.
މި ހާދިސާއަށް ފަހު މަހާރަޝްތުރާގެ އޮފިޝަލުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ޓޫރިސްޓުންނަށް އިލްތިމާސްކޮށްފައެވެ.
"ނުރައްކާތެރި އަމަލުތަކުން ދުރުވުމަށް ގޮވައިލަން،" އޮފިޝަލަކު ވިދާޅުވިއެވެ.
މިއީ ސޯޝަލް މީޑިއާއަށް ފޮޓޯ އާއ ވީޑިއޯ ނަގާ މީހެއްގެ ފުރާނަ ގެއްލުނު ނުވަތަ ޒަހަމްވި ފުރަތަމަ ހާދިސާއެއް ނޫނެވެ.
ޓައިވާންގައި 2019 ވަނަ އަހަރު ވާދީއަކަށް ވެއްޓި ގީގީ ވޫ ނަމަކަށް ކިޔާ އިންފްލުއެންސަރއެއް ވަނީ މަރުވެފައެވެ.
ކެނެޑާގެ ތިން މީހުން ކަމަށްވާ ރައިކަރ ގޭމްބްލް އާއި އެލެކްސީ ލަޔަކް އާއި މެގަން ސްކްރެޕަރ 2018 ގައި ވަނީ "ޝެނަން ފޯލްސް" ނަމަކަށް ކިޔާ ވޯޓަރފޯލަކަށް ވެއްޓި މަރުވެފައެވެ.
މީގެ އިތުރުން ހޮންގްކޮންގްގެ އުމުރުން 32 އަހަރުގެ ސޯފިއާ ޗެއުންގް ވަނީ 2021 ގައި ހަ ޕަކް ލާއި ޕާކުގައި ވޯޓަރފޯލަކުން ވެއްޓި މަރުވެފައެވެ.



advertisment