Support Us

ފަލަސްތީނުގެ ބިމެއްގައި އިސްރާއީލު ސިފައިން

ފަލަސްތީނުގެ ބިންތަކުން ފައިބަން އދ.ގެ ކޯޓުން އިސްރާއީލަށް ގޮވައިލައިފި

ފަލަސްތީނުގެ ބިންތައް އިސްރާއީލުން ހިފައިފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ތާރީހީ ނިންމުމެއްގައި އދ.ގެ ބައިނަލްއަގުވާމީ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އިން ބުނެފިއެވެ.

ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ޔަހޫދީން ވަޒަންވެރިކުރުވުން ވަގުތުން ހުއްޓާލައި ޣައްޒާއިން ވެސް ވަގުތުން ފޭބުމަށް އައި.ސީ.ޖޭ.އިން ގޮވައިލިއެވެ.

މި ކަމާ ގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނީ ކޯޓުގެ މި އަމުރު ބިނާކޮށްފައިވަނީ "ދޮގުތަކެއްގެ މައްޗަށް" ކަމަށެވެ.

އައި.ސީ.ޖޭ.ގެ މި ނިންމުމަކީ އެއްވެސް ގައުމަކުން އަމަލުކުރަން މަޖުބޫރު ނޫން ނިންމުމެކެވެ. ނަމަވެސް މިއީ ސިޔާސީ ގޮތުން ބުރަދަންހުރި ނިންމުމެކެވެ. ސަބަބަކީ ވޭތުވެދިޔަ 57 އަހަރު އިސްރާއީލުން ހިފައިގެން އުޅޭ ފަލަސްތީނުގެ ބިންތަކާމެދު ބައިނަލްއަގުވާމީ މުޖުތަމައު ނިސްބަތްވާ ކޯޓަކުން މި ގޮތަށް ނިންމީމައެވެ.

އައި.ސީ.ޖޭ.އިން މި މައްސަލަ ބަލަން ފަށައިފައިވަނީ މިދިޔަ އަހަރު ކުރީކޮޅެވެ. އެއީ އދ.ގެ އާއްމު މަޖިލީހުގެ އެދުމުގެ މަތިންނެވެ. އެ ގޮތުން ކޯޓުގައި އެދިފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާމެދު އިސްރާއީލުން ގެންގުޅޭ ސިޔާސަތުތަކާއި އެހެނިހެން ހަރަކާތްތައް ބެލުމަށެވެ. އަދި އިސްރާއީލުން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގެ އިތުރުން ޣައްޒާއަށް ވެރިވެގެންތިބުމަކީ ހުއްދަ ކަމެއްތޯ ކަނޑައަޅައިދިނުމަށެވެ.

"ހިފައިފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލުގެ ދައުލަތުން ވީހާ ވެސް އަވަހަށް ފޭބުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ތިބުމަކީ ގާނޫނާ ހިލާފު ކަމެއް،" ކޯޓުގެ ރައީސް ނަވާފު ސަލާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2005 ގައި އިސްރާއީލުން ޣައްޒާއިން ފޭބި ނަމަވެސް އަދިވެސް އިސްރާއީލުގެ ނުފޫޒު ޣައްޒާގެ މައްޗަށް ހިނގާ ކަމަށެވެ.

ކޯޓުން ބުނީ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ވަޒަންވެރިކުރުވި ޔަހޫދީން އެ ބިންތަކުން ބާލަން ޖެހޭނެ ކަމަށެވެ. އަދި އެއާއެކު އެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކަށް އިސްރާއީލުން ބަދަލު ދޭން ޖެހޭނެ ކަމަށެވެ.

އިސްރާއީލުން މިހާތަނަށް ވަނީ 160 ހައުސިން "ސެޓްލްމަންޓް" ޔަހޫދީންނަށް އަޅައިދީފައެވެ. އެއީ 1967 އިން ފެށިގެންނެވެ. މިހެންވެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި 700،000 ޔަހޫދީން މިހާރު ދިރިއުޅެއެވެ. ކޯޓުން ބުނީ މިއީ ގަވައިދާ ހިލާފަށް ޔަހޫދީން ގެދޮރުވެރިކުރުވުން ކަމަށެވެ. ނަމަވެސް ދިފާއުގައި އިސްރާއީލުން ބުނަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ނޫން ކަމަށެވެ.

ކޯޓުން ބުނީ އިސްރާއީލުގެ އަމަލުތައް ހުރި ގޮތުން ދޭހަވަނީ ފަލަސްތީނުގެ ބޮޑެތި ބިންތައް އިސްރާއީލާ "އެނެކްސް"ކުރަން ނުވަތަ އިސްރާއީލުގެ ބައެއްގެ ގޮތުގައި ގުޅުވައިލަން އުޅޭ ކަމަށެވެ.

"އަތުލި ބިންތަކުގެ މައްޗަށް އިސްރާއީލުގެ އިސްތިގުލާލެއް ނުހިނގާނެ،" ކޯޓުން ބުންޏެވެ.

ގުދުސް އެއްކޮށް އިސްރާއީލުން ހިފީ 1967ގައި ކުރި "މެދުއިރުމަތީ ހަނގުރާމަ"އިގައެވެ. ޓެލް އަވީވްއަކީ އިސްރާއީލުގެ މިހާރުގެ ވެރިރަށް ކަމަށް ވިޔަސް އިސްރާއީލުން ދެކެނީ އެ ގައުމުގެ އަސްލު ވެރިރަށަކީ ގުދުސް ކަމަށެވެ. ނަމަވެސް ގިނަ ގައުމުތަކުން މި ކަމާ ދެކޮޅެވެ.

ކޯޓުން ނިންމި އިތުރު ނިންމުންތަކުގެ ތެރޭގައި ބުނެފައިވަނީ އިސްރާއީލުން ހިފައިފައިވާ މި ބިންތަކުގައި ފަލަސްތީނު މީހުންނަށް އެކިއެކި ދަތިތައް ކުރިމަތިކޮށްފައިވާ ކަމަށެވެ. އެ ގޮތުން ނަސްލީ އަދި ދީނީ ތަފާތުކުރުންތައް ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ސަރުކާރުން ގެންގުޅޭ ކަމަށް ކޯޓުން ބުންޏެވެ. މީގެ އިތުރުން ފަލަސްތީނު ރައްޔިތުންގެ ގުދުރަތީ ވަސީލަތްތައް އަތުލުމާއި ފަލަސްތީނު ރައްޔިތުން ބޭނުންވާ ސިޔާސީ ކުރިމަގު ކަނޑައެޅުމަށް އިސްރާއީލުން ހުރަސްއަޅައިފައިވާ ކަމަށް ކޯޓުން ނިންމިއެވެ.

އިސްރާއީލުން މި ހިންގާ ގާނޫނާ ހިލާފު އަމަލުތައް ދެމެހެއްޓުމަށް އެއްވެސް ގައުމަކުން އިސްރާއީލަށް އެހީ ނުވުމަށް ވެސް ކޯޓުން ގޮވައިލިއެވެ.

ނަތަންޔާހޫ ބުނީ "އިސްރާއީލުގެ އަމިއްލަ ބިމެއް އިސްރާއީލުން ހިފި ކަމަށް ނުބުނެވޭނެ" ކަމަށެވެ.

"ގުދުސްއަކީ އަހަރެމެން ދާއިމީ ވެރިރަށް. ޖުޑިއާ އާއި ސަމަރިއާ (ހުޅަނގު އައްސޭރި)އަކީ އަހަރެމެންގެ ތަރިކަ ބިން،" ނަތަންޔާހޫ ދިން ބަޔާނެއްގައި ބުންޏެވެ.

އޭނާ އިތުރަށް ބުނީ ކޯޓަށް ތާރީހު އޮޅުވައިނުލެވޭނެ ކަމަށާއި މިހެންވެ އިސްރާއީލުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިވަނީ ޣައިރުގާނޫނީ ގޮތަކަށް ކަމަށް ކޯޓަށް ކަނޑަނޭޅޭނެ ކަމަށެވެ.

ކޯޓުގެ ނިންމުމަށް ފަލަސްތީނު ރައްޔިތުން ވަނީ މަރުހަބާ ކިޔައިފައެވެ. އެ ގޮތުން ފަލަސްތީން ރައްޔިތުން ތަމްސީލު ކުރާ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީ.އެލް.އޯ)އިން ބުނީ މިއީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ލިބުނު ތާރީހީ ކާމިޔާބެއް ކަމަށެވެ.

"މިއީ އަހަރެމެންގެ ސިޔާސީ ކުރިމަގު ކަނޑައެޅުމަށް ލިބުނު ތާރީހީ ފުރުސަތެއް. އަހަރެމެންގެ ބިންތައް އަތުލައި، އެ ބިންތަކުގައި ގަދަކަމުން ވަޒަންވެރިވެ، އަހަރެމެން ގެދޮރުން ނެރެލައި، އަދި އަހަރެމެންނާ ދެކޮޅަށް ނަސްލީ ތަފާތުކުރުން ގެންގުޅޭ އިސްރާއީލާ ދެކޮޅަށް ލިބުނު ކާމިޔާބެއް،" ޕީ.އެލް.އޯ.ގެ އަމީން އާއްމު ހުސައިން އަލް ޝައިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ އިންސާފަށް ބައިނަލްއަގުވާމީ މުޖުތަމައުން އިހުތިރާމްކުރަންޖެހޭނެ ކަމަށާއި ފަލަސްތީނުގެ ބިންތަކުން ފައިބަން އިސްރާއީލަށް މަޖުބޫރުކުރަން ޖެހޭނެ ކަމަށެވެ.

ކޯޓުގެ މި ނިންމުންތައް ދެން ހުށަހަޅާނީ އދ.ގެ އާއްމު މަޖިލީހަށެވެ. މި ނިންމުންތަކާމެދު ހަދާނީ ކިހިނެތްތޯ އާއި ގަރާރެއް ފާސް ކުރާނެތޯ އާމެދު އދ.އިން ގޮތެއް ކަނޑައަޅާނެއެވެ. މި ކަމުގެ ސަބަބުން ކުރިމަގުގައި ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ނިންމަން އާ ވާހަކަތަކެއް ފެށުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޯޓުގެ މި ނިންމުމަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ކޯޓުން ނިންމި ނިންމުމެއް ނޫނެވެ. އެއީ ވަކި މައްސަލައެކެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ޔަހޫދީންގެ 1،200 އެއްހާ މީހުން މަރައިލައި 250 އެއްހާ ޔަހޫދީން ރަހީނު ކުރުމުން އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ވަނީ 38،000 އެއްހާ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް