އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހަރާކޮށްލަން ހޮނިހިރު ދުވަހު ދިން ހަމަލާގައި ބޭނުންކުރި އޭ.އާރް-15 މަރުކާގެ ބަޑި މަނާކުރަން ރައީސް ޖޯ ބައިޑަން ގޮވައިލައްވައިފިއެވެ.
"މިއީ އެތައް ބަޔަކު މަރައިލުމަށް ބޭނުންކޮށްފައިވާ ބާވަތުގެ ބަޑިއެއް. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ. މިއީ މީގެ ބަޑި ގާނޫނާ ހިލާފު އެއްޗަކަށް ހަދަން ވީ ވަގުތު،" އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ގޮވައިލައްވަމުން ބައިޑަން ވިދާޅުވިއެވެ.
ޓްރަމްޕް ސަލާމަތްވެވަޑައިގަތީ އޭނާގެ ކަނާތު ކަންފަތަށް ވަޒަން އެރުމުންނެވެ. އެއީ އަންނަ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެމްޕޭންގައި ޕެންސިލްވޭނިއާ ސްޓޭޓްގައި ޓްރަމްޕް ބޭއްވެވި ރެލީއެއްގައެވެ. ހަމަލާ ދިނީ އުމުރުން 20 އަހަރުގެ ތޯމަސް މެޓްހިއު ކްރޫކްސްއެވެ.
އޭ.އާރް-15 ރައިފަލް މަނާކުރަން ބައިޑަން ގޮވައިލެއްވީ އޭނާ ވެސް އިންތިހާބަށް ކުރިމަތިލައްވައި ކެމްޕޭން ކުރައްވަމުން ނެވާޑާ ސްޓޭޓްގައި ވާހަކަ ދައްކަވަމުންނެވެ. ނެވާޑާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ލަސް ވެގަސްގައި ބައިޑަން ވާހަކަ ދެއްކެވުން މި އައީ ޓްރަމްޕަށް ދިން ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ކެމްޕޭން އަލުން ކުރިއަށްގެންދަވަމުންނެވެ. ޓްރަމްޕަށް ދިން ހަމަލާއަށް ފަހު ބައިޑަން ވަނީ އޭނާގެ ކެމްޕޭން މަޑުޖައްސަވައިލައްވައިފައެވެ. އެ ގޮތުން ޓްރަމްޕަށް އަމާޒު ކުރައްވަމުންދިޔަ ބަހުގެ ހަމަލާތަކާއި ޓީވީގެ ޒަރީއާއިން ދެއްކި އިސްތިހާރުތައް ހުއްޓައިލައި ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީން ވަނީ ހުރިހާ ރައްޔިތުން އެއްބައިވާން ގޮވައިލައިފައެވެ.
އާއްމު ރައްޔިތުން ބަޑި ގެންގުޅުމުގެ މައްސަލައަކީ ބައިޑަން ކުރިން ވެސް އެ ކަމާ ދެކޮޅަށް ކެމްޕޭންކުރެއްވި މައްސަލައެކެވެ. އެ ގޮތުން 1994 ގައި އޭ.އާރް-15 ބާވަތުގެ އެސޯލްޓް ހަތިޔާރު މަނާކުރުމުގައި ބައިޑަންގެ ހިއްސާ ބޮޑެވެ. އެ ފަހަރު މަނާކުރިމަނާކުރުން ނިމުމަކަށް އައީ 2004 ގައެވެ. ލަސް ވެގަސްގައި ދެއްކެވި ވާހަކައިގައި ބައިޑަން ވަނީ މި ކަމަށް އިޝާރާތް ކުރައްވައިފައެވެ.
"އަހަރެން ކުރިން ވެސް މި ކަން ކުރިން. އަދިވެސް ކުރާނަން،" ބަޑި ގެންގުޅުން ހުއްޓުވާނެ ކަމަށް އިޝާރާތް ކުރައްވައި ބައިޑަން ވިދާޅުވިއެވެ.
ބަޑި ގެންގުޅުމާ ގުޅޭ ގޮތުން ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި ހެއްދެވި އެންމެ ރައްކާތެރި ގާނޫނު ބައިޑަންގެ ރިޔާސީ ފުރަތަމަ ދައުރުގައި 2022 ވަނަ އަހަރު ވަނީ ހައްދައިފައެވެ. އޭގައި ހިމެނެނީ ބަޑި ގަންނަ މީހުންގެ ބެކްގްރައުންޑް މައުލޫމާތު ރަނގަޅަށް ބެލުމާއި މި ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. ނަމަވެސް ބައިޑަންގެ ބަޑިއާ ދެކޮޅު ސިޔާސަތަށް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ވަނީ ތަކުރާރުކޮށް ދެކޮޅު ހަދައިފައެވެ.
އާއްމު ރައްޔިތުން ބަޑި ގެންގުޅުމަށް ތާއީދުކުރާ ޖަމާއަތެއް ކަމަށްވާ ޔޫ.އެސް ކޮންސީލްޑް ކެރީ އެސޯސިއޭޝަންގެ ބައްދަލުވުމެއްގައި ޓްރަމްޕްގެ ކެމްޕޭނަށް މަޝްވަރާ އަރުވާ އޮފިޝަލަކު ވިދާޅުވީ ޓްރަމްޕަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ އާއްމުން ބަޑި ގެންގުޅުމަށް ތާއީދުކުރައްވާ ފަނޑިޔާރުން ފަނޑިޔާރުގެއަށް އައްޔަނު ކުރައްވައިގެން އާއްމުން ބަޑި ގެންގުޅުމުގެ ހައްގު ނަގަހައްޓައިދޭނެ ކަމަށެވެ.
ޓްރަމްޕް ކުރިން ވެސް ވިދާޅުވެފައިވަނީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގަތްފި ނަމަ ބަޑި ގެންގުޅުމާ ދެކޮޅަށް ބައިޑަން އެކަށައަޅުއްވައިފައިވާ ހުރިހާ އާ ގާނޫނުތަކެއް އުވައިލައްވައިނެކަމަށެވެ. ހޮނިހިރު ދުވަހުގެ ހަމަލާއަށް ފަހު ވެސް ޓްރަމްޕް ހަމަ މި ގޮތުގައި ހުންނަވާނެ ކަމަށް ބެލެވޭ ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ.
ބަދިގެއެއްގައި މަސައްކަތްކުރި ތޯމަސް ޓްރަމްޕްގެ ޕޯޑިއަމާ 426 ފޫޓު ދުރުގައިވާ އިމާރާތެއްގެ ފުރާޅަށް އަރައި ޓްރަމްޕް އަވަހާރަކޮށްލަން ބަޑި ޖެހި ސަބަބު އަދިވެސް ނުހޯދެއެވެ. ހޮނިހިރު ދުވަހުގެ މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސިއްރު ސިފައިން މި ހަމަލާއާމެދު އަމަލުކުރި ގޮތުގެ މިނިވަން ތަހުގީގެއް މިހާރު ކުރިއަށް އެބަދެއެވެ. މީގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ރިޕަބްލިކަން ޕާޓީގެ މެންބަރުން ވެސް ވަނީ ތަހުގީގެއް އިއުލާންކުރައްވައިފައެވެ.



advertisment