ޗެނަލް އައިލެންޑްސްގައި މަދުވަމުންދާ ރަން ކުލައިގެ ބަކައްޓަކަށް އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް ޝަރަފު ދެއްވައިފިއެވެ.
ދިފާއީ އަދި ހާރިޖީ ކަންތައްތައް އިނގިރޭސި ވިލާތުން ބަލަހައްޓަމުންދާ މި ޖަޒީރާގައި އުޅޭ ދުނިޔެއިން މަދުވަމުންދާ ރަން ކުލައިގެ ކެހެރި ހުންނަ މި ބަކަރީގެ ބާވަތަށް ޗާލްސް ނަން ދެއްވީ ޗެނަލް އައިލެންޑްސްގެ ރަށެއް ކަމަށްވާ ގަންސީގެ ނަމުންނެވެ. ޗާލްސް މި ބާވަތުގެ ބަކައްޓަށް އެރުވި ޝަރަފަށް ކިޔާ ނަމަކީ "ރޯޔަލް ގޯލްޑަން ގަންސީ ގޯޓު" ނުވަތަ "ޝާހީ ރަން ގަންސީ ބަކަރި"އެވެ.
މި ޝަރަފު އެރުވީ ޗާލްސް ޗެނަލް އައިލެންޑްސްއަށް އަންގާރަ ދުވަހު ކުރެއްވި ދަތުރުގައެވެ. މީގެ ފަހުން ދުނިޔޭގައި އުޅޭ މި ބާވަތުގެ ރަން ކުލައިގެ ބަކަރިއަށް މުހާތަބު ކުރާނީ މި ޝަފަރާއެކު ކަމަށްވެއެވެ.
ޝަރަފު އެރުވުމަށްޓަކައި ހޮވައިލި ބަކަރިއަކީ އުމުރުން އަށް އަހަރުގެ ބަކަރިއެކެވެ. މި ބަކަރީގެ ވެރިޔާއަކީ ރެބެކާ މާޓިން ނަމަކަށް ކިޔާ އަންހެނެކެވެ.
"އުއްމީދު ކުރެވޭ ގޮތުގައި މި ޝަރަފުގެ ސަބަބުން މި ބާވަތުގެ ރަން ކެހެރި ހުންނަ ބަކައްޓާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އުފެދޭނެ،" ރެބެކާ ބުންޏެވެ.
ޝަރަފު އެރުވުމަށް ފަހު ޗާލްސް ވަނީ މި ބަކަރީގެ ގައިގައި ފިރުމައިލައިފައެވެ.
މި ވައްތަރުގެ ރަން ކުލައިގެ ބަކަރިއަކީ މިހާރު "ރެއާ ބްރީޑްސް ވޮޗްލިސްޓް" ނުވަތަ މަދުވަމުންދާ ޖަނަވާރުގެ ލިސްޓަށް ލައިފައިވާ ހައިވާނެކެވެ.
މިއީ އިންސާނުންނާ ވަރަށް ރަހްމަތްތެރި، މަޑުމައިތިރި، އަދި ރަނގަޅު ފެންވަރުގެ ކިރު ދޭ ބަކައްޓެކެވެ.
ދުނިޔެއިން މަދުވަމުންދާ ޖަނާވަރުންގެ ބާވަތްތައް ހިމާޔަތްކުރަން މަސައްކަތްކުރާ "ރެއާ ބްރީޑްސް ސަވައިވަލް ޓްރަސްޓް"ގެ ޗީފް އެގްޒެކެޓިވް ކްރިސްޓޮފަރ ޕްރައިސް ވިދާޅުވީ ޗާލްސް އެރުވި ޝަރަފުގެ ސަބަބުން މި ބާވަތުގެ ބަކަރީގެ ތާރީހީ މުހިންމުކަން ފާހަގަކުރެވި، ދުނިޔޭގެ ދިރުންތަކުގެ މުއްސަނދި ކަމަށާއި ތިމާވެއްޓަށާއި ދެމެހެއްޓެނިވި ކާބޯތަކެތީގެ ދާއިރާގައި މުހިންމު ރޯލެއް އަދާކުރާނެ ކަމަށެވެ.
"އިނގިރޭސި ވިލާތުގައި މަދުވެފައިވާ ނާމުސޫފީގެ ބާވަތްތަކަށް ޗާލްސް ދެއްވާ ހުއްޓުމެއް ނެތް މުހިންމު ތާއީދަށް އަހަރެމެން ފަށްފަށުން ޝުކުރުވެރިވަން،" ކްރިސްޓޮފަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.



advertisment