Support Us

ރައީސް ޓްރަމްޕަށް ހަމަލާދިން ބަޑި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ތަނުން ފެނުނީ "އޭއާރު ސްޓައިލް"ގެ ސެމީ އޮޓޮމެޓިކް ރައިފަލެއް ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އޭއާރު 15 ގެ ބަޑިއަކީ އެމެރިކާގައި އެންމެ މަގުބޫލު ބަޑިއެވެ. އެމެރިކާގައި ދާދިފަހުން ހިންގި ބަޑިޖެހުމުގެ ގިނަ ހާދިސާތަކުގައި ބޭނުންކޮށްފައި ވަނީ މި ވައްތަރުގެ ރައިފަލެވެ. މިއީ ފުލް އޮޓޮމެޓިކް މިލިޓަރީ ކޮމްބެޓް އެމް-16 ރައިފަލާ އެއްގޮތް ސިފަތަކެއް ލިބިފައިވާ ބަޑިއެކެވެ.

އޭއާރު-15 ސްޓައިލް ރައިފަލަކީ ކޮލްޓް އޭއާރު-15 ފަރުމާގެ މައްޗަށް ބިނާކޮށް ނުވަތަ އެއާ އެއްގޮތަށް އުފައްދާފައިވާ ލުއި ރައިފަލެކެވެ. ކޮލްޓް މޮޑެލްގެ ކުރީގެ މޮޑެލް ކަމަށްވާ އަސްލު އާމަރލައިޓް އޭއާރު-15 ގެ ސެލެކްޓިވް ފަޔަރ ފީޗާ މި ބަޑިން ވަނީ އުނިކޮށްފައެވެ.

ޕެންސިލްވޭނިއާގެ ބަޓްލަރގައި ބޭއްވި އެއްވުމެއްގައި ރައީސް ޓްރަމްޕް އަވަހާރަކޮށްލުމަށް މި މަހު 14ގައި ބަޑިން ދިން މި ހަމަލާއިން ޓްރަމްޕުގެ ކަނާތު ކަންފަތްޕުޅު ޒަޚަމުވިއެވެ. ޓްރަމްޕްގެ ފުރާނަފުޅު ސަލާމަތްވިޔަސް އެ އެއްވުމުގެ ބައިވެރިވި އެހެން މީހަކު ވަނީ މަރުވެފައެވެ.

ނޫސްތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ބަޑިޖެހި މީހާ ބޭނުންކުރި ބަޑިއަކީ އޭނާގެ ބައްޕަ ޤާނޫނާ އެއްގޮތަށް ގަނެފައިވާ ބަޑިއެކެވެ. އޭއާރު-15 ރައިފަލަކީ އަތަށްލުއި އަދި ބޭނުންކުރަން ފަސޭހަ އަދި އެމެރިކާގައި ނިސްބަތުން އަގު ވެސް ހެޔޮ ބަޑިއެކެވެ. އަތްމަތީ ބަޑިއެއްގެ ގޮތުގައި ބޭނުންކުރެވޭ މި ވައްތަރުގެ ބަޑިން 550 މީޓަރު ދުރުން ހަމަލާ ދެވެއެވެ.

މެއި 2022 ގައި މަހު ޓެކްސަސްގެ ސްކޫލެއްގައި ކުރީގެ ދަރިވަރަކު އޭއާރު-15 ބޭނުންކޮށްގެން 19 ކުއްޖަކާއި ދެ ޓީޗަރަކު ބަޑިޖަހައި މަރާލާފައިވެ އެވެ. އަދި 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލަސްވެގަސްގެ މިއުޒިކް ފެސްޓިވަލެއްގައި ބަޑިން ހަމަލާދީ މީހަކު 60 މީހުން މަރާލިއެވެ.

އެމެރިކާގައި ކެލިފޯނިއާ، އިލިނޮއިސް، މެރީލޭންޑް، ނިއު ޖާޒީ އަދި ވޮޝިންޓަން ޑީސީ ފަދަ ބައެއް ސްޓޭޓްތަކުގައި ބަޑީގެ ވިޔަފާރި މަނާކޮށްފައިވާއިރު އަނެއްބައި ސްޓޭޓްތަކުގައި ބަޑި ގަތުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ބަޑި ވިއްކާ ފިހާރައަކަށް ގޮސް، ސައްހަ އައިޑީއެއް ހުށަހެޅުމަށްފަހު، ފެޑެރަލް ސަރުކާރުން ބެކްގްރައުންޑް ޗެކުކޮށް ހުއްދަ ލިބުމުން ރައިފަލް ނުވަތަ ޝޮޓްގަން ގަނެވެއެވެ. ބެކްގްރައުންޑް ބަލާއިރު ބަލަނީ ބަޑި ގަންނަ މީހާގެ ޖިނާޢީ ކުށުގެ ރެކޯޑަށާއި، އެ މީހަކީ ދުވަހަކު ވެސް ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދައިފައިވާ ނުވަތަ އެފަދަ ރެކޯޑެއް އޮތް މީހެއްތޯއެވެ.

ވޮޝިންޓަން ޕޯސްޓުން 2023 ވަނަ އަހަރު ކުރި ސާވޭއަކުން ލަފާކޮށްފައިވާ ގޮތުގައި އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން ކޮންމެ 20 މީހުންގެ ތެރެއިން އެކެއްގެ އަތުގައި އޭއާރު-15 ގެ ބަޑިއެއް އޮވެއެވެ.

 

  • ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *