އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ ވިލަބީ ހިލްސް ސިޓީގައި މީހަކު އެމްބިއުލެންސެއް ވަގަށްނަގަނިކޮށް ސިއްހީ އެހީތެރިޔަކު އެ ކަމަށް ހުރަސްއަޅައިފިއެވެ.
ލޭކް ވެސްޓް ހޮސްޕިޓަލްގެ އެމްބިއުލެންސުން ސިއްހީ ހިދުމަތްތެރިން ފައިބައިގެން ދަނިކޮށް ދެން ފެނުނީ މީހަކު އެ އެމްބިއުލެންސްގެ ތެރެއަށް ވަންނަނިކޮށެވެ.
މި މަންޒަރު ފެނިފައި ސިއްހީ ހިދުމަތްތެރިއެއް ކަމަށްވާ ބްރަޔަން ޕެލަޑިނޯ ވަގުތުން އެމްބިއުލެންސާ ދިމާއަށް ދުއްވައިގަތެވެ. އަލިފާން ނިއްވުމުގެ ހުނަރު ވެސް ދަސްކޮށްފައިވާ ބްރަޔަން، ދުވެދުވެ އޮތް އެމްބިއުލެންސްގެ ތެރެއަށް ދެމިގަތެވެ. އެމްބިއުލެންސްގެ ރަނގަޅަށް ނުލެއްޕި ހުރި ދޮރަކުންނެވެ.
ބްރަޔަން ދެން މަސައްކަތްކުރީ އެމްބިއުލެންސް ވަގަށްނެގުމަށް މަސައްކަތްކުރަމުންދިޔަ މީހާއަށް ހުރަސްއަޅައިށެވެ. މި ކަން ކާމިޔާބުވީ އެ މީހާގެ އަތުން ކޮންޓްރޯލް ދޫވެގެން އެމްބިއުލެންސް ގޮސް ހޮސްޕިޓަލުގެ ފާރުގައި ޖެހުމުންނެވެ. އޭނާއަށް އެއްވެސް ޒަހަމެއް ނުލިބެއެވެ. އަދި ހޮސްޕިޓަލުގެ ފާރަށް ވެސް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް އެމްބިއުލެންސަށް ކުދިކުދި ގެއްލުންތައް ލިބުނެވެ.
"އަދި ބްރަޔަންގެ ތަނބިކައްޓާއި އަތް ޒަހަމްވެފައިވޭ،" ވިލަބީ ހިލްސްގެ އަލިފާން ނިއްވާ އިދާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ވިލަބީ ހިލްސްގެ ފުލުހުން ވަނީ އެމްބިއުލެންސް ވަގަށްނަގަން މަސައްކަތްކުރި މީހާ ހައްޔަރުކޮށްފައެވެ. ބްރަޔަން އާއި ހޮސްޕިޓަލުގެ މުވައްޒަފުން ވަނީ ފުލުހުން އަންނަންދެން އެ މީހާ ހިފަހައްޓައިފައެވެ.
އެމްބިއުލެންސް ވަގަށްނަގަން އުޅުނީ ހޮސްޕިޓަލުގެ ބަލިމީހެއް ނޫން ކަމަށް އެ އިދާރާއިން ބުންޏެވެ.
"މި ކަހަލަ ކަންތައްތައް ކުރުމުން ކުށްކުރާ މީހާގެ އިތުރުން އެ ތަނާ ކައިރީގައި ތިބޭ މީހުންނަށް ވެސް ގެއްލުން ލިބުން އެކަށީގެންވޭ. ބްރަޔަންއަކީ ބަތަލެއް. އޭނާގެ ކުއްލި އަމަލުތަކުގެ ސަބަބުން މި ހާދިސާ އެހާ ބޮޑު ހާދިސާއަކަށް ބަދަލުވެގެންނުދިޔައީ،" ވިލަބީ ހިލްސް އަލިފާން ނިއްވާ އިދާރާގެ ވެރިޔާ ރޮބަޓް ގެންޑީ ވިދާޅުވިއެވެ.



advertisment