އޭޝިއާގެ އެންމެ މުއްސަނދި މަހުޖަނު ކަމަށްވާ އިންޑިއާގެ މުކޭޝް އަމްބާނީގެ ފިރިހެން ދަރިފުޅު އަނަންތުގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުން ދެ ލައްކަ ޑޮލަރަށް ވިއްކާ އަގުހުރި އަތުކުރީގަޑި މެހެމާނުންނަށް ވަނީ ބަހައިފައެވެ.
ހުކުރު ދުވަހު ރަދިކާ މާޗަންޓްއާ ކައިވެނިކުރުމަށްފަހު އަނަންތު ވަނީ މީގެ ގަޑިތައް އޭނާގެ ކައިވެންޏަށް ދައުވަތު ދިން މަޝްހޫރު މީހުންނަށް ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި ބޮލީވުޑް ތަރިން ކަމަށްވާ ޝާހް ރުކް ޚާނާއި ރަންވީރު ސިންގް ހިމެނެއެވެ.
"އޯޑެމާ ޕިކޭ" މަރުކާގެ މި އަތުކުރީގަޑި އަޅައިގެން މެހެމާނުން ނެގި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވުމުން ބައެއް މީހުން ވަނީ ހިތްހަމަނުޖެހިފައެވެ.

"މީހުން ބުނޭ އިންޑިއާއަކީ އެންމެ ފަގީރު އެއް ގައުމު ކަމަށް. އަމްބާނީ އާއިލާއިން އެ މީހުންގެ މުއްސަނދިކަން އެ ދައްކަމުން ދަނީ މާދަމާއަކީ ނާންނާނެ ދުވަހެއް ކަމަށް ދެކިގެން ފަދަ،" އަނަންތުގެ މި އަގުބޮޑު ހަދިޔާއާމެދު ކޮމެންޓް ކުރި އިންޑިއާ މީހަކު އިންޓަނެޓްގައި ބުނެފައިވެއެވެ.
އެހެން މީހަކު ލިޔެފައިވެއެވެ: "އަނަންތު ކަހަލަ ރަހްމަތްތެރިއަކު ހޯދާ."
"މިއީ މޮޔަވުން ކަހަލަ ކަމެއް،" އަދި އެހެން މީހަކު ބުނެފައިވެއެވެ.

އަނަންތު އާއި ރަދިކާގެ ކައިވެނީގެ މެހެމާނުންގެ ތެރޭގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އިތުރުން މަޝްހޫރު އެތައް ސެލެބްރިޓީންނެއް ހިމެނެއެވެ. އޭގެ ތެރޭގައި ކިމް އަދި ކްލޮއި ކޭޑޭޝަން، ޖޯން ސީނާ، މަހެންދްރަ ސިންގް ދޯނީ، ބާބާ ރާމްދޭވް، ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، އަނަންޔާ ކަޕޫރު، ޝަނާޔާ ކަޕޫރު، އަދި ޝިޚާރު ޕަހަރިޔާ ހިމެނެއެވެ.
އަނަންތު އާއި ރަދިކާގެ ކައިވެނީގެ އިންތިޒާމްތައް ފެށުމުގެ ގޮތުން ވެސް އެކި މެހެފިލްތަކުގައި މަޝްހޫރު ސެލެބްރިޓީން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ރިއާނާ، ކެޓީ ޕެރީ، ޖަސްޓިން ބީބަރ އަދި ބެކްސްޓްރީޓް ބޯއިސް މިއުޒިކް ބޭންޑް ހިމެނެއެވެ.
ކައިވެނީގެ ހުރިހާ މުނާސަބަތެއްގެ ނިމުން ފާހަގަ ކުރީ އިއްޔެއެވެ.
މުކޭޝްގެ މިލްކިއްޔާތުގައި 123 ބިލިއަން ޑޮލަރު ވެއެވެ. އޭނާއަކީ މިހާރު ދުނިޔޭގެ 11 ވަނައަށް އެންމެ މުއްސަނދި މަހުޖަނެވެ.



advertisment