Support Us

ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިންތަކެއް

ހުޅަނގު އައްސޭރީގައި ވަޒަންވެރިވާ ޔަހޫދީންނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅުއަޅައިފި

ހުޅަނގު އައްސޭރީގައި ވަޒަންވެރިވާ ޔަހޫދީންނާއި އެ ކަމަށް ހިތްވަރު ދޭ އިސްރާއީލު ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފިއެވެ.

ހުޅަނގު އައްސޭރީގައި ވަޒަންވެރިވާން ޔަހޫދީންނަށް އެހީވާ އިސްރާއީލުގެ ޖަމާއަތް ލެހާވާގެ އިތުރުން ޣައްޒާއަށް ބައިނަލްއަގުވާމީ މުޖުތަމައުން ފޯރުކޮށްދޭ އެހީއަށް ހުރަސްއަޅާ ޓްސަސްވް9 ޖަމާއަތާ ދެކޮޅަށް ވެސް އެމެރިކާއިން ފިޔަވަޅުއެޅިއެވެ.

މީގެ އިތުރުން ހުޅަނގު އައްސޭރީގައި އެކަހެރިކޮށް ގެދޮރު ހަދާފައިވާ ޔަހޫދީންގެ ހަތަރު "އައުޓްޕޯސްޓް" ސަރަހައްދަކާ ދެކޮޅަށް ވެސް ފިޔަވަޅުއެޅިއެވެ.

މި ގޮތަށް އެމެރިކާއިން ފިޔަވަޅުއެޅީ ހުޅަނގު އައްސޭރިން ޔަހޫދީން ގަވައިދާ ހިލާފަށް ފަލަސްތީނުގެ ބިންތައް އަތުލައި، އެ ތަންތަނުގައި ހަމަނުޖެހުން އުފެއްދުމަށް ޔަހޫދީން މަސައްކަތްކުރަމުންދާތީއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން މި ގޮތަށް ފިޔަވަޅުއެޅުއްވުމުގެ ކުރިން އިނގިރޭސި ވިލާތުން ވެސް ވަނީ ލެހާވާ އާއި ޓްސަސްވް9 އާދެކޮޅަށް ފިޔަވަޅުއަޅައިފައެވެ.

އެމެރިކާއިން ބުނީ ފިޔަވަޅުއެޅި ހަތަރު އައުޓްޕޯސްޓަކީ ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ނައްތައިލުމަށް "ހަތިޔާރާއި އަނިޔާވެރި"ކަމާއެކު މަސައްކަތްކުރާ ހަތަރު އައުޓްޕޯސްޓްކަމަށެވެ.

"ފަލަސްތީނުގެ މީހުންގެ ނާމުސޫފި ކެއުމަށް ބޭނުންކުރާ ދަނޑުބިންތަކާއި އެ ތަކެތި ފެންބޯން ބޭނުންކުރާ ފެންވަޅުތައް އަތުލުމަށް ޔަހޫދީންގެ މި ގްރޫޕްތަކުން މަސައްކަތްކުރަމުންދޭ،" އެމެރިކާގެ ހާރިޖިއްޔާއިން ބުންޏެވެ.

އެ އިދާރާއިން ބުނީ މި ތަނުން އެއް އައުޓްޕޯސްޓަކީ ޔަހޫދީއެއް ކަމަށްވާ އައިސަސްކާރް މެއަން ވެރިކޮށްލައިގެން އުޅޭ ބިމެއް ކަމަށެވެ.

"އެ ބިމަކީ ފަލަސްތީނު ބައެއްގެ ބިމެއް. ޔަހޫދީން ވަޒަންވެރިވަމުންދަނީ ނާމުސޫފި ހުއިހައްޕާ ފަލަސްތީނު މީހުންނަށް ހަމަލާ ދެމުން. އަދި ނާމުސޫފި ވިނަ ކާން ބޭނުންކުރާ ބިންތަކުން ފަލަސްތީނު މީހުން މަހުރޫމުކުރަން ވެސް ޔަހޫދީ ވަޒަންވެރިން މަސައްކަތްކުރޭ،" އެމެރިކާގެ ހާރިޖިއްޔާއިން ބުންޏެވެ.

އެ އިދާރާއިން ބުނީ 10،000 ޔަހޫދީން ހިމެނޭ ލެހާވާއަކީ އިސްރާއީލުގައި އޮތް އެންމެ ބޮޑު ހައްދުފަހަނަޅާފައިވާ ޖަމާއަތް ކަމަށެވެ.

"ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުން ހިންގާ އަނިޔާވެރިކަމާއި ހުޅަނގު އައްސޭރީގެ އަމަން ނަގައިލަން މަސައްކަތްކުރުމުން ހަގީގަތުގައި އިސްރާއީލުގެ ސަލާމަތްތެރިކަން އެ ގެއްލެނީ،" އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު މެޓްހިއު މިލަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް މި ފަދަ އަނިޔާވެރިކަން ހިންގާ ޔަހޫދީންނާއި ޔަހޫދީ ގްރޫޕްތަކާ ދެކޮޅަށް ވަގުތުން ފިޔަވަޅުއެޅުމަށް އިސްރާއީލު ސަރުކާރަށް ވަރަށް ބޮޑަށް ހިތްވަރު ދޭ ކަމަށެވެ.

"އެހެން ނޫނީ ދެން ޖެހޭނީ އެމެރިކާ ސަރުކާރަށް މި ފަދަ ފަރާތްތައް ޒިންމާދާރުކުރުވަން،" މެޓްހިއު ވިދާޅުވިއެވެ.

އެމެރިކާގެ މި ފިޔަވަޅުގެ ސަބަބުން އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫގެ ސަރުކާރުގެ ކޯލިޝަންގެ ބައެއް މެންބަރުން ވަނީ ހިތްހަމަނުޖެހިފައެވެ. އެ ފަރާތްތަކުން ބޭނުންވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވައި، ފަލަސްތީނުގެ ދައުލަތެއް ގާއިމު ނުކުރެވޭނެ ގޮތް ހެދުމަށެވެ.

ލެހާވާ ޖަމާއަތުގެ ފައުންޑަރު ބެން-ޒަޔަން ގޮޕްސްޓައިންއަކީ އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމަރ ބެން-ގްވިރްއާ ގާތް މީހެކެވެ. ޚުދު އިޓަމަރ ވެސް ދިރިއުޅެނީ އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގައި ހަދައިފައިވާ ގެއެއްގައެވެ. އިސްރާއީލުން ބޭނުންވަނީ އާޚިރުގައި ހުޅަނގު އައްސޭރި އެއްކޮށް އިސްރާއީލުގެ ބަޔަކަށް ހަދާށެވެ.

އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތްކަމަށްވާ ހިއުމަން ރައިޓްސް ވޮޗުން ވަނީ

އެމެރިކާއިން މި އެޅި ފިޔަވަޅަށް މަރުހަބާ ކިޔައިފައެވެ.

"ހުޅަނގު އައްސޭރީގައި ވަޒަންވެރިވާ ޔަހޫދީންނަށް އެހީވާތީ އިސްރާއީލު ސަރުކާރާ ދެކޮޅަށް ސީދާ ފިޔަވަޅުއެޅުމަށް ވެސް އެމެރިކާއަށް އަހަރެމެން ގޮވައިލަން،" އެ ޖަމާއަތުގެ ޑިރެކްޓަރު ސާރާ ޔޭގަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށްވުރެ ބޮޑު ފިޔަވަޅެއް ބައިޑަންގެ ސަރުކާރުން މި ފަހަރު އެޅުމުން އެ ކަމާ އުފާކުރާކަމަށެވެ.

"ޔަހޫދީ ވަޒަންވެރިންނަށް ހިތްވަރު ދީ އަދި ތާއީދު ކުރާ ފަރާތްތަކާ ދެކޮޅަށް އެމެރިކާ، އިނގިރޭސި ވިލާތް، ކެނެޑާ އަދި އެހެން ގައުމުތަކުން ވެސް ފިޔަވަޅު އަޅަން އަހަރެމެން އެދެން،" ސާރާ ވިދާޅުވިއެވެ.

އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ. އަދި ޔަހޫދީންގެ އައުޓްޕޯސްޓްތައް ހެދުމަކީ ޚުދު އިސްރާއީލުގެ ގާނޫނުތަކާ ވެސް ހިލާފު ކަމެކެވެ. މެދުއިރުމަތީގައި ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމު ކުރުމަށް ތާއީދުކުރާ އިސްރާއީލުގެ ޖަމާއަތެއް ކަމަށްވާ ޕީސް ނައުއިން ބުނީ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ 200 އެއްހާ އައުޓްޕޯސްޓް ހުރި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *