ފެނުން ހަކަތަ އުފައްދައިދޭ ހައިޑްރޯޕަވަރ ޕްލާންޓެއް އިންޑިއާއިން ޗައިނާގެ ބޯޑަރު ކައިރީގައި ހަދަން ތައްޔާރުވާތީ ޗައިނާއިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ހިމާލަޔާ ފަރުބަދަތަކުގެ ކޯރުތަކުން ދަތުރުކުރާ ފެނުގެ ޒަރީއާއިން މި ޕްލާންޓް ހަދަނީ އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝްގައި ކަމަށްވާތީ ޗައިނާއިން ވަނީ އެ ކަމާ ނުރުހުން ފާޅުކޮށްފައެވެ. އިންޑިއާގެ އިރުއުތުރުގައި އޮންނަ މި ސްޓޭޓަކީ ޗައިނާގެ ޓިބެޓްގެ ބައެއް ކަމަށް ޗައިނާއިން ދައުވާކުރެއެވެ.
"ޗައިނާގެ ސަރަހައްދެއްގައި މި ކަހަލަ އިންފްރާސްޓްރަކްޗަރު މަޝްރޫއެއް ކުރިއަށްގެންދިއުމަކީ ގާނޫނާ ހިލާފު ބާތިލު އަމަލެއް. މި ކަހަލަ ޕްރޮޖެކްޓެއް ހިންގާކަށް އިންޑިއާއަކަށް ހައްގެއް ނެތް،" ޗައިނާގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އިންޑިއާއިން ދަނީ އެއް ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހައިޑްރޯޕަވަރ ޕްލާންޓްގެ 12 ސްޓޭޝަން ހެދުމަށް ތައްޔާރުވަމުންނެވެ.
މި މަޝްރޫއަކީ އެކަހެރިކޮށް އޮންނަ، އާބާދީ ކުޑަ އަރޫނާޗަލް ޕްރަދޭޝް ތަރައްގީ ކުރަން އިންޑިއާއިން ރާވައިފައިވާ މަޝްރޫއެކެވެ.
ޗައިނާ އާއި އިންޑިއާ ގުޅޭ ބޯޑަރުގައި އޮންނަ މި ސްޓޭޓަށް އިންޑިއާގެ ސިޔާސީ ލީޑަރުން ވަޑައިގަންނަވާތީ އެ ކަމާ ވެސް ޗައިނާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ބެލެވޭ ގޮތުގައި އަރޫނާޗަލް ޕްރަދޭޝްގައި އިންޑިއާއިން ހަދަން އުޅޭ ހައިޑްރޯޕަވަރ ޕްލާންޓް މަޝްރޫއު ރަސްމީކޮށް އިއުލާން ކުރާނީ މި މަހުގެ 24 ވަނަ ދުވަހު ހާމަ ކުރާ އިންޑިއާގެ ގައުމީ ބަޖެޓުގައެވެ.



advertisment