Support Us

ރަޝިއާގެ ވެރިރަށް މޮސްކޯގައި ޕުޓިން އިއްޔެ މޯދީއާ ބައްދަލުކުރައްވަނީ

ރަޝިއާގެ އެންމެ މަތީ ޝަރަފު މޯދީ އަށް

މީގެ ފަސް އަހަރު ކުރިން ރަޝިއާއިން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް އެރުވި ރަޝިއާގެ އެންމެ މަތީ ޝަރަފާ މޯދީ ހަވާލުވެވަޑައިގެންފިއެވެ.

މޯދީ މި އެވޯޑާ ހަވާލުވެ ވަޑައިގަތީ ރަޝިއާއަށް ކުރެއްވި ރަސްމީ ދަތުރުގައި އިއްޔެއެވެ.

އޭނާއަށް މި އެވޯޑު ލިބިވަޑައިގަތީ 2019 ގައެވެ. އެއީ ރަޝިއާ އާއި އިންޑިއާގެ ގުޅުން ރަނގަޅު ކުރެއްވުމަށް ކުރައްވާ "އާދަޔާހިލާފު ހިދުމަތަށް" ކަމަށްވެއެވެ.

"އޯޑަރ އޮފް ސެއިންޓް އެންޑްރޫ ދި އެޕޯސްޓްލް ދަ ފަސްޓް ކޯލްޑް" ނަމަކަށް ކިޔާ މި ޝަރަފު މޯދީއަށް ހަވާލުކޮށްދެއްވީ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއެވެ. އެއީ ވެރިރަށް މޮސްކޯގައި ހުންނަ ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފާޑުކިޔުން އަމާޒުވިޔަސް ޕުޓިންގެ ގައިގައި މޯދީ އިއްޔެ ބައްދާލަނީ

މި އެވޯޑަކީ 1698 ވަނަ އަހަރު ރަޝިއާގެ ވެރިޔާ ނުވަތަ "ޒާ" ޕީޓަރ ދަ ގްރޭޓް އުފެއްދެވި ޝަރަފެކެވެ.

"މި ޝަރަފު ދިނީތީ ރަޝިއާގެ ސަރުކާރަށް ޝުކުރުވެރިވަން،" މޯދީ އެކްސްގައި ލިޔުއްވިއެވެ. އޭނާ ވިދާޅުވީ މިއީ އިންޑިއާ ރައްޔިތުންނަށް ލިބޭ ޝަރަފެއް ކަމަށެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރަޝިއާއަށް ކުރެވި ފުރަތަމަ ދަތުރު މޯދީ ނިންމަވައިލެއްވީ އިއްޔެއެވެ. މި ދަތުރު ލަސްވެގެންދިޔައީ 2022 ގައި ރަޝިއާއިން ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފެށީމައެވެ.

ރަޝިއާއަށް ސީދާ ފާޑުވިދާޅު ނުވި ނަމަވެސް މޯދީ ވިދާޅުވީ ސުލްހަވެރި ގޮތުގައި ހަނގުރާމަ ނިންމައިލަން ޖެހޭނެ ކަމަށެވެ.

މޯދީ ރަޝިއާއަށް ވަޑައިގަތުމުން ހުޅަނގުގެ ގައުމުތަކުން ވަނީ އެ ކަމާ ހިތްހަމަނުޖެހިފައެވެ. އަދި އިންޑިއާއާ ވާދަވެރި ގައުމެއް ކަމަށްވާ ޗައިނާއާ ރަޝިއާ ގާތްވާން ފެށުމުން އެ ކަމުން އިންޑިއާއާ ރަޝިއާގެ ގުޅުމަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައެވެ.

ރަޝިއާއަށް މޯދީ ވަޑައިގަތީ އިއްޔެ ނޫން އެހަށް ދުވަހުއެވެ. އެއީ ރަޝިއާއިން ޔޫކްރެއިނަށް މިސައިލުތަކެއް ފޮނުވައިލައި، އޭގެ ސަބަބުން 42 މީހުން މަރުވެ، އަދި ކުޑަކުދިންގެ ހޮސްޕިޓަލެއް ސުންނާފަތިވެފައިވަނިކޮށެވެ.

މި ކަމާ ގުޅިގެން މޯދީ ވިދާޅުވީ ހަނގުރާމައެއް ވިޔަސް ނުވަތަ ނިރުބަވެރި ހަމަލާއެއް ވިޔަސް، އިންސާނިއްޔަތުކަން ބަލައިގަންނަ ކޮންމެ މީހަކަށް ވެސް މީހެއްގެ ފުރާނަ ގެއްލުމުން ހިތުގައި ވޭން އަޅާނެ ކަމަށެވެ.

"މައުސޫމު ކުޑަކުދިން މަރުވާ މަންޒަރު ފެނުމުން ހިތަށް ތަދު އިހުސާސް ކުރެވޭ. އެއީ ވަރަށް ވޭން ހުރި ތަދެއް،" މޯދީ ޕުޓިން އަރިހުގައި ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ ޔޫކްރެއިން މައްސަލައިގައި ތަފުސީލީ ގޮތެއްގައި ޕުޓިން އާއެކު ވާހަކަ ދެއްކެވި ކަމަށެވެ.

"ވަރަށް އިހުތިރާމާއެކު އެކަކު އަނެކަކާ ހިޔާލުބަދަލުކުރިން،" މޯދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަނގުރާމައިގެ މައިދާނެއްގައި މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ.

"ބޮމާއި ބަޑި އާއި ވަޒަންތަކުގެ ތެރޭގައި ސުލްހަވެރި ހައްލެއް ނުފެންނާނެ. ސުލްހައިގެ ވާހަކަތައް ކާމިޔާބެއް ނުވާނެ. ސުލްހައިގެ މަގުން ހިނގޭނީ ވާހަކަ ދައްކައިގެން،" މޯދީ ވިދާޅުވިއެވެ.

ޕުޓިން ވިދާޅުވީ މޯދީ އާއެކު "ހުރިހާ މައްސަލައެއްގެ ވާހަކަ ދެއްކި" ކަމަށެވެ.

"އަހަރެމެންގެ ދެމެދުގައި މިއޮތީ ވަރަށް ހާއްސަ ގުޅުމެއް،" ޕުޓިން ވިދާޅުވިއެވެ.

މޯދީ ބައްދަލު ކުރައްވާ ކޮންމެ މީހެއްގެ ގައިގައި މޯދީ ބައްދައިލައެވެ. އެ ގޮތުން ޕުޓިންގެ ގައިގައި ވެސް ބައްދައިލުމުން އިންޑިއާގެ ރައްޔިތުންނާއި ހުޅަނގުގެ ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

"ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީގެ ވެރިޔާ މި ފަދަ ދުވަހެއްގައި މޮސްކޯގައި ދުނިޔޭގައި ލޭއޮހޮރުވައިލި އެންމެ ބޮޑު މުޖުރިމުގެ ގައިގައި ބައްދައިލުމަކީ ވަރަށް ބޮޑު ހިތާމަހުރި ކަމެއް. ސުލްހަ ގާއިމުކުރަން އެޅުނު ބޮޑު ހުރަހެއް،" މޯދީގެ ނަން ނުގަނެ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވިއެވެ.

އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު މެޓްހިއު މިލަރ ވިދާޅުވީ އިންޑިއާއިން ރަޝިއާ އާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން އެމެރިކާއަށް ލިބޭ ކަންބޮޑުވުންތައް އިންޑިއާއަށް ސީދާ ގޮތެއްގައި ސާފުކޮށްދީފައިވާނެ ކަމަށެވެ.

"އިންޑިއާއާއެކު ފުރިހަމައަށް އެމެރިކާއިން ވާހަކަ ދައްކާ،" މެޓްހިއު ވިދާޅުވިއެވެ.

މޯދީ އެންމެ ފަހުން ރަޝިއާއަށް ވަޑައިގަތީ 2019 ގައެވެ. އެ ފަހަރު ރަޝިއާގެ ސިޓީއެއް ކަމަށްވާ ވްލަޑިވޮސްޓޮކްގައި ޕުޓިންއާ ބައްދަލުކުރެއްވިއެވެ. އޭގެ ފަހުން 2022 ގައި ޝަންގްހާއީ ކޫޕަރޭޝަން އޯގަނައިޒޭޝަނުން އުޒްބަކިސްތާނުގައި ބޭއްވި ބައްދަލުވުމެއްގައި ވެސް މޯދީ ޕުޓިންއާ ބައްދަލު ކުރެއްވިއެވެ.

ރަޝިއާއަށް ކުރެއްވި ދަތުރު ނިންމަވައިލެއްވުމަށްފަހު މޯދީ ވަޑައިގަތީ މެދުތެރޭ ޔޫރަޕްގެ ގައުމެއް ކަމަށްވާ އޮސްޓްރިއާއަށެވެ. މިހެންވެ އޭނާ ވެފައިވަނީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އޮސްޓްރިއާއަށް ޒިޔާރަތްކުރެއްވި ފުރަތަމަ އިންޑިއާގެ ބޮޑު ވަޒީރަށެވެ.

މޯދީ ވިދާޅުވީ އޮސްޓްރިއާ އާއެކު އޮތް ގުޅުންތައް ހަރުދަނާ ކުރުމުގެ އިތުރުން ދުނިޔެއަށް ކުރިމަތިވެފައިވާ އެތައް ގޮންޖެހުންތަކުގައި އެކުގައި މަސައްކަތް ކުރާނެ ގޮތްތައް ދެނެގަންނާނެ ކަމަށެވެ.

"އިންޑިއާ އާއި އޮސްޓްރިއާ އާދެމެދު އޮތީ ބާރުގަދަ ރަހްމަތްތެރިކަމެއް. ކުރިމަގުގައި އަދި މިހާރަށް ވުރެ ވެސް މި އެކުވެރިކަން ވަރުގަދަވާނެ،" މޯދީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް